ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ފަސްވަނަ މެޗުގައި ސްޕެއިނާއި ޖަޕާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ޖަޕާނުން މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު ބަލިކުރި އިރު، ދެވަނަ މެޗުގައި މާޔޫސީ ބައްޔެއްވީ ކޮސްޓަ ރީކާ އަތުން. އެ ބައްޔާއެކުވެސް މިރޭގެ މެޗުގައި ސްޕެއިން ބަލިކޮށް، އެޓީމަށް އަދިވެސް އަމިއްލަ ބާރުގައި ގަދަ 16 އަށް ދެވެން އެބައޮތް. މިދިޔަ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16ގައި ބެލްޖިއަމް އަތުން ހިތްދަތިކޮށް ކަޓައިގެން ދިޔަ ޖަޕާން މިރޭ ނުކުންނާނީ އުނދަގޫ މެޗަކަށް ކަމަށް ކޯޗު މޮރިޔަސޫ ފާހަގަކޮށްފައިވާ އިރު، އޭނާ ބުނީ މެޗަށް ޕްރެޝަރެއް ނެތް ކަމަށް.

ސްޕެއިންނަށް މިރޭގެ މެޗު އެއްވަރުކޮށްލައިގެންވެސް ގަދަ 16 ޔަގީން ކުރެވެން އޮތް އިރު، އެއްވަރު ވެއްޖެ ނަމަ ގްރޫޕްގެ އެއްވަނަ އެޓީމަށް ލިބެން އޮތީ ޖަރުމަނުން ކޮސްޓަ ރީކާ ބަލިކުރުމުން.

  • ސްޕެއިން - ލުއިސް އެންރީކާ

"ދެވަނަ ހޯދަން ނުވިސްނަން. މޮޅަކަށް ކުޅޭނީ އަހަރެމެން ދެވަނަ ހޯދަން 90 މިނެޓާ ހަމައަށް ގޯލެއް ނުޖަހައި އެއްވަރުކޮށް ކުޅެނިކޮށް އަނެއް މެޗުވެސް އެނަތީޖާގައި އޮއްވައި ޖަޕާނާއި ކޮސްޓަ ރީކާ ޖަހާ ގޯލުން އަހަރެމެން ކަޓާނެ. ނޫނީ ޖަރުމަނު 5-0 ގެ ތަފާތަކުން މޮޅުވިޔަސް އެހެން އޮވެފައި ޖަޕާނުން ގޯލެއް ޖެހީ އަހަރެމެން ކެޓީ. އެހެންވީމާ އެކަމެއް ނުކުރާނަން. ކުޅޭނީ އެއްވަނަ ނަގަން. ޓީމު ރޫހު ހުންނަންވާނީ ކުޅެން ޖެހުނު ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ ފައިނަލަށްވެސް ދާން. ބްރެޒިލާ އެކު ކުއާޓާގައި ޖެހިއްޖެއްޔާ އެއީ ޖެހުނީ. އެ މެޗު ވާނީ ވަރުގަދަ މެޗަކަށް،"

  • ޖަޕާން - ހަޖިމީ މޮރިޔަސޫ

"އަހަރެން މިއަދު އައީ ބުނަން ޖެހޭނެ ބައެއް އެއްޗެހި ނޯޓު ފޮތެއްގައި ލިޔެގެން. ފުރަތަމަ ބުނަން ބޭނުންވާ އެއްޗަކީ މާޒީ ބަދަލު ނުވާނެ ކަމަށް. ދެން ބުނަން އޮތް ވާހަކަތަކަކީ ސްޕެއިނަކީ ފިޒިކަލީ، ޓެކްޓިކަލީ، ޓެންނިކަލީވެސް ވަރަށް ތަފާތު މޮޅު ޓީމެއް ކަމަށް. ހާއްސަކޮށް ކޯޗު ލުއިސް އެންރީކޭގެ ކޯޗުކަމުގައި ޖަޕާން ފެންނަނީ ވަރަށް ތަފާތުކޮށް. އެމެޗަކީ އަހަރެމެންނަށް ވަރަށް މާޔޫސީ މެޗެއް. ދެން އޮތީ އޭޝިއާ އާއި ޔޫރަޕްގެ ފުޓުބޯޅައިގެ ވާހަކަ. އެންމެން މިވަގުތު ބަލަނީ ޔޫރަޕްގެ ފުޓުބޯޯޅަ، ފޮލޯ ކުރަނީވެސް އެ ލީގުތައް. އެއީ ޓެންނިކަލީ އަދި ފިޒިކަލީވެސް ރަނގަޅުވީމަ. އެކަމަކު އެ ފަރަގު ކުޑަކުރެވޭ އެބަ. ޖަޕާނުގެ ފުޓުބޯޅައިގެ މިސްރާބު މިހުރީ 2050 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް. އެހެންވީމަ މި ވިސްނަނީ ސްޕެއިން މެޗަކީ ގްރޫޕް ސްޓޭޖުން ސަލާމަތްވެ، މުސްތަގުބަލަށް އެޅޭނެ ފިޔަވަޅަކަށް ވާނެ ކަމަށް،"