މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފިއެވެ.
އެމްއެންޕީން މިއަދުކުރި އިއުލާނެއްގައި ބުނީ، ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފޯމު ފުރުމަހަށްފަހު މިމަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހަޅަން ވާނެ ކަމަށެވެ.
މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ މިއަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.
އެމްއެންޕީގެ ރައީސް، ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވަނީ މީގެ ކުރިން ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ހާމަކުރައްވައިފައެވެ. އެ ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރާނެކަން އަދި އެހެން ކެންޑިޑޭޓަކު ހާމަކޮށްފައެއް ނުވެއެވެ.
އެމްއެންޕީން ވަނީ މިއަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަން ހާމަކޮށް މެނިފެސްޓޯ ވެސް ލޯންޗުކޮށްފައެވެ.
އެމްއެންޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދަފައިވާ ޕާޓީއެކެވެ. އެޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެސް ވާދަކޮށްފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކޮށް އެޕާޓީގެ ބައެއް ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.
އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން އެމްއެންޕީއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 8،145 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު