މިވަގުތު ޔޫރަޕް ފުޓުބޯޅައާއި އޭޝިއާގެ ފުޓުބޯޅައާ ދެމެދު ތަފާތުތަކެއް ފެންނަން ހުރި ނަމަވެސް، އެ ފަރަގު އަންނަނީ ކުޑަވަމުން ކަމަށާއި، ޖަޕާނުގެ ދުރު ރާސްތާ ޕްލޭނަކީ 2050 ވަނަ އަހަރުގެ ވޯލްޑް ކަޕް ނެގުން ކަމަށް ކޯޗު ހަޖިމޭ މޮރިޔަސޫ ބުނެފިއެވެ.
ޖަޕާނުން މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު ބަލިކުރި އިރު، ދެވަނަ މެޗުގައި މާޔޫސީ ބައްޔެއްވީ ކޮސްޓަ ރީކާ އަތުންނެވެ. އެ ބައްޔާއެކުވެސް މިރޭގެ މެޗުގައި ސްޕެއިން ބަލިކޮށް، އެޓީމަށް އަދިވެސް އަމިއްލަ ބާރުގައި ގަދަ 16 އަށް ދެވެން އެބައޮތެވެ. މިދިޔަ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16ގައި ބެލްޖިއަމް އަތުން ހިތްދަތިކޮށް ކަޓައިގެން ދިޔަ ޖަޕާން މިރޭ ނުކުންނާނީ އުނދަގޫ މެޗަކަށް ކަމަށް ކޯޗު މޮރިޔަސޫ ފާހަގަކޮށްފައިވާ އިރު، އޭނާ ބުނީ މެޗަށް ޕްރެޝަރެއް ނެތް ކަމަށެވެ.
"އަހަރެން މިއަދު އައީ ބުނަން ޖެހޭނެ ބައެއް އެއްޗެހި ނޯޓު ފޮތެއްގައި ލިޔެގެން. ފުރަތަމަ ބުނަން ބޭނުންވާ އެއްޗަކީ މާޒީ ބަދަލު ނުވާނެ ކަމަށް. ދެން ބުނަން އޮތް ވާހަކަތަކަކީ ސްޕެއިނަކީ ފިޒިކަލީ، ޓެކްޓިކަލީ، ޓެންނިކަލީވެސް ވަރަށް ތަފާތު މޮޅު ޓީމެއް ކަމަށް. ހާއްސަކޮށް ކޯޗު ލުއިސް އެންރީކޭގެ ކޯޗުކަމުގައި ޖަޕާން ފެންނަނީ ވަރަށް ތަފާތުކޮށް." މޮރިޔަސޫ ބުންޏެވެ.
ޖަޕާނާއި ސްޕެއިން އެންމެފަހުން ވާދަކުރި މެޗަކީ މިދިޔަ އަހަރު ޓޯކިޔޯގައި އޮތް އޮލިމްޕިކްސްގެ ސެމީ ފައިނަލް މެޗެވެ. އެމެޗުގައި ސްޕެއިންގެ ޒުވާން ޓީމެއް ނުކުތް އިރު، މިހާރުގެ ޓީމުގައި އެފަހަރު އޮލިމްޕިކްސްއަށް ދިޔަ ގިނަ ކުޅުންތެރިންތަކެއް ކޯޗު އެންރީކޭ ވަނީ ހިމަނައިފައެވެ. ޖަޕާން ޓީމުގައިވެސް އެ ސްކޮޑުގެ ހަތް ކުޅުންތެރިޔަކު އެބަތިބިއެވެ. އެފަހަރު ސްޕެއިނަކީ އޮލިމްޕިކްސް ރިހި މެޑަލް ހޯދި ޓީމެވެ.
"އެމެޗަކީ އަހަރެމެންނަށް ވަރަށް މާޔޫސީ މެޗެއް. ދެން އޮތީ އޭޝިއާ އާއި ޔޫރަޕްގެ ފުޓުބޯޅައިގެ ވާހަކަ. އެންމެން މިވަގުތު ބަލަނީ ޔޫރަޕްގެ ފުޓުބޯޯޅަ، ފޮލޯ ކުރަނީވެސް އެ ލީގުތައް. އެއީ ޓެންނިކަލީ އަދި ފިޒިކަލީވެސް ރަނގަޅުވީމަ. އެކަމަކު އެ ފަރަގު ކުޑަކުރެވޭ އެބަ. ޖަޕާނުގެ ފުޓުބޯޅައިގެ މިސްރާބު މިހުރީ 2050 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް. އެހެންވީމަ މި ވިސްނަނީ ސްޕެއިން މެޗަކީ ގްރޫޕް ސްޓޭޖުން ސަލާމަތްވެ، މުސްތަގުބަލަށް އެޅޭނެ ފިޔަވަޅަކަށް ވާނެ ކަމަށް،" ކުރިން ގައުމީ ޓީމަށް ކުޅުނު މޮރިޔަސޫ ބުންޏެވެ.
ޖަޕާނާއި ސްޕެއިން ވާދަކުރާ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022