Close
ގަތަރު ވޯލްޑް ކަޕް 2022

ކުއާޓާގައި ބްރެޒިލާ ޖެހިދާނެ ކަމުގެ ބިރަށް ގްރޫޕްގެ ދެވަނަ ހޯދަން ސްޕެއިނަކުން ނޫޅޭނެ!

ގްރޫޕްގެ ދެވަނަ ހޯދަން މެޗު އެއްވަރުކުރަން ސްޕެއިން ނުކުޅޭނެ ކަމަށް ކޯޗު ލުއިސް އެންރީކާ ބުނެފިއެވެ.

އެންރީކޭ އެހެން ބުނެފައި ވަނީ ސްޕެއިނުން ގްރޫޕް އީގައި އެޓީމު މިރޭ ޖަޕާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ސްޕެއިންނަށް މިރޭގެ މެޗު އެއްވަރުކޮށްލައިގެންވެސް ގަދަ 16 ޔަގީން ކުރެވެން އޮތް އިރު، އެއްވަރު ވެއްޖެ ނަމަ ގްރޫޕްގެ އެއްވަނަ އެޓީމަށް ލިބެން އޮތީ ޖަރުމަނުން ކޮސްޓަ ރީކާ ބަލިކުރުމުންނެވެ. އެހެންކަމުން މެޗު އެއްވަރުކޮށް ދެވަނަ ހޯދަން މަސައްކަތް ކުރާނެތޯ ނޫސްވެރިން އެހީ، ބްރެޒިލާ ސްޕެއިން ކުއާޓާގައި ކުޅެން ޖެހޭނެ ގޮތެއް ބަލައިގެންނެވެ.

ބްރެޒިލުން މިހާތަނަށް ގަދަ 16 ޔަގީން ކޮށްފައި އޮތް އިރު، ކެމަރޫން ކައިރިން ޕޮއިންޓެއް ހޯދިޔަސް އަމިއްލަ ބާރުގައި ގްރޫޕްގެ އެއްވަނަ ހޯދޭނެއެވެ. ބްރެޒިލުން ގްރޫޕް އެއްވަނަ ހޯދުމުން ގަދަ 16ގައި ކުޅެން ޖެހޭނީ ގްރޫޕް އެޗްގެ ދެވަނަ ޓީމާ ދެކޮޅަށެވެ. ސްޕެއިނުން ގަދަ 16ގައި ވާދަކުރަން ޖެހޭނީ ގްރޫޕް އެފްގެ ޓީމަކާއެވެ.

ދެޓީމުވެސް އެއްފަޅިއެއްގައި އޮތުމުން، ކުއާޓާ ފައިނަލަށް ދާނީ ސްޕެއިނާއި ބްރެޒިލް ކުޅޭ ގަދަ 16ގެ މެޗުތަކުން މޮޅުވާ ޓީމެކެވެ. އެފަޅިން ކުއާޓާއަށް ގޮސް، ބްރެޒިލާއި ސްޕެއިން ކުއާޓާގައި ވާދަކުރަން ޖެހުމުގެ ފުރުސަތު އެބައޮތެވެ.

"ތިއީ ވަރަށް ރަނގަޅު ސުވާލެއް. އަހަރެމެންވެސް އެހެން ވިސްނިން. އެކަމަކު ވިސްނާލާ! އަހަރެމެން ދެވަނަ ހޯދަން 90 މިނެޓާ ހަމައަށް ގޯލެއް ނުޖަހައި އެއްވަރުކޮށް ކުޅެނިކޮށް އަނެއް މެޗުވެސް އެނަތީޖާގައި އޮއްވައި ޖަޕާނާއި ކޮސްޓަ ރީކާ ޖަހާ ގޯލުން އަހަރެމެން ކަޓާނެ. ނޫނީ ޖަރުމަނު 5-0 ގެ ތަފާތަކުން މޮޅުވިޔަސް އެހެން އޮވެފައި ޖަޕާނުން ގޯލެއް ޖެހީ އަހަރެމެން ކެޓީ. އެހެންވީމާ އެކަމެއް ނުކުރާނަން. ކުޅޭނީ އެއްވަނަ ނަގަން. ޓީމު ރޫހު ހުންނަންވާނީ ކުޅެން ޖެހުނު ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ ފައިނަލަށްވެސް ދާން. ބްރެޒިލާ އެކު ކުއާޓާގައި ޖެހިއްޖެއްޔާ އެއީ ޖެހުނީ. އެ މެޗު ވާނީ ވަރުގަދަ މެޗަކަށް،" އެންރީކޭ ބުންޏެވެ.

އެންރީކޭ ސަމާސާ ރާގަކަށް ބުނީ "ބިސްތައް ނުމޮވަނީސް ކުކުޅުގެ އަދަދު ގުނަން ނުތިބެވޭނެ،" ކަމަށެވެ.

ސްޕެއިނާއި ޖަޕާން ވާދަކުރާ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.