އާޖެންޓީނާއިން ރޭ ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނަލް މެސީ ޖެހި ޕެނަލްޓީ ޕޮލެންޑްގެ ގޯލްކީޕަރު ވޮޝެކް ޝެޒްނީ ވަނީ މަތަކޮށްފައެވެ. އެއީ ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ލީޑު ނަގަން ލިބުނު ރަނގަޅު ފުރުސަތެއް ނަމަވެސް، އެ ފުރުސަތު މެސީ އަތުންވީ ބޭކާރެވެ. އެހެންކަމުން އެޓީމުން މޮޅަކަށް ކުރަމުން އައި އުންމީދަށް ޖެހުނީ ކެތްތެރިވާށެވެ. ރޭގެ މެޗުން އާޖެންޓީނާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި އާޖެންޓީނާގެ ގޯލުތައް މެކް އެލިސްޓާއާއި ޖޫލިއަން އަލްވަރޭޒް ޖަހައިދިން އިރު، ގްރޫޕުގެ އެއްވަނައިގައި އާޖެންޓީނާ ނިންމާލީ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ނިންމާލި ޕޮލެންޑް އަދި ތިންވަނައިގައި ނިންމާލި މެކްސިކޯއަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޕޮލެންޑް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ސައުދީއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެސީ ބުނީ ޕެނަލްޓީގެ ނާކާމިޔާބީގައި ހިތްހަމަ ނުޖެހުން ހުރި ނަމަވެސް، އޭނާގެ ގޯސް ފޫބައްދަން ޓީމުން ދެއްކީ ހިތްވަރު ކަމަށެވެ.

"އަހަރެން އަދިވެސް މިހުރީ ޕެނަލްޓީ ނާކާމިޔާބުވުމުން ހިތްހަމަ ނުޖެހިފައި. އަހަރެންގެ އެ ގޯސް ފޫބައްދަން ޓީމް ނުކުތީ ހިތްވަރުގައި. އާޖެންޓީނާގެ ހުރިހާ ކުޅުންތެރިން ދައްކުވައިދިނީ މޮޅުވާންކަން ނުކުތީ، މޮޅުވެވޭނެކަން ގަބޫލުކޮށްގެންކަން ނުކުތީ. ފުރަތަމަ ގޯލް ޖެހުނު ހިސާބުން އަސްލު ބޭނުންވާ ކުޅުން ޓީމުގެ ފަރާތުން ފެނުނު،" އުމުރުން 35 އަހަރުގެ މެސީ ބުންޏެވެ.

މެސީ ބުނީ މިހާރު އޮތް އާޖެންޓީނާ ޓީމުގެ އެންމެ ބޮޑު ހިތްވަރަކީ ކުޅުންތެރިންގެ އެކުވެރިކަން ކަމަށާއި، ފުރަތަމަ ފެށުމުގައި ވީ ބަލިން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަންވެސް ދަސްވެއްޖެ ކަމަށެވެ.

"މިހާރު މިއޮތް ޓީމުގެ އެންމެ ބޮޑު ހިތްވަރަކީ ޓީމުގެ އެކުވެރިކަން. އެ ބޮންޑް. މިފަހަރު ފެށުނީ ވަރަށް ބޮޑު ގޯހަކުން. އެކަމުގައި އެންމެން ހާސްވެ މާޔޫސްވި. އެކަމަކު އެއީ ފިލާވަޅެއް ކަމަށް ބަލައި ކުރިއަށް ދިޔައީ. މަޑުމަޑުން ދެން ކުރިއަށް ދާންވީ. އުންމީދަކީ މި ފެންވަރުގައި ކުރިއަށް ހުރި މެޗުތައްވެސް ނިންމާލުން،" މެސީ ބުންޏެވެ.

މެސީއާއި އާޖެންޓީނާ ގަދަ 16ގައި ނުކުންނަން ޖެހޭނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.