ގަތަރު ވޯލްޑް ކަޕް 2022

މެންޑޭސްއަށް އަނިޔާވެ ވޯލްޑް ކަޕް ނިމިއްޖެ، ބެން ވައިޓް އާއިލީ ކަމެއްގައި ކޭމްޕު ދޫކޮށްލައިފި!

ގަތަރު ވޯލްޑް ކަޕް 2022 ގައި ޕޯޗުގަލްއަށް މުހިއްމު ކުޅުމެއް ދައްކަމުންދާ ނޫނޯ މެންޑޭސްއަށް އަނިޔާވެ ވޯލްޑް ކަޕްގެ ބާކީބައިގައި ނުކުޅެވޭނެ ކަން ޔަގީން ވެއްޖެއެވެ.

ޕޯޗުގަލްގެ ވާތް ފަޅިން ފަހަތަށް ކުޅޭ މެންޑޭސްއަށް އަނިޔާވެފައި ވަނީ އެންމެފަހުން ޕޯޗުގަލުން އުރުގުއާއީއާ ދެކޮޅަށް ވޯލްޑް ކަޕްގައި ކުޅުނު މެޗުގައެވެ. އޭނާގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސްކޭންތަކަށްފަހު މިއަދު އެނގިފައިވާ ގޮތުގައި، ވޯލްޑް ކަޕްގެ ނިމެންދެން އޭނާ ކުޅުމާ ދުރަށް ދާން ޖެހޭނެއެވެ. އުމުރުން 20 އަހަރުގެ މެންޑޭސްއަށް އަނިޔާވެ އުރުގުއާއީ މެޗުގެ 42 ވަނަ މިނެޓުގައި އޭނާ ބާލަން ޖެހިފައިވެއެވެ.

މެންޑޭސްއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެެރި އެއް ލެފްޓް ބެކެވެ. އޭނާ މިދިޔަ އަހަރު ޕީއެސްޖީއަށް ބަދަލުވެފައި ވަނީ ލޯން އެއްބަސްވުމެއްގައެވެ. އޭގެ ކުރިން މެންޑޭސް ކުޅުނީ ސްޕޯޓިންއަށެވެ. މިދިޔަ ސީޒަނަށް ލޯން އެއްބަސްވުމެއްގައި މެންޑޭސް ޕީއެސްޖީއަށް ދިޔަ ނަމަވެސް، މި ސީޒަނަށް އެ ކްލަބުން ވަނީ މެންޑޭސްގެ އެއްބަސްވުން ދާއިމީ ކޮށްފައެވެ.

އިންގްލެންޑް ޓީމުގައި ހިމެނޭ އާސެނަލްގެ ބެން ވައިޓް، ޓީމުގެ ކޭމްޕް ދޫކޮށްލިކަން ގައުމީ ޓީމުން މިއަދު ވަނީ އިއުލާން ކޮށްފައެވެ. އިންގްލެންޑުން މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު މެޗެއްގައި ބެން ވައިޓް އަދި ކުޅެފައި ނުވާ އިރު، އޭނާއަށް ދިމާވި އާއިލީ ކަމެއް ހާމަކޮށްފައެއް އަދި ނުވެއެވެ.

އިންގްލެންޑުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ވަގުތުގައި އެންމެ މުހިއްމު ކަމަކީ ޑިފެންޑަރު ވައިޓްގެ އަމިއްލަ ކަންކަމަށް އިހުތިރާމްކޮށް، އެކަމަށް ވަގުތު ދިނުން ކަމަށެވެ.

އުމުރުން 25 އަހަރުގެ ޑިފެންޑަރު ބެން ވައިޓް މިފަހަރު އިންގްލެންޑް ސްކޮޑާއެކު ވޯލްޑް ކަޕަށް ގޮސްފައިވަނީ ރަނގަޅު ފޯމެއްގައި ކްލަބަށް ކުޅުމަށްފަހުއެވެ. އާސެނަލް މިވަގުތުވެސް ލީގު ތާވަލުގެ އެއްވަނައިގައި އޮތް އިރު، އެ ފޯމު ދެމެހެއްޓުމުގެ ބެން ވައިޓްގެ ދައުރު ބޮޑެވެ.