ގަތަރު ވޯލްޑް ކަޕް 2022

ޑެންމާކް ކަޓުވާލައި، އޮސްޓްރޭލިއާގެ ތާރީހުގައި ދެވަނަ ފަހަރަށް ގަދަ 16އަށް

ގަތަރު ވޯލްޑް ކަޕް 2022ގެ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުގައި ޑެންމާކް ބަލިކޮށް، އޮސްޓްރޭލިއާއިން އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ދެވަނަ ފަހަރަށް ވޯލްޑް ކަޕް ގަދަ 16 ޔަގީންކޮށްފިއެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އޮސްޓްރޭލިއާއިން ގަދަ 16 ޔަގީންކުރީ 1-0 އިން ޑެންމާކް ބަލިކޮށްފައެވެ. އެ ނަތީޖާއާއެކު އޮސްޓްރޭލިއާ ގަދަ 16 އަށް ދިޔައީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. ގްރޫޕްގެ އެއްވަނަ ހޯދި ފްރާންސަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެއީ މިރޭ ކުޅުނު މެޗުގައި ޓިއުނީޝިއާ އަތުން ބަލިވުމުންނެވެ.

މެޗަށް ނުކުތް އިރު އޮސްޓްރޭލިއާއަށް އޮތީ ގަދަ 16 ޔަގީންކުރުމަށް ޑެންމާކް ބަލިކުރުމެވެ. އޮސްޓްރޭލިއާއަށް ޕޮއިންޓަކުން ގަދަ 16 ހޯދެން އޮތީ ފްރާންސާއި ޓިއުނީޝިއާ މެޗު އެއްވަރު ވެއްޖެނަމަ އެކަންޏެވެ. އެހެންކަމުން އެޓީމުން އެ ޗެލެންޖް ނަގައި ތާރީހު ލިޔެލަން ނުކުތީ 2006 ވަނަ އަހަރު ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގަދަ 16 އަށް ދާށެވެ. އެއީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އޮސްޓްރޭލިއާއަށް ގަދަ 16 ހޯދުނު ހަމައެކަނި ފަހަރެވެ. ޑެންމާކުން މެޗަށް ނުުކުތް އިރުވެސް އޮތީ ގަދަ 16 ގެ އަމިއްލަ ބާރު ގެއްލިފައެވެ. މޮޅުވި ނަމަވެސް އެޓީމަށް ގަދަ 16 ޔަގީންކުރެވެން އޮތީ ޓިއުނީޝިއާ، ފްރާންސް ކައިރިން ބަލިވެއްޖެނަމަ، ނޫނީ އެ މެޗު އެއްވަރު ވެއްޖެނަމަ އެކަންޏެވެ.

އެ ހާލަތަކަށް ބެލުމެއް ނެތި، ޔޫރޯގެ ސެމީގައި ކުޅުނު ޑެންމާކް ފެށީ ރަނގަޅަށެވެ. އެޓީމުން ބޮޑަށް އެޓޭކްކޮށް ކުޅުނު އިރު، އޮސްޓްރޭލިއާ ވިސްނީ ހިފަހައްޓާލުމަށެވެ. ޑިފެންސް ކުރުމަށެވެ. އެކަމަށް ވިސްނާ އޮސްޓްރޭލިއާއިން ބެލީ ކައުންޓާގައި ހަމަލާ އުފެއްދުމަށެވެ.

ޑެންމާކުގެ ހަމަލާތައް ފުރަތަމަ ހާފުގައި ގިނަކޮށް ފެނުނު އިރު، މެޗުގެ 13 ވަނަ މިނެޓުގައި ޖެންސަން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލު މަތިން ބޭރުކޮށްލީ އޮސްޓްރޭލިއާގެ ގޯލްކީޕަރު މެޓް ރަޔަންގެ ޕަންޗަކުންނެވެ. އަދި އޭގެ މިނެޓެއް ފަހުން އޮލްސަންއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

އޮސްޓްރޭލިއާއިން ފުރަތަމަ ހާފުގައި އުފެއްދި ހަމައެކަނި ހަމަލާ، 22 ވަނަ މިނެޓުގައި ފެނުނީ މެގްރީގެ ފަރާތުންނެވެ. އޭނާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ވޮލީ އަމާޒުވީ ކެސްޕާ ޝޫމައިކަލްގެ އަތަށެވެ. ބާރު ހަމަލާއެއް ނަމަވެސް ދިޔައީ ސީދާ ކީޕަރާ ދިމާލަށެވެ.

ޑެންމާކުގެ ކެޕްޓަން ބޭންޑްގައި ކުޅެމުންދިޔަ އެރިކްސަންއަށްވެސް ހާފުގެ ފަހުކޮޅުގައި ފުރުސަތެއް ލިބުނު ނަމަވެސް، އޭނާގެ ހަމަލާ ދިޔައީ މާ ބޮޑަށްވެސް ބޭރަށެވެ.

ދެވަނަ ހާފަށް އޮސްޓްރޭލިއާ ނުކުތީ އާ ހިތްވަރަކާއެކުގައެވެ. އެޓީމުން ކުރިއަށް ޖެހި ޑެންމާކަށް ޕްރެޝަރު ކޮށްލިއެވެ. ހާފުގެ ކުރީކޮޅުގައި މެގްރީ ތިރިން ހުރަސްކުރި ބޯޅައިގައި ޖެކްސަން ޖެހި ބޯޅަ މާ މަތިން ދިޔަ އިރު، 60 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ.

ތާރީހީ ގަދަ 16 ގެ އުންމީދު އާކޮށްދީ، މުޅި ޓީމު އެކީ އުފާކުރި އެ ގޯލު ޖެހީ މެތިއު ލެކީއެވެ. ލެކީ އެ ގޯލު ޖެހީ ކައުންޓާ އެޓޭކް ފުރުސަތެއްގައި ކުރިއަށް ޖެހި، އޭރިއާ ތެރެއިން ޑެންމާކުގެ ޑިފެންޑަރުވެސް ނައްޓާލާފައި، ބޯޅަ ގޯލަށް ވައްދާލީ ވަރަށް ބަލާލައިފައެވެ.

އެ ގޯލަށްފަހު އޮސްޓްރޭލިއާއިން ފަހަތަށް ޖެހި ޑެންމާކް ހިފަހައްޓަން މަސައްކަތް ކޮށްފައިވާ އިރު، ހަމަލާތައް ފެނުނީ މަދުކޮށެވެ. ޑެންމާކްގެ ކެސްޕާ ޑޮލްބާގާއި އެރިކްސަންގެ ފަރާތުންވެސް ފަހު ވަގުތުކޮޅުގައި ގޯލަކަށް މަސައްކަތް ކޮށްފައިވީ ނަމަވެސް އެކަން ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިރޭގެ ނަތީޖާއާއެކު ގްރޫޕް ސްޓޭޖުން ކަޓައިގެންދާން ޖެހުމަކީ ޑެންމާކަށް މާޔޫސް ކަމެކެވެ. އެޓީމުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ގަދަ 16 ގައި ކުޅެފައެވެ. އަދި އެޓީމަކީ ޔޫރޯގެ ސެމީ ފައިނަލްގައިވެސް ކުޅުނު ޓީމެކެވެ.