އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ދައްކާ ވާހަކަތަކަކީ ހީތަކެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
އާރަށް މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.
މިއަދު ވަނީ ކުރިމިނަލް ކޯޓުގައި އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވައިފައެވެ. އެގޮތުން ޔާމީންގެ ފަރާތްޕުޅުން ހުސާލާ ބަޔާން އިއްވަމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމު ލީޑު ކުރައްވާ، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި ބޭނުންކުރަނީ ސާކަމްސްޓޭޝަލް އެވިޑެންސް ނުވަތަ މައްސަލައާ ގުޅުމެއް ނެތް ވަށައިގެން ހުރި ގަރީނާތަކެއް ކަމަށެވެ. އަދި ވިދާޅުވީ ޔާމީނަށް ކުރާ ދައުވާ އާއި ވާގިއާތާ ގުޅުމެއް ނެތް ކަމަށެވެ.
މީގެ އިތުރުން ޑރ، ޖަމީލް ވިދާޅުވީ، މި މައްސަލައިގައި ކުށުގެ ވާގިއާތައް ހިނގިކަން ސާބިތުކުރަން ދައުލަތުން ހުށަހަޅާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށާއި ދައުލަތުން މަސައްކަތްކޮށްފައި ވަނީ އޭގެއިން އެއް ބޭފުޅެއްގެ ހެކިބަހުން އަނެއް ބޭފުޅެއްގެ ހެކިބަހަށް ބާރުދިނުމަށް ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ހެކި ބަހަކީ ބަލައިގަނެވޭނެ ހެކިބަހެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، އާރަށް ކުއްޔަށް ދޫކުރުމުގައި ޔާމީންގެ ނިޔަތް އޮތްކަން ދައްކުވައިދޭން އުޅުނަސް، އެކަން ހެކިކޮށްދޭން ސައްހަ ޔައުމިއްޔާއެއް ނުވަތަ އާރަށް ދިނުމުގެ ނިންމުން ޔާމީން އެންޑޯސް ކުރެއްވިކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އާރަށް ޓޫރިޒަމްގެ ބޭނުމަށް ބަދަލުކުރުމަކީ ޔާމީނަށް ނޭނގި ހިންގާފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އާރަށަކީ ޓޫރިޒަމް ޕާޕަސްއަށްޓަކާ އެލޮކޭޓު ކުރުމަށް ނޫނިއްޔާ އެގޮތަށް ކުރުމަށް ލިޔުމެއް ދިނުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ނޮލެޖުގެ ތެރެއިން ހަގީގަތުގައި ހިނގި ކަމެއް ނޫން،" ޖަމީލް ވިދާޅުވިއެވެ.
މިއަދު ވަނީ އެ މައްސަަލައިގެ ދައުވާ ލިބޭ ޔޫސުފް ނައީމްގެ ފަރާތުންވެސް ހުސާލާ ބަޔާން އިއްވައިފައެވެ.
އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015 ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު