ޚަބަރު

އާރަށް މައްސަލަ: ޔާމީން އިންވެސްޓުކުރި 3.4 މިލިއަން ޑޮލަރާއި އޭގެ ފައިދާ ނަގައިދޭން ދައުލަތުން އެދިއްޖެ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ނަންގަވައި އެފައިސާއިން މަނީލޯންޑާ ކުރެއްވިި ކަމަށް ތުހުމަތުވާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކުގައި އިންވެސްޓުކޮށްފައިވާ 3.4 މިލިއަން ޑޮލަރާއި އިންވެސްޓުކޮށްގެން ލިބިފައިވާ ފައިދާ ނަގައިދޭން ދައުލަތުން ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

އާރަށް މައްސަލައިގައި އިދިިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ނެގުމުގެ ދައުވާ ކޮށްފައެވެ. އެ މައްސަލައިގައި ކުރީގެ މެންބަރު ޔޫސުފް ނައީމަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައެވެ.

އެ ދައުވާތަކާ ގުޅިގެން މިހާރު ކުރިއަށް ދަނީ ހުލާސާ ބަޔާން އިއްވުމެވެ. ފުރަތަމަ ހުލާސާ ބަޔާން އިއްވީ ދައުލަތުގެ ފަރާތުންނެވެ.

ހުލާސާ ބަޔާން ނިންމަވައިލައްވަމުން ޕީޖީ އޮފީހުގެ ވަކީލް މަރިޔަމް ޝަހުމާ ވިދާޅުވީ ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުން މައްސަލަ ސާބިތުވާ ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ ހެކިތަކުން ނައީމް ރިޝްވަތުގެ ގޮތުގައި ދިން ފައިސާ ކަމާއި ޔާމީން އެ ރިޝްވަތުގައި ހިފިކަމާއި އެ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އިންވެސްޓުކޮށްފައިވާ ކަން އެނގޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހުމާ ވިދާޅުވީ، އެ ފައިސާއާ ގުޅޭ ގޮތުން ރައީސް ޔާމީނާއި ޔޫސުފް ނައީމް އެކި ތަންތަނުގައި ވާހަކަ ދައްކަވާފައިވަނީ އެކި ގޮތައް ކަމަށެވެ. އަދި އެއް މިލިއަން ޑޮލަރުގެ ޗެކު ލިބުމުން ޑީއެކްޓިވޭޓް ވެފައި ހުރި އެކައުންޓެއް ރީއެކްޓިވޭޓް ކުރި ކަމަށާއި އެކަމުންވެސް ޝައްކު އުފެދޭ ކަމަށެވެ.

އެހެންވެ ދައުލަތުން އެދުނީ، އާރަށް ކުއްޔަށް ދީގެން ޔާމީންއަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރާއި އިންވެސްޓު ކުރަން އެއާ އެއްކުރި 2.4 މިލިއަން ޑޮލަރު ހިމަނައިގެން، 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ނަގައިދިނުމަށާއި އިންވެސްޓްމަންޓްގެ ފައިދާވެސް ނަގައިދުނުމަށެވެ.

"ދައުލަތުން އެދެނީ ދައުވާ ސީގާގައި ދައުލަތުން އެދިފައިވާ ގޮތަށް މި މައްސަލައިގައި އަބްދުﷲ ޔާމީން ލޯންޑާކުރި އެއް މިލިއަން އެމެރިކާ ޑޮލަރާއި އެ ފައިސާ އެއްކޮށްފައިވާ ދެ މިލިއަން ހަތަރު ލައްކަ ތޭރަހާސް ދުވިސައްތަ ތިރީސް އެމެރިކާ ޑޮލަރާއެކު ޖުމްލަ ތިން މިލިއަން ހަތަރު ލައްކަ ދުވިސައްތަ ތިރީސް އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން ޔާމީނަށް ލިބިފައިވާ ފައިސާ ނަގައިދިނުމަށް،" ޝަހުމާ ވިދާޅުވިއެވެ.

މިއީ ރިޝްވަތުގެ ފައިސާ ކަމަށް ދައުލަތުން ބުނި ނަމަވެސް ޔާމީނާއި ނައީމް ވެސް ވިދާޅުވީ މިއީ ސައްހަ ޑޮލަރުގެ މުއާމަލާތެއް ކަމަށާއި ފައިސާ ބަދަލުކުރެވުނީ ޑޮލަރު މާރުކުރުމުގެ ގޮތުން ކަމަށެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.