މޮޅުވުން މަޖުބޫރު މެޗުގައި، އޮސްޓްރޭލިއާ ބަލިކުރަން ޖެހުމަކީ ފުޓުބޯޅައިގައި ކުރަން ޖެހޭނެ އެންމެ އުނދަގޫ ކަންތައް ކަމަށް ޑެންމާކުގެ ކޯޗު ކެސްޕާ ޖުލްމަންޑް ބުނެފިއެވެ.
ޑެންމާކާއި އޮސްޓްރޭލިއާ، ގަތަރު ވޯލްޑް ކަޕް ގްރޫޕް ޑީގެ ފަހު މެޗުގައި މިރޭ ނުކުންނަ އިރު، ގަދަ 16 ޔަގީންކުރަން އޮސްޓްރޭލިއާއަށް އަމިއްލަ ބާރު އެބައޮތެވެ. އެއީ ޑެންމާކު ބަލިކޮށްގެންނެވެ. ޑެންމާކުން އޮސްޓްރޭލިއާ ބަލިކުރިޔަސް އަނެއް މެޗުގެ ނަތީޖާއަށް ބަރޯސާ ވާން ޖެހޭ އިރު، އަނެއް މެޗުގައި ފްރާންސް ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ. ޑެންމާކަށް ފުރުސަތު އޮތީ އެމެޗު އެއްވަރުވެގެން ނޫނީ އެމެޗުގައި ޓިއުނީޝިއާ ބަލިވެގެން ލިބެން އޮތް ފުރުސަތެކެވެ.
"އޮސްޓްރޭލިއާއިން އަހަރެމެންނާ ދެކޮޅަށް ނުކުންނާނީ ވަރުގަދަކޮށް. އެޓީމުން ދަނޑުމަތީ މަޑަކުން ނުތިބޭނެ. ބުރަކޮށް މަސައްކަތްކޮށް މޮޅުވާން ދުވެ ނަގާނެ. އަހަރެމެން ޕްރެޝަރަށްވެސް ދުއްވާލާނެ،" ޖުލްމަންޑް ބުންޏެވެ.
މިދިޔަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލްގައި ކުޅުނު ޑެންމާކަށް މިފަހަރުގެ ގަދަ 16 އުނދަގޫވީ ފުރަތަމަ މެޗުގައި ޓިއުނީޝިއާ ކައިރިން އެއްވަރުވެ، ދެވަނަ މެޗުގައި ފްރާންސް އަތުން ބަލިވުމުންނެވެ. އަނެއްކޮޅުން ނުކުންނަ އޮސްޓްރޭލިއާ އޮތީ ޓިއުނީޝިއާ ބަލިކޮށްފައެވެ.
"އޮސްޓްރޭލިއާއިން އެޓޭކްވެސް ކުރާނެ. ހުރިހާ މެޗެއްގައިވެސް ދިމާވާ ކަންތައް މިމެޗުގައިވެސް ދިމާވާނެ. އެއީ އޮގަނަޒައިޒް ޑިފެންސެއް ފޫއަޅުވާލަން ކުރަން ޖެހޭ މަސައްކަތް. އޮސްޓްރޭލިއާއިން ކުޅެނީ އޮގަނައިޒް ފުޓުބޯޅައެއް. އެ ޑިފެންސް ފޫއަޅުވާލައި، އޮސްޓްރޭލިއާ ބަލިކުރުން ވެގެންދާނީ ފުޓުބޯޅައިގައި ކުރަން ޖެހޭ އެންމެ އުނދަގޫ ކަންތަކަށް،" ޖުލްމަން ބުންޏެވެ.
ޖުލްމަންޑް ބުނީ ޑެންމާކަށް އުންމީދު ނުގެއްލޭ ކަމަށާއި، އެންމެ ބޮޑު މައްސަލަ، "ގޯލް ޖެހުމުގެ މައްސަލަ" ހައްލުކޮށް ގަދަ 16 އަށް ދިޔުން އެއީ މިވަގުތު އެންމެ މުހިއްމު ކަންތައް ކަމަށެވެ.
ޑެންމާކާއި އޮސްޓްރޭލިއާ ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022