ގަތަރު ވޯލްޑް ކަޕް 2022

ޕޮލެންޑު ކޯޗު: މެސީ ހިފަހައްޓާނީ ކިހިނެއް؟ އެއީ މުޅި ދުނިޔެއަށްވެސް ޖަވާބު ނުހޯދި އޮތް ސުވާލެއް!

މުޙައްމަދު ޝަމްޢޫން

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހުއްޓުވޭނެ ގޮތެއް ހޯދުމަށް މިދިޔަ އެތައް އަހަރަކު، އެތައް ކޯޗުންނެއް ވިސްނައިފި ކަމަށާއި، ކިތައްމެ ވިސްނިޔަސް އަދި މިހާތަނަށް އެކަން ވެފައި ނެތްކަމަށް ޕޮލެންޑްގެ ކޯޗު ޒެސްލޯ މިޗިނިއެވިޗް ބުނެފިއެވެ.

މެސީއާއި އާޖެންޓީނާއަށް ތައުރީފުކޮށް ޕޮލެންޑްގެ ކޯޗު މިޗިނިއެވިޗް ވާހަކަ ދައްކާފައި ވަނީ މިރޭ ދެޓީމުން ގަތަރު ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ވާދަކުރާ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.

މިރޭގެ މެޗަކީ އާޖެންޓީނާއަށްވެސް މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި އޮތް އިރު، ޕޮލެންޑަށް ޕޮއިންޓަކާއެކުވެސް ގަދަ 16 ޔަގީން ކުރެވޭނެއެވެ. ޕޮލެންޑްގެ ކޯޗު މިޗިނިއެވިޗް ޕްރެސްގައި ވާހަކަ ދައްކަމުން ބުނީ މެސީއަކީ ދަނޑުމަތީގައި ސްކީ ރޭސް ޖެހުންތެރިޔާ އަލްބާޓޯ ޓޮމްބާ ފަދަ ކުޅުންތެރިއެއް ކަމަށެވެ.

"މެސީ ދަނޑުމަތީގައި އުޅޭއިރު ހީވަނީ އަލްބާޓޯ ޓޮމްބާ ފަރުބަދަތައް މަތިން ޗޫސް ލާފައި ފައިބައިގެން ދަމުން އެކިއެކި އެއްޗެހިން ނައްޓާލައިފައިދާހެން. އެހެންވީމާ އެންމެ ކުޅުންތެރިޔަކު މެސީ ކައިރިއަށް ލައިގެން އޭނާ މައިތިރިއެއް ނުކުރެވޭނެ. އެތައް ކުޅުންތެރިންނެއް މެސީ ވަށާލަން ޖެހޭނެ. ދެން އޮތީ އަބަދުހެން ކުރެވޭ ސުވާލު. މެސީ ހުއްޓުވުން އެއީ ވާނެކަމެއްތޯ ކުރެވޭ ސުވާލު. އެކަމާ އެތައް ކޯޗުންނެއް އެތައް ފަހަރު، އަދި މުޅި ދުނިޔޭގެ އެންމެންވެސް މިދިޔަ އަހަރުތަކުގައި މިދަނީ ވިސްނަމުން. އެކަމަކު އެހެން ވިސްނަން ތިއްބާ މެސީ ހަމަ ގޯލު ޖަހައި، އެސިސްޓްވެސް އެ ހަދަނީ،" މިޗިނިއެވިޗް ބުންޏެވެ.

"އަހަންނަކަށް ހީއެއް ނުވޭ އެ ސުވާލުގެ ޖަވާބު އެއްވެސް މީހަކަށް ހޯދިދާނެހެނެއް،" މިޗިނިއެވިޗް އިތުރަށް ބުންޏެވެ.

ޕޮލެންޑާއި އާޖެންޓީނާގެ މެޗު ގިނަ ބަޔަކު ސިފަކުރަނީ އެއީ މެސީއާއި ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީގެ ކުރިމަތިލުމެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ކޯޗު މިޗިނިއެވިޗްގެ ނަޒަރުގައި ފުޓުބޯޅައަކީ ޓީމް ކުޅިވަރެކެވެ. އެ ދެކުޅުންތެރިންނަކީ ތާރީހުވެސް ދުށް އެންމެ މަތީ ފަންތީގެ ދެކުޅުންތެރިން ނަމަވެސް، ދެކުޅުންތެރިންނަށްވެސް "ޓީމް" ބޭނުންވާނެ ކަމަށް މިޗިނިއެވިޗް ބުންޏެވެ.

މިޗިނިއެވިޗްއަކީ ކުޑައިރުން ފެށިގެންވެސް އާޖެންޓީނާ ސަޕޯޓަރެއް ކަމަށް އޭނާ ޕްރެސްގައި ބުނެފައިވެއެވެ. ހާއްސަކޮށް އާޖެންޓީނާގެ ސަޕޯޓާއި އެޓީމުން އުފެއްދި ލެޖެންޑަރީ ކުޅުންތެރިންގެ ހަނދާން އަބަދުވެސް ހުންނަ ކަމަށް މިޗިނިއެވިޗް ބުންޏެވެ. އެތައް ސަބަބަކާ ހުރެ ކުޑައިރުން ފެށިގެންވެސް އާޖެންޓީނާއަށް ސަޕޯޓްކުރާ ނަމަވެސް، މިރޭގެ މެޗުގައި އާޖެންޓީނާ މޮޅުވާން ނޭދޭނެ ކަމަށް މިޗިނިއެވިޗް ފާހަގަކުރިއެވެ.

އާޖެންޓީނާ އާއި ޕޮލެންޑްގެ ކުރިމަތިލުން އޮންނާނީ މިރޭ 12:00 ގައެވެ.