އަނިޔާވުމުގެ ސަބަބުން ފްރާންސްގެ ކޭމްޕް ދޫކޮށް، މިވަގުތު ޗުއްޓީގައި ހުރި ރެއާލް މެޑްރިޑްގެ ކެޕްޓަން، މިދިޔަ އަހަރުގެ ބެލޮންޑިއޯ ހޯދި ކަރިމް ބެންޒެމާ އަލުން އަނބުރާ ސްކޮޑަށް ގެންދިޔުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.

ވޯލްޑް ކަޕަށް އެންމެ ދުވަހަކަށް ވެފައި އޮއްވައި، ރެއާލް މެޑްރިޑްގެ ސުޕަ ސްޓާ ފޯވަޑް ބެންޒެމާއަށް އަނިޔާވެފައި ވަނީ ފްރާންސުން ގަތަރުގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރެއިންނެވެ. ބެންޒެމާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ޓެސްޓުތައް ހަދައި، ފްރާންސްގެ މެޑިކަލް ޓީމުން ނިންމާފައިވަނީ އޭނާއަށް ވޯލްޑް ކަޕްގެ މެޗެއް ނުކުޅެވޭނެ ކަމަށެވެ.

ބެންޒެމާއަށް އަނިޔާވެ ކޭމްޕް ދޫކޮށްލި ނަމަވެސް، އޭނާގެ ބަދަލުގައި ޑިޝޭމްޕްސް ސްކޮޑަށް އެހެން ކުޅުންތެރިޔަކު ނަގައިފައެއް ނުވެއެވެ. އެހެންކަމުން މީޑިއާތަކުން ބުނެފައި ވަނީ ބެންޒެމާއަށް އަދިވެސް ވޯލްޑް ކަޕްގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުންކޮށް، މިހާރު އަނިޔާއިން ރަނގަޅުވެފައިވާ ބެންޒެމާ އަލުން ކޭމްޕަށް ގެންދަން ޑިޝޭމްޕްސް ވިސްނާ ކަމަށްވެސް އިއްޔެ ބައެއް މީޑިއާތަކުން ބުންޏެވެ. އެހެންނަމަވެސް ޑިޝޭމްޕްސްވަނީ އެކަމަށް ނުވިސްނާ ކަމަށް ބުނެފައެވެ.

"ދަނޑު ބޭރުގެ ކަންކަން ތި ހޯދަނީ ނޫސްވެރިން. އެކަމަކު ތިކަހަލަ އެއްވެސް ކަމެއް އަހަރެންގެ ސިކުނޑިއަކު ނެތް. އަހަންނަކަށް ނޭނގެ ކާކު ކޮންތާކު ކީއްވެގެން ދެއްކި ވާހަކައެއްކަމެއްވެސް އެއީ،" މިރޭ ޓިއުނީޝިއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ޕްރި މެޗު ޕްރެސްގައި ޑިޝޭމްޕްސް ބުންޏެވެ.

ފްރާންސުން ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް މިރޭ ނުކުންނަ އިރުވެސް އެޓީމަށް ވަނީ ގަދަ 16 ޔަގީންވެފައެވެ. މެޗުން ޕޮއިންޓަކާއެކު އަނެއް މެޗުގެ ނަތީޖާއަށް ނުބަލައިވެސް ފްރާންސަށް ގްރޫޕްގެ އެއްވަނަ ޔަގީންވާނެއެވެ. ހަމަޖެހިލައިގެން އޮތް އެންމެފަހުގެ ޗެމްޕިއަން ފްރާންސްގެ ޓީމު ފޯމުގައި އޮތް އިރު، ބެންޒެމާ ޓީމަށް ގެންދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ޑިޝޭމްޕްސް ވަނީ ނުސީދާކޮށް ފާހަގަކޮށްފައެވެ.

"އަހަރެން ބެންޒެމާއާ ވަރަށް ފަހުންވެސް ވާހަކަ ދެއްކިން. ތި ހުރިހާ އެންމެނަށްވެސް އެނގޭނެ ބެންޒެމާގެ އަނިޔާގެ ތަފްސީލުވެސް. އެހެންވީމަ އަހަރެންގެ ފޯކަސް ހަމައެކަނި މި ބަހައްޓަނީ ސްކޮޑުގައި ތިބި 24 ކުޅުންތެރިންނަށް. އެކަމަކު (ނޫސްވެރިން) ބޭނުމިއްޔާ ބެންޒެމާގެ ވާހަކަވެސް ބަހުސަކަށް ހަދައިގެން ހަމަ ދައްކަންވީ. އަހަރެން މިބުނީ އަހަރެން ވާހަކަ ދައްކާނީ ޓީމުގެ ހާލަތާއި ގުޅޭގޮތުން، ޓީމަށް އަސަރުކުރާނެ ވާހަކަތަކާ ގުޅޭގޮތުން،" ޑިޝޭމްޕްސް ބުންޏެވެ.

ޓިއުނީޝިއާއަށް ފަހު މެޗަށް ނުކުންނައިރު އޮތީ އަމިއްލަ ބާރު ގެއްލިފައެވެ. މޮޅުވިޔަސް އަނެއް މެޗުގެ ނަތީޖާ ދާގޮތަކުން ނޫނީ އެޓީމަށް ގަދަ 16 ލިބޭކަށް ނެތެވެ. ޓިއުނީޝިއާގެ އުންމީދު ހަނިކޮށް އޮތް ނަމަވެސް ފަސޭހަވާނެ ކަމަށް ނުބެލެވޭނެ ކަމަށް ބުނަމުން ޑިޝޭމްޕްސް ބުނީ "އާކުޅުންތެރިންނަށް ފުރުސަތު ދިން ނަމަވެސް ޓިއުނީޝިއާގެ ފެންވަރު ދަންނާނެ،" ކަމަށެވެ.

ޑިޝޭމްޕްސް އެހެން ބުނެފައިވުމާއެކު މިރޭގެ މެޗަށް ފްރާންސުން ނެރޭ ފުރަތަމަ 11 އަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ފްރާންސްގެ މުޅި ސްކޮޑަކީވެސް ރަނގަޅު ސްކޮޑަކަށްވުމާއެކު ޓީމު ބަދަލުކޮށްލި ނަމަވެސް އެޓީމު ފެނިގެންދާނީ ވަރުގަދަ 11 އަކާއެކުގައެވެ.

ފްރާންސާއި ޓިއުނީޝިއާގެ ކުރިމަތިލުން ފަށާނީ މިރޭ 8:00 ގައެވެ.