މިއަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
ނަޝީދުގެ އަރިސް ބޭފުޅަކު "ވަން" އަށް މިރޭ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށާއި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް މިހާރު ވަޓްސްއެފް ގްރޫޕެއް ހަދާފައިވާ ކަމަށެވެ. އަދި އެ ގްރޫޕުގެ ނަމަކަށް "އަންނި ޕްރައިމަރީ" ކިޔަން ނިންމައި އެ މަނިކުފާނަށް ތާއިދުކުރާ އެމްޑީޕީގެ މަގާމުތަކުގައި ތިބި މީހުންނާއި މަޖިލިސް މެމްބަރުން އެޑް ކުރަމުންދާ ކަމަށެވެ.
"އެކަން އެ އޮތީ ފެށިފައި، ދެން ދާނީ ބާރަށް ކުރިއަށް. މިހާރު ކުރަމުންދާ މަސައްކަތަކީ ޕްރައިމަރީގެ ކަންތައް ބަލަހައްޓާނެ ގޮތްތަކާއި ޕްރައިމަރީގެ ކަންތައް ކުރިއަށް ގެންދާނެ ގޮތް ރޭވުމުގެ މަސައްކަ،ތް" އޭނާ ވިދާޅުވިއެވެ.
އެނާ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދު ހުންނެވީ މީގެ ކުރިން ވެސް ނިންމަވައިގެން ކަމަށާއި މިއަދު ހަވީރު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެކަން ރަސްމީކޮށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު ނިންމާފައިވަނީ ތިނަދޫގައި ޕްރައިމަރީ ކެޕްމޭން ލޯންޗުކުރަން، މިއަންނަ ހުކުރު ދުވަހު ރަސްމީކޮށް އެކަން އިއުލާންކޮށް ކެމްޕޭން ފަށާނެ. އެމްޑީޕީގެ ބައެއް ވަރުގަދަ ސަޕޯޓަރުންގެ ތާއިދު ހޯދުމުގެ މަސައްކަތް މާދަމާ ފަށާނެ،" އޭނާ ވިދާޅުވިއެވެ.
ނަޝީދު ޕްރައިމަރީގައި ވާދަކުރައްވަން ތައްޔާރުވުމުގެ ގޮތުން ހެދި ވަޓްސްއެޕް ގްރޫޕުގެ ސްކްރީން ޝޮޓުތަކެއް މިރޭ ވަނީ ސޯޝަލް މީޑިއާގައި ލީކުވެފައެވެ. އޭގައި ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ފިރިކަލުން މުހައްމަދު ޝާހިދު (ސާބެ) ވިދާޅުވީ އެ ގްރޫޕަކީ ނަޝީދަށް ޕްރައިމަރީގައި ވޯޓު ޔަގީން ކުރުމަށް ހެދި ގުރޫޕެއް ކަމަށެވެ.
ސާބެގެ އިތުރު މެސެޖެއްގައި ވަނީ، ނަޝީދަށް ތާއިދުކޮށް ވޯޓު ދޭނެ މީހުންނަށް ގުޅަން ކެމްޕޭން ނަމްބަރެއް ހިއްސާކުރައްވައިފައެވެ. އަދި އެ މަސައްކަތް ބޭނުންވާ ފޯމު ތައްޔާރުވެފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ތެރޭގައި ނަޝީދަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއިދުކުރައްވާ މެމްބަރުންގެ މެދުގައި ވަނީ ފެކްޝަން އުފެދި ޕާޓީގެ އެތެރޭގެ ހޫނުވެފައެވެ. ނަޝީދު ވަނީ މީގެ ކުރިން ވެސް ރައީސް ސޯލިހުއަށް ތާއިދު ނުކުރައްވާނެ ކަމަށާއި ޕްރައިމަރީގައި ވާދަކުރާނެކަން ހާމަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު