ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުމާލޭ މަސްވެރިންގެ ބަނދަރުން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކަން ފަށައިފިއެވެ.

އެފްއެސްއެމްގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ އަހުމަދު ރިފްއަތު "ވަން" އަށް މިރޭ ވިދާޅުވީ، މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކަން ނިންމީ ސަރުކާރުން އެގޮތަށް އެދުމުން ކަމަށެވެ. އަދި ވިދާޅުވީ މާލޭ ސަރަހައްދުން އަގުހެޔޮ ތެޔޮ ގަންނަން ނުލިބޭކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ކަމަށެވެ. އެހެންވެ އިއްޔެއިން ފެށިގެން އަގުހެޔޮކޮށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެކަމަށް ހައްލެއް ހޯދައިދޭން ސަރުކާރުން ވެސް އެދިގެން ހެޔޮކަން ވިއްކަން ނިންމީ" ރިފްއަތު ވިދާޅުވިއެވެ.

އެފްއެސްއެމްއިން ކުރިން ޑީސަލް ލީޓަރެއް ވިއްކީ 19.3 ރުފިޔާ އަށެވެ. މިހާރު ވިއްކަމުން ދަނީ 17.63 ރުފިޔާ އަށެވެ.

ރިފްއަތު ވިދާޅުވީ މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކާނެ ވަކި މުއްދަތެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ.

މަސްވެރިންގެ ބަނދަރުގައި ކުރިން ތެޔޮ ވިއްކަމުން އައީ އެންސިސް އިންނެވެ. އެފްއެސްއެމްއިން އަގުހެޔޮކޮށް ތެޔޮ ވިއްކަން ފަށާފައި މިވަނީ އެތަން ހިންގުމާ ހަވާލުވުމަށް ފަހުއެވެ.