ފ. ނިލަންދޫ ފަޅު ހިއްކައިގެން ދެ ރިސޯޓެއް ހެދުމަށް ނިންމައިފިއެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެރަށުގެ ފަޅު ހިއްކައިގެން ދެ ރިސޯޓު ހެދުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އެދިފައިވާތީ މިއަދު ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
"ރަށުގެ ގިނަ މީހުން ބޭނުންވީ މިރަށުގެ ފަޅުގައި މިނިސްޓްރީން ބޭނުންވާ ގޮތަށް 10 ހެކްޓަރު ހިއްކައި ދެ ރިސޯޓު ހެދުމަށް. ރަށުގެ ރައްޔިތުން މިކަމަށް ތާއިދު. ނިލަންދޫ ފަޅު ވަރަށް ބޮޑުވާނެ، ފިނޮޅެއްހާ ހިސާބު ވެސް ނޯންނާނެ. އެހެންވީމާ މާ ބޮޑަށް ވެސް ޓޫރިޒަމް މިނިސްޓްރީން އެދުނު ގޮތަށް ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ކާމިޔާބުވާނެ،" އަލީ އަހުމަދު ވިދާޅުވިއެވެ.
އަހުމަދު އަލީ ވިދާޅުވީ ފަޅުގައި ދެ ރިސޯޓު ހެދިޔަސް ނިލަންދުއަށް އެކަމުގެ ސަބަބުން މާބޮޑު ފައިދާތަކެއް ނުކުރާނެ ކަމަށާއި އެއީ ރަށުގެ އިހުތިސޯސް ތެރެއިން ދެ ކިލޯމީޓަރު ގެއްލިގެންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރަށުގެ ރައްޔިތުން ރިސޯޓު ހެދުމަށް ތާއިދުކުރާތީ މާދަމާ ބާއްވާ ކައުންސިލްގެ ބައްދަލުވުމުގައި އެކަން ފާސްކުރަން ހުށަހަޅުއްވާނެ ކަމަށް އަލީ އަހުމަދު ވިދާޅުވިއެވެ.
ދެ ރިސޯޓު ހެދުމުން ރަށުގެ އިހުތިސޯސްގެ ތެރެއިން ބައެއް ގެއްލިގެން ދިޔަސް ރަށުގެ ރައްޔިތުންނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް އަލީ އަހްމަދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެސްޓިމޭޓް ކޮށްފައިމިވަނީ 400 ވަޒީފާ އުފެދޭނެ ކަމަށް. ކޮންމެ އަހަރަކު ކުދިން ކިޔަވައި ނިމިގެން އެބަ ނުކުމޭ. ދެ ރިސޯޓު ހެދިގެން ދިޔުމުން ވަޒީފާތައް އުފެދިގެންދާނެ. އެގޮތުން ބަލާއިރު ބޮޑު ފައިދާއެއް ވާތީ ރަށުގެ ރައްޔިތުން ބޭނުންވީ ރިސޯޓު ހަދަން. މިރަށާއި އެހެން ރަށްރަށުގެ ވިޔަފާރިތަކަށް ވެސް ފައިދާކުރާނެ،" އަލީ އަހުމަދު ވިދާޅުވިއެވެ.
އަންނަ މަހުގެ ތެރޭގައި ފަޅުގައި ރިސޯޓް ހަދަން ބިޑަށް ހުޅުވާލާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް އަހުމަދު އަލީ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުގައި ރިސޯޓު ހެދުމުގެ ސިޔާސަތެއް ގެންގުޅޭކަން މީގެ ކުރިން ހާމަކޮށްފައެވެ. އެކަމަށް މިހާތަނަށް ހާއްސަ ކޮށްފައިވަނީ ނިލަންދޫ އާއި ކ. ކާށިދޫއެވެ.
ޚަބަރު
ޚަބަރު
ޚަބަރު