ސީދާ ޒިނޭގެ ތުހުމަތުނުކުރި ނަމަވެސް ބުނާ ބަހަކުން އެއީ ޒިނޭގެ ތުހުމަތުކުރުން ކަމަށް ދޭހަވާނަމަ، އެ ބަހުގެ މައްޗަށް ބިނާކޮށް ގަޒުފުގެ ކުށް ސާބިތުވާނެ ކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ ގދ. ތިނަދޫގައި ރެސްޓޯރެންޓެއްގެ ތެރޭގައި އެހެން ފިރިހެނަކާ ދިމާލަށް އޭނާގެ އަންހެނުންގެ ބަނޑުގައި އޮތީ އެމީހާގެ ދަރިއެއް ނޫން ކަމަށާއި އެއީ އެހެން ފިރިހެނެއްގެ ދަރިއެއް ކަމަށް ބުނި މީހެއްގެ މައްޗަށް ގަޒުފުގެ ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެން ސުޕްރީމް ކޯޓުގައި ދައުވާ ލިބޭ ފަރާތުން އިސްތިއުނާފުކުރި މައްސަލައެކެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފުކޮށް، ބުނެފައިވަނީ ގާނޫނުލްއުގޫބާތު އޮތްގޮތުން ދަރިފުޅުގެ ނަސަބު ނަފީ ކުރުމަކީ ގަޒްފުގެ ކުށަކަށް ނުވާނެ ކަމަށެވެ. އަންހެން މީހާ ޒިނޭ ކުރި ކަމަށް އޭނާ ސާފު އިބާރާތުން ބުނެފައި ނުވާތީ އެކަން ގަޒްފުގެ ކުށަކަށް ނުވާނެ ކަމަށް ވެސް ބުންޏެވެ.
އެ ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމުގައި އިސްލާމީ ފިގުހު އިލްމުވެރިންގެ ތަފާތު ރައުޔުތައް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ޝާފިއީ މަޒްހަބްގެ އިލްމުވެރިންގެ ރައުޔަކީ ޒިނޭގެ ތުހުމަތަކަށް ވުމުގެ ފުރުސަތު އޮންނަ ގޮތަށް ނުސީދާކޮށް ބުނާ ބުނުންތަކާ ގުޅިގެން ގަޒްފުގެ ހައްދު ގާއިމް ކުރެވޭނެ ކަމަށާއި މާލިކީ މަޒްހަބްގެ އިމާމް ކަމަށްވާ އިމާމް މާލިކާއި ހަންބަލީ މަޒްހަބްގެ ބައެއް އިލްމުވެރިންގެ ރައުޔަކީ އެއީ ކަމަށް ވެސް ހުކުމުގައިވެއެވެ. އެހެންވެ، ޒިނޭގެ ތުހުމަތު ނުސީދާކޮށް ކުރާ ކުރުން ވެސް އެއީ ގަޒްފުގެ ކުށަކަށް ވެދާނެ ކަމަށް ހުކުމުގައިވެއެވެ.
"ބަސް ރައްދުކޮށްފައިވަނީ ސީދާ ސީދަލަށް ނޫން ނަމަވެސް ސަބަބުވެރި މީހަކަށް އެބަހުން ވަކި ގޮތަކަށް ދޭހަވާ ނަމަވެސް އެއީ ގަޒުފުގެ ބަހަކަށް ވެދާނެ. އަދި ވައްބަހަކުން ޖެހިއަސް އެކަމުގެ ހަގީގަތާއި ހާލަތު އެނގޭ ބަޔަކަށް އެބަސް އަމާޒު ވަނީ އަދި ތުހުމަކުރަނީ ކޮން ކަމަކަށްކަން އެނގޭނަމަ އެ ވަރުން ފުދިދޭ. އެ ބަސް ބޭނުންކުރީ ކޮން މަގުސަދެއްގައިތޯ ބެލުމަކީ އެހާ މުހިއްމު ކަމެއް ކަމަށް ނުދެކެން. މުހިއްމު ކަމަކީ ސަބަބުވެރި މީހަކަށް އެބަސް ފަހުމުވީ ގޮތް،" އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހުސްނުއްސުއޫދުގެ ރައުޔުގައި ލިޔުއްވާފައިވެއެވެ.
އެހެންވެ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމެވުމުގައި ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކުރައްވައިފައެވެ.