ޕޯޗުގަލްއިން ގަތަރު ވޯލްޑް ކަޕް 2022 ގައި ކުޅުނު ގްރޫޕް ސްޓޭޖުގެ ދެމެޗުންވެސް މޮޅުވެ، ގަދަ 16 އަށް ދަތުރު ކޮށްފައިވާ އިރު، ރޭ ކުޅުނު މެޗުގައި މޮޅުވީ އުރުގުއާއީ ކައިރިންނެވެ. އެ މެޗުގެ ދެ ގޯލުވެސް ޖެހީ ބްރޫނޯ ފެނާންޑޭޒް އެވެ. ފެނާންޑޭޒް ޖެހި ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ "ފާޑެއްގެ" ގޯލެކެވެ. އެ ގޯލު ޖެހި މީހާ ފީފާ އާއި މީޑިއާތަކަށްވެސް ފުރަތަމަ އޮޅުނެވެ. ގޯލު ޖެހީ ފެނާންޑޭޒްކަން ރަސްމީކޮށް ނިންމީ ފަސްވަރަކަށް މިނެޓު ފަހުންނެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ޕޯޗުގަލްގެ ފުރަތަމަ ގޯލު ޖެހި އިރު، އެ ގޯލަކީ ފެނާންޑޭޒް އަރިމަތިން ނެގި ހުރަހެއް ގޯލު ތެރެއަށް ވަައްދާލައިގެން ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ ރޮނާލްޑޯގެ ބޮލުގައި ޖެހިފައިހެން ބަލަން ތިބި އެންމެންނަށްވެސް ހީވި އިރު، އުފާފާޅުކުރީވެސް ރޮނާލްޑޯ އެވެ. ރިޕްލޭ ދައްކާއިރު، ބޯޅަ ގޯލަށް ވަނީ ރޮނާލްޑޯ ބޮލުގެ އިސްތަށި ކޮޅެއްގައި ޖެހިފައިހެންވެސް ހީވެއެވެ.
އުފާފާޅުކޮށް ޕޯސްޓްވެސް ކޮށް ނިންމިފަހުން ގޯލު ޖެހި މީހާ ފީފާއިން ބަދަލުކުރިއެވެ. ރޮނާލްޑޯވެސް ރޭގެ މެޗަށްފަހު ފާޑަކަށް ހެވިލާފައި އިޝާރާތުން ދެއްކީ ބޮލުގައި ޖެހުނު ކަމަށެވެ.
މެޗަށްފަހު އެ ގޯލުގެ ވާހަކަ ދައްކަމުން ފެނާންޑޭޒް ބުނީ "ގޯލު ޖެހި މީހާ މުހިއްމެއް ނޫން،" ކަމަށެވެ. މުހިއްމީ ގަދަ 16 އަށް ދިޔުން ކަމަށެވެ. އެކަން ކުރެވުމަކީ ހިތްހަމަޖެހުމެއް ކަމަށްވެސް ފެނާންޑޭޒް ބުންޏެވެ.
ރޭގެ މެޗުގައި ފެނާންޑޭޒް ޖެހި ދެވަނަ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އެ ވަގުތު ފެނާންޑޭޒްއަށް ޕެނަލްޓީ ޖަހަން ލިބުނީވެސް ރޮނާލްޑޯ ދަނޑުމަތީގައި ނެތުމުންނެވެ. ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ރޭގެ މެޗުގެ ފަހު ހާފުގައި ރޮނާލްޑޯ ބާލައިފައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022