ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގައި މިރޭ ކުޅުނު މެޗުގައި އުރުގުއާއީ ބަލިކޮށް، ޕޯޗުގަލުން ގަދަ 16 ޔަގީން ކޮށްފިއެވެ.
ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޕޯޗުގަލް މޮޅުވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ، ޕޯޗުގަލް ހަ ޕޮއިންޓާއެކު މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް އިރެ، ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އޮތް ގާނާއެވެ. އުރުގުއާއީއާއި ދެކުނު ކޮރެއާއަށް ޕޮއިންޓެއް ލިބިފައިވާ އިރު، އުރުގުއާއީ އިން ފަހު މެޗުގައި ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގަދަ 16 ޔަގީންވާނެއެވެ. ކޮރެއާއަށް ދެން އޮތީ ހަނި ފުރުސަތެކެވެ. އެ ފުރުސަތު ލިބޭނީ ގާނާއާއި އުރުގުއާއީ މެޗުގެ ނަތީޖާ ދާ ގޮތަކުންނެވެ.
މެޗަށް ނުކުތް އިރު، ޕޯޗުގަލް އޮތީ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުގައި 3-2 އިން ގާނާ ބަލިކޮށްފައެވެ. އެ މެޗުގައި ގޯލު ޖަހައި ކްރިސްޓިއާނޯ ރޮނާލްޑޯ ވެފައިވަނީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ފަސް މުބާރާތެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. ފުރަތަމަ ޕޯޗުގަލާއި ހާއްސަވެގެން ގޮސްފައިވާ އިރު، މިރޭ ނުކުތީ ގަދަ 16 ޔަގީންކުރާށެވެ.
އަނެއްކޮޅުން ނުކުތް ދެ ފަހަރުގެ ޗެމްޕިއަން އުރުގުއާއީ އޮތީ ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ ކައިރިން އެއްވަރުވެފައެވެ. އެ ނަތީޖާ ހަނދާން ނައްތާލައި، މިރޭގެ އޮތީ މޮޅެއް ހޯދަން މުހިއްމުވެފައެވެ. އެއީ ފަހު މެޗަށް ދާއިރު، ގަދަ 16ގެ އުންމީދު ބޮޑުކޮށް ބޭއްވުމަށެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ފެނުނީ ހަމަލާތައް މަދުކޮށެވެ. ދެ ޓީމުންވެސް ހަމަޖެހިލައިގެން ކުޅެން މަސައްކަތް ކޮށްފައިވާ އިރު، ހާފުގައި ރަނގަޅު ހަމަލާތައް ފަހިކުރީ އުރުގުއާއީންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ފެޑަރީކޯ ވަލްވާޑޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ހިމެނޭޒް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އޭގެ އިތުރުން ހާފު ފަހު ކޮޅުގައި މެދު ރޮނގުން ބޯޅަ ހިފައިގެން ޕޯޗުގަލް ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ރޮޑްރީގޯ ބެންޓަންކޫރް ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ.
ހަމަލާތައް މަދު ފުރަތަމަ ހާފަކަށްފަހު ދެވަނަ ހާފު ރަނގަޅުވާނެ ކަމުގެ އުންމީދުގައި ސަޕޯޓަރުންވެސް ތިބި އިރު، ހާފުގެ ކުރީކޮޅުގައި ޕޯޗުގަލުން ނުރައްކާ ކުރިއެވެ. ކުރިއަށް ޖެހި ހަމަލާއަކަށް މަސައްކަތްވެސް ކޮށް، ލީޑުވެސް ނެގިއެވެ. އެގޮތުން 54 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހުރަސް ގޮސް ގޯލަށް ވަނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުގެ އިސްތަށިގަނޑުގައި ކޭއްތިލައިފައެވެ.
އެ ގޯލާއެކު ރޮނާލްޑޯ އުފާފާޅުކުރި ނަމަވެސް ފީފާއިން ނިންމީ ފެނާންޑޭޒް ޖެހި ގޯލެއް ކަމަށެވެ.
އެ ގޯލާއެކު ޕޯޗުގަލް ހަމަޖެހިލި ވަގުތު އުރުގުއާއީ އިން ނަތީޖާ ހަމަހަމަކުރަން ނުރައްކާކުރިއެވެ. އެޑިސަން ކަވާނީގެ ބަދަލުގައި ކުޅެން ނުކުތް ސުއަރޭޒްގެ ނުރައްކާ ފާހަގަވެފައިވާ އިރު، 78 ވަނަ މިނެޓުގައި ޑި އަރަކޭސްޓާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސުއަރޭޒް ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ގޯލާ އަމާޒު ނުވެ ދިޔައީ ކިރިޔާއެވެ.
އަދި އޭގެ މިނެޓެއް ފަހުން ވަލްވާޑޭ މެދުތެރެއިން ކުރިއަށް ޖެހި، ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑި އަރަކޭސްޓާ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައެއެވެ. އެ ހަމަލާ ފޮނުވާލަން ފަހި ފުރުސަތެއް ލިބުނު ނަމަވެސް، އަރަކޭސްޓާ ޖެހި ބޯޅައިގައި މާ ބޮޑު ބާރެއް ނެތެވެ.
އޭގެ ފަހުންވެސް އުރުގުއާއީ އިން ނަތީޖާ ހަމަހަމަކުރުމަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ހިމަނޭޒް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މާޔޫސްކަން ލިބެމުން ދިޔަ އުރުގުއާއީ އިތުރަށް މާޔޫސްވީ އިތުރު ވަގުތުގެ ތެރޭގައި ޕޯޗުގަލަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހިމެނޭޒްގެ އަތުގައި ބޯޅަ ޖެހުނުތޯ ބެލުމަށް ވީއޭއާރަށް ބެލުމަށްފަހު ޕޯޗުގަލަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރީވެސް ފެނާންޑޭޒެވެ. އެ ޕެނަލްޓީއާ ދޭތެރޭ ސުވާލު އުފައްދައި އުރުގުއާއީ ވަނީ ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ.
އިތުރު ވަގުތު އިތުރު ހަމަލާއެއް ފެނިފައި ނުވާ އިރު، މެޗު ނިމިގެން ދިޔައީ ޕޯޗުގަލް ގަދަ 16 އިން ފުރުސަތު ހޯދައިގެންނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022