ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގައި ބްރެޒިލް ކުޅުނު ދެވަނަ މެޗުގައި ސްވިޒަލޭންޑް ބަލިކޮށް، ގަދަ 16 ޔަގީން ކޮށްފިއެވެ.
ސްޓޭޑިއަމް 974 ގައި މިރޭ ކުޅުނު މެޗު ބްރެޒިލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދެ މެޗުން ހަ ޕޮއިންޓް ބްރެޒިލަށް ލިބިފައިވާ އިރު، ދެވަނައިގައި އަދިވެސް އޮތީ ސްވިޒަލޭންޑެވެ. ކެމަރޫނާއި ސާބިއާއަށް ޕޮއިންޓެއް ލިބިފައިވާ އިރު، ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ކެމަރޫނަށެވެ. އަދި ސްވިޒަލޭންޑް ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ. ސްވިޒަލޭންޑަށް ސާބިއާ ކައިރިން ޕޮއިންޓެއް ހޯދައިގެންވެސް ގަދަ 16 އަށް ދެވޭނެއެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ދެ ޓީމަށްވެސް މޮޅެއް ހޯދައި، ގަދަ 16 ޔަގީން ކުރެވެން އޮތެވެ. އެއީ ދެ ޓީމުންވެސް ފުރަތަމަ ކުޅުނު މެޗުގައި މޮޅުވެފައި އޮތީމައެވެ. ބްރެޒިލް ފުރަތަމަ މެޗުގައި ސާބިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބްރެޒިލްގެ ދެ ގޯލުވެސް ޖެހީ ރިޗާލިސަންއެވެ. ސްވިޒަލޭންޑުން ފުރަތަމަ މެޗުގައި ކެމަރޫން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގޯލު ޖެހީ ބްރީލް އެމްބޯލޯއެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ދެކުނު އެމެރިކާގެ ބްރެޒިލަށް ސްވިޒަލޭންޑަކީ ފަސޭހަ ގައުމެއް ނޫނެވެ. މެޗުގެ ކުރިން ޓީޓޭވެސް އެކަމަށް ސަމާލުކަން ގެނެސްފައި އޮތް އިރު، ސްވިޒަލޭންޑް މީގެ ކުރިން ނުވަ މެޗެއްގައި ބްރެޒިލާ ކުރިމަތިލިއެވެ. އޭގެ ތެރެއިން ތިން މެޗުން ބްރެޒިލް މޮޅުވި އިރު، ސްވިޒަލޭންޑް ވަނީ ދެ މެޗުން މޮޅުވެފައެވެ. އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އެންމެފަހުން ދެ ޓީމު ވާދަކުރީ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އޭގެ ކުރިން ވޯލްޑް ކަޕެއްގައި ދެގައުމުން ކުޅުނީ 1950 ގައެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
އެހެންކަމުން ޗެލެންޖިން މެޗަކަށް މެޗު ވާނެކަން މާ ކުރިންވެސް އޮތީ ފެނިފައެވެ. ހާއްސަކޮށް ބްރެޒިލުން ނުކުތީ ކުޑަހުޅުގެ އަނިޔާގައި ހުރި ޓީމުގެ ތަރި، ނޭމާ ނުލައެވެ. އެއީ ސްވިޒަލޭންޑްގެ އެތުރުން ރަނގަޅު ޑިފެންސް ފޫއަޅުވާލަން އެންމެ އުނދަގޫވި ސަބަބުވެސް މެއެވެ.
ފުރަތަމަ ކޮޅުގައި ބްރެޒިލުން ބޯޅަ ހިފަހައްޓައިގެން ހަމަލާއަކަށް މަސައްކަތް ކުރަމުން ދިޔަ އިރު، ސްވިޒަލޭންޑުން ކުޅުނީ ކެތްތެރި ކުޅުމެކެވެ. ފަހަތުގެ އެތުރުން ރަނގަޅުކޮށް، ބްރެޒިލަށް މެޗު ހުޅުވާލަން ފުރުސަތެއް ނުދީ ބައްދާލިއެވެ. މެނުއަލް އަކާންޖީ ލީޑު ކުރަމުން ދިޔަ ސްވިޒަލޭންޑް ޑިފެންސުން، ބްރެޒިލްގެ ހަލުވި އެޓޭކް ހުއްޓުވަން ކުރަމުން ދިޔައީ ސާބިތު މަސައްކަތެކެވެ.
އެ މަސައްކަތް ކުރަމުން ދިޔަ ސްވިސް ޑިފެންސްވެސް ބްރެޒިލުން ދިޔައީ މަޑުމަޑުން ހާވަމުންނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ރަފީނިއާ އަރިމަތިން ދިން ބޯޅަ ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ވިނީޝިއަސް ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ކީޕަރު ޔޭން ސޮމާ ވަނީ މަތަކޮށްފައެވެ.
އޭގެ އިތުރުން އޭގެ ފަސްވަރަކަށް މިނެޓް ފަހުން ރަފީނިއާ ވަނީ ދުރުންވެސް ސޮމާ ޓެސްޓް ކޮށްލައިފައެވެ. އޭނާގެ ބާރު ހަމަލާ އަމާޒުވީ ސޮމާ އަތަށެވެ. ސޮމާ ފޫއަޅުވާލުން އެއީ އުނދަގޫވާނެ ޓާސްކެއް ކަން ކުރިންވެސް އޮތީ ފެންނާށެވެ. ބޮޑެތި މުބާރާތްތަކުގައި އޭނާއަކީ އަބަދުވެސް ސްވިސް ހީރޯއެކެވެ.
ފުރަތަމަ ހާފު އެ ރާގުގައި ގޮސް ނިމުންވީ ފުރުސަތަކަށް ބުރަކޮށް މަސައްކަތް ކުރި ބްރެޒިލަށް ނާއުންމީދަކަށެވެ. ސްވިޒަލޭންޑަށް އެޓީމުގެ ފުރަތަމަ މަސައްކަތް ކާމިޔާބެވެ. 45 މިނެޓަށް ބްރެޒިލްގެ ނުރައްކާ އެޓޭކް ހުއްޓުވާލިއެވެ.
ދެވަނަ ހާފުވެސް ރަނގަޅަށް ފެށީ ބްރެޒިލުން ނަމަވެސް ސްވިޒަލޭންޑްގެ ކޮންމެވެސް ވަރެއްގެ ނުރައްކަލެއް ހާފުގެ ކުރީކޮޅުގައި ފެނުނެވެ. އެގޮތުން އެޓީމުގެ އެޓޭކްލައިން ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހި ބްރެޒިލްގެ ފަހަތަށް އަދި ގޯލްކީޕަރަށްވެސް ޕްރެޝަރު ކުރި އިރު، އެލިސަންގެ ފަރާތުން ބޮޑު ގޯހެއް ނުހެދުނީވެސް ކިރިޔާއެވެ. އޭނާއަށް ޖައްސާލިި ބޯޅައަކަށް އެމްބޯލޯ މަސައްކަތް ކުރި އިރު، އެލިސަން ސާފުކޮށްލަން ޖެހި ބޯޅަ އަމާޒުވީ އޭނާގެ ގަޔަށެވެ. ނަމަވެސް އެ ބޯޅަ ފަހުން އެމްބޯލޯއަށް ލިބޭ ގޮތެއް ނުވިއެވެ.
ހަމަލާތައް މަދުކޮށް ފެނުނު މެޗު ފުރަތަމަ ފަހަރަށް ހުޅުވިގެން ދިޔައީ 53 ވަނަ މިނެޓުގައި ވިނީޝިއަސް ކުރިއަށް ދުވެ، ޑިފެންޑަރުވެސް ނައްޓާލައި، އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލަށް ވައްދާލުމުންނެވެ. އެއާއެކު މުޅި ސްޓޭޑިއަމް ކެކިގެން ދިޔަ ނަމަވެސް ބްރެޒިލްގެ އުފާފާޅުކުރުން މަޑު ޖެހިލީ އޮފްސައިޑަކަށް ރެފްރީ ވީއޭއާރް ބަލަން ފެށުމުންނެވެ.
ވިނީޝިއަސް ގޯލަށް ބޯޅަ ވައްދާލި ހަމަލާގެ ކުރިން ބްރެޒިލްގެ ކުޅުންތެރިޔަކު އޮފްސައިޑް މަގާމެއްގައި ހުރިތޯ ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އެ ހަމަލާ އުފެއްދުމަށް އޮފްސައިޑް މަގާމަކުން ބޯޅައަށް މަސައްކަތްކުރީ ރިޗާލިސަންއެވެ.
ނޭމާ ދަނޑުމަތީގައި ނެތްތަން ޔަގީނުންވެސް ބްރެޒިލް އެޓޭކުން ދެއްކިއެވެ. ދުވެ، ޑިފެންޑަރުން ނައްޓާލާނެ ކުޅުންތެރިޔަކަށް އެޓީމު އޮތީ ބޭނުންވެފައެވެ. އެ ޖާދޫ ދަނޑުމަތިން ނުފެނުންވީ ފަޅު ކަމަކަށެވެ. ބްރެޒިލްގެ ލެޖެންޑުން ކަމަށްވާ ކަފޫއާއި ރޮނާލްޑޯ، ރޮބާޓޯ ކާލޯސްވެސް ފެނުނީ މާޔޫސީ މޫނެއްގައެވެ.
އެ މޫނުތަކަށް މިރޭގެ ހިނިތުންވުން ގެނެސްދިނީ ބްރެޒިލްގެ މިޑްފީލަރު ކަސެމީރޯއެވެ. ގަދަ 16 އަށް ބްރެޒިލް ގެންދަން މުހިއްމު ގޯލު ޖަހައިދިނީ އާންމުކޮށް ތައުރީފު ނުލިބޭ، ވަރުގަދަ ކުޅުމެއް ކުޅޭ ކަސެމީރޯއެވެ. މެޗުގެ 83 ވަނަ މިނެޓުގައި ރޮޑްރީގޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސްވިޒަލެންޑް ޑިފެންޑަރު އަކާންޖީގެ ގައިގައި ޖެހި، ކޮންމެވެސް ވަރަކަށް މިސްރާބު ބަދަލުވެގެންނެވެ.
އެ ގޯލާއެކު ބްރެޒިލަށް ދިރުން ގެނުވިއެވެ. ހަމަލާތައް އިތުރުވެސް ވިއެވެ. ރޮޑްރީގޯގެ ހަމަލާ ސޮމާ މަތަކުރި އިރު، އޭގެ ފަހުން ބްރެޒިލް އުފެއްދި ހަމަލާތަކަށްވެސް ސްވިިސް ޑިފެންސް ހުރަސް އެޅިއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022