ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓާއެކު އަންނަ އަހަރަށް 42.8 ބިިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ސަޕްލިމެންޓްރީ ބަޖެޓާއެކު 2023 ވަނަ އަހަރަށް 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ކޮމިޓީން އެ ބަޖެޓް ދިރާސާކުރުމަށްފަހު މަޖިލިސް ތަޅުމަށް ހުށަހެޅީ، 160.9 މިލިއަން ރުފިޔާ އިތުރުކޮށް 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމިޓީން ބަޖެޓަށް އިތުރު ކޮށްފައި ވަނީ އޮފީސްތަކުގެ ބަޖެޓަށް އިތުރު 36.45 މިލިޔަން ރުފިޔާ އާއި ޕީއެސްއައިޕީގެ ބަޖެޓަށް އިތުރު 124.4 މިލިޔަން ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ހުށަހެޅި ބަޖެޓާއި އެ ބަޖެޓްގެ ތެރޭގައި ހިމަނަން ކޮމިޓީން ފާސްކުރި 5.8 މިލިޔަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށް ބައެއް މެމްބަރުން އިސްލާހު ހުށަހެޅިއެވެ.

އޭގެ ތެރެއިން އިދިކޮޅުން އަށް އިސްލާހެއް ހުށަހެޅިއެވެ. އޭގެ ތެރެއިން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހަތަރު އިސްލާހު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ހަތަރު އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގެ އިތުރުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ މެމްބަރު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ދެ އިސްލާހު ހުށަހެޅުއްވިއެވެ.

ނަމަވެސް އެއިން އެއްވެސް އިއްލާހެއް ފާހެއް ނުވިއެވެ.

އެހެންކަމުން މަޖިލީހުން ބަޖެޓް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 79 މެމްބަރުންގެ ތެރެއިން 61 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް އަށް މެމްބަރުން ވޯޓު ދެއްވިއެވެ. ފާސްވާން ބޭނުންވަނީ 35 މެމްބަރުންގެ ވޯޓެވެ.

މަޖިލިސް ޖަލްސާގައި އެވަގުތު ތިއްބެވި އިދިކޮޅު މެމްބަރުންގެ ތެރެއިން އެންމެ މެމްބަރެއް ފިޔަވައި ހުރިހާ މެމްބަރުން ވޯޓު ދެއްވީ ބަޖެޓް ފާސް ނުކުރުމަށެވެ. ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އެއްވެސް ގޮތަކަށް ވޯޓެއް ނުދެއްވައެވެ.

ބަޖެޓު ފާސް ނުކުރަން ވޯޓު ދެއްވި މެންބަރުން:

  • މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
  • އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
  • ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ
  • ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
  • މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު
  • ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު
  • ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫނު
  • މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީދު ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސޯދު ކޮވިޑް-19ގެ ކުރީގެ އިގުތިސޯދުގެ ލެވެލް ފަހަނަ އަޅައިދާ އިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެ ކަމަށެވެ. އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.