އަތޮޅުތެރޭގެ ރަށްރަށަށް ފެނަކައިން ދޭ ކަރަންޓުގެ ހިދުމަތުގެ އަގު، ސްޓެލްކޯއިން މާލެއަށް ދޭ ކަރަންޓުގެ ހިދުމަތުގެ އަގާ އެއްވަރު ކުރެވޭނެ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކުރީ، ކަރަންޓަށް ބިލުކުރުމުގައި އަތޮޅުތެރެއާއި މާލެ ސަރަހައްދުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހެޅުމުން އެ ކޮމިޓީ ރިޕޯޓުގައި ހިމަނައިގެނެނެވެ.
އެ ގަރާރުގައި ވަނީ، ސްޓެލްކޯއާއި ފެނަކައިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި ގްރޭޓާ މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި، ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.
ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ އއ، އދ، ވ އަދި ކ އަތޮޅުގެ ރަށްތަކާއި، ފެނަކަ ކޯޕަރޭޝަން އިން ހިދުމަތްދޭ ރަށްރަށުގައި، ވިޔަފާރިތަކަށް ބިލުކުރަމުންގެންދާ ރޭޓްތައް ބޮޑު ކަމަށެވެ. އަދި ގްރޭޓާ މާލެ ސަރަހައްދާ ދެމެދު ބިލުކުރުމާއި ބޭންޑްކުރުމުގައި ހުރި ތަފާތުކުރުމުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެ ސަރަހައްދުގައި ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުތަކާއި ހޮޓާ، ރެސްޓޯރެންޓް އަދި ލޯކަލް ފިހާރަތައް ހިންގަމުންދާ ކުދި ވިޔަފާރިވެރިން ކުރަމުންދާ އިރު، އެފަރާތްތަކުގެ ވިޔަފާރި ހިންގުމަށްޓަކައި މުވައްޒަފުންނަށް މުސާރަ ދިނުމާއި ޓެކްސް ދެއްކުމުގެ އިތުރުން ކަރަންޓުގެ އަގު ބޮޑުވުމުގެ ސަބަބުން ބިލުތައް ދެއްކުމަށްފަހު ފައިދާވާނެ މިންވަރަށް ފައިސާ ނުހުންނަކަން އެ ގަރާރުގައިވެއެވެ.
އެ ގަރާރުގައިވާ އަގު ލިސްޓްގައިވާ ގޮތުން 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ، މާލެއިން 3.65 ރުފިޔާ ނަގާއިރު، ފެނަކައިން ކަރަންޓް ދޭ ރަށްރަށުގައި ނަގަނީ ހަ ރުފިޔާއެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާ އިރު މާލޭގައި ނަގަނީ 3.35 ރުފިޔާއެވެ.
މި މައްސަލައާ ގުޅިގެން ފެނަކަ އާއި ސްޓެލްކޯގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ސްޓެލްކޯއިން ބުނެފައި ވަނީ އަގު އެއްހަމަ ކޮށްފިނަމަ، އެ ކުންފުންޏަށް އަހަރަކު 35 މިލިޔަން ރުފިޔާ މަދުވާނެ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ އާމްދަނީން އަހަރަކު 41.2 މިލިޔަން ރުފިޔާ މަދުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެހެންކަމުން އަގު އެއްހަމަ ކުރުމަށް ކުރަން ޖެހޭނެ ކަންތައްތަކަށް ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ކަނޑައަޅައި، ކޮމިޓީން ވަނީ ތިން ކަމެއް ފާސްކޮށްފައެވެ.
އޭގެ ތެރޭގައި ފުރަތަމަ ކަމެއްގެ ގޮތުގައި، އެކި މޮޑެލްތަކާއި އެކި ޓެކްނޮލޮޖީގައި ކަރަންޓު އުފައްދަން ކުރަންޖެހޭ ހަރަދު ތަފާތުވާތީ، އެ ތަފާތުތަކަށް ރިއާޔަތްކޮށް ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ ކަރަންޓުގެ ހިދުމަތް ހަމަހަމަ ގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ޓެރިފް ރިވިއުއެއް ހެދުމަށެވެ.
މާލެ އާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ޓެރިފް ރޭޓުތައް އެކި ގިންތިތަކަށް އެއްހަމަ ކުރުމުގެ މަސައްކަތް އަންނަ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމަން ޖެހޭނެ ކަމަށް ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން ކަރަންޓް ދިނުމަށް ބޭނުންކުރާ ސިސްޓަމްތަކުގެ އެފިޝަންސީ އިތުރުކޮށްގެންނާއި ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތަކާއި ޑީސަލްގެ ހަރަދު ކުޑަކޮށްގެންނާއި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން ޓެރިފް ރޭޓުތައް ކުޑަކުރުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތް ކުރުން ހިމެނެއެވެ. އަދި ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ބިލުކުރަމުންދާ އަގުތަކުގައި ހުރި ތަފާތުކުރުންތައް އެއްހަމަކުރުމުގެ މަސައްކަތް އަންނަ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމަން ޖެހޭނެ ކަަމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީން ހުށަހަޅާފައިވާ އެ ކަންތައްތައް ހިމަނައިގެން ކޮމިޓީ ރިޕޯޓު މަޖިލީހުން މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ފާސްކުރަން ބޭނުން ވަނީ 29 މެންބަރުންގެ ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު