ޚަބަރު

ޒަޔާންގެ މަރު: ހައްޔަރުކޮށްފައި ތިބި ބޮޑެތި މީހުންގެ މައްޗަށް ދައުވާ އުފުލައިފި

އަލީ ޔާމިން

އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ، މަރާލި. ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާ 21އ، މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބޮޑެތި މީހުންނަށް ދައުވާކޮށްފިއެވެ.

ޒަޔާން މަރުވީ، މިދިޔަ ޖޫން މަހުގެ ތެރޭގައި ދެ ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާއަށް ތޫނު އެއްޗަކުން ދިން ހަމަލާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އެމަހުގެ ތިން ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޒަޔާންގެ މަރާ ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ހަތަރު ކުދިންވެސް ހިމެނެއެވެ. އެއީ 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުން:

  • އަހުމަދު ޝުއާއު (24އ)، ދިރިމާގެ/ސ. ފޭދޫ
  • އަބްދުﷲ ޝިޔާއު ރަޝީދު (22އ)، ދިރިމާގެ/ސ. ފޭދޫ
  • އައިލިޝް އަލީ (19އ)، ފުފޫމާގެ/ސ. ފޭދޫ
  • އަބްދުﷲ ނިޒާރު (28އ)، ކާމަރަގަގެ، ސ. ފޭދޫ
  • އަހްމަދު އަބްދުﷲ (25އ)، ކަރަންފޫގެ، ސ. ފޭދޫ
  • ޔައިޝް އަންވަރު (19އ)، ކަދުރުމާގެ، ސ. ހިތަދޫ
  • އަހްމަދު ނަބީލް (34އ)، ސަންޝައިން، ސ. ފޭދޫ

ޔައީސް އާއި އައިލިޝްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ބިރުދެއްކުމުގެ ކުށުގެ ދައުވާއާއި ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ 8 ދައުވާއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުގެ ކުށުގެ ދައުވާ އެ މީހުންގެ މައްޗަށް އުފުލާފައިވަނީ 2 ޖޫން 2022 ދުވަހު 00:15 އެހައިކަށްހައިއިރު ސ.ފޭދޫ، ކަރަންފޫގޭގައި މުހައްމަދު ޒަޔާން މޫސާއަށް ހަމަލާދިނުމުގެ ކަންކަން ކުރިއަށް ގެންދާނެގޮތް އިތުރަށް ރާވައި، ރާވާފައިވާ ގޮތުގެ މަތިން ހަމަލާދިނުމަށް ތޫނު ހަތިޔާރު ހިފައިގެން ސޮލިޑް ގެއަށް ސިއްރުން ވަދެ، އެގޭގެ ގޯތިތެރޭގައި ފާރައަށް ފިލައިތިބުމަށްފަހު، އެރޭގެ 02:45 އެހައިކަށްހައިއިރު، ޒަޔާން ގެއިން ބޭރަށް ނުކުތުމަށްފަހު ގޭގެ ގޯތިތެރެއަށް ވަތް ވަގުތު، ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒަޔާންއަށް ހަމާލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ 11:04 އެހައިކަށްހައިއިރު، ޒަޔާން މަރުވެފައިވާތީއެވެ.

ބިރުދެއްކުމުގެ ދައުވާ އެމީހުންގެ މައްޗަށް ކުރީ ސިލްސިލާކޮށް ސ.ފޭދޫ ސޮލިޑްގެ ކައިރިއަށް އެއްވެ ތަފާތު އެކި ގޮތްގޮތުން ޒަޔާން މަރާލާނެކަމަށް ބުނެ ބިރުދައްކާފައިވާތީއެެވެ.

ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާތައް އެމީހުންގެ މައްޗަށް ކޮށްފައިވަނީ، ސިލްސިލާކޮށް ސޮލިޑްގެ ކައިރިއަށް އެއްވެ ތަފާތު އެކި ގޮތްގޮތުން ޒަޔާން މަރާލާނެކަމަށް ބުނެ ބިރުދެއްކުމުގެ އަމަލުތަކުގައި ކުޑަކުދިން ގްރޫމްކޮށްގެން ބޭނުންކޮށްފައިވާތީއާއި ސިލްސިލާކޮށް ސޮލިޑުގޭގެ ކައިރިއަށް އެއްވެ ތަފާތު އެކި ގޮތްގޮތުން ޒަޔާން މަރާލާނެކަމަށް ބުނެ ބިރުދެއްކުމު އަމަލުތަކުގައި ކުޑަކުދިން ގްރޫމްކޮށްގެން ބޭނުންކޮށްފައިވާތީ އާއި ޒަޔާން މަރާލުމަށް ރާވައި މަރާލުމުގެ އަމަލުގައި އެ ކުދިން ބޭނުންކޮށްފައިވާތީއެވެ.

ޔައީސް އާއި އައިލިޝްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ދެވޭނެ އަދަބަކީ މަރުގެ އަދަބެވެ. ބިރު ދެއްކުމަށް 6 މަހާއި 18 މަހާ ދެމެދުގެ ޖަލު ހުކުމެއް އަންނައިރު ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާތައް ސާބިތުވެއްޖެ ނަމަ 24 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ ކޮށްފައިވަނީ ޝުއާއު އާއި ޝިޔާއު އާއި ނިޒާރާއި އަހުމަދު އަބްދުﷲ އާއި ނަބީލްގެ މައްޗަށެވެ. އޭގެ ތެރެއިން ޝިޔާއު ފިޔަވައި އެހެން އެންމެންގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާވެސް ކޮށްފައިވެއެވެ. އަދި ޝިއާއު ހިމެނޭހެން އެންމެންގެ މައްޗަށް ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާވެސް ކުރެއެވެ. އެގޮތުން ޝިޔާއު ފިޔަވައި އެހެން މީހުންނަށް ކުޑަކުއްޖެއް ބޭނުންކޮށްގެން ޖިނާއީ ކުށެއް ކުރުމުގެ 8 ދައުވާ ކޮށްފައިވާއިރު ޝިޔާއުގެ މައްޗަށް އުފުލީ އެފަދަ ހަތަރު ދައުވާއެވެ.

ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށް ސާބިތުވެއްްޖެ ނަމަ އެމީހުންގެ މައްޗަށް 15 އަހަރާއި 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ބިރު ދެއްކުމުގެ ކުށް ސާބިތުވެއްޖެ ނަމަ 6 މަހާއި 18 މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ކުޑަކުއްޖަކު ލައްވާ ޖިނާއީ ކުށެއް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ކޮންމެ ދައުވާއަކަށް ތިން އަހަރުގެ ޖަލު ހުކުމެއް އަންނަނާނެއެވެ.

އެ މީހުންގެ ތެރެއިން، އަބްދުﷲ ނިޒާރަކީ ހެކި ނައްތާލުމަށް މަސައްކަތްކޮށްފައިވާ މީހެއް ކަމަށް ދައުވާގައިވެއެވެ. އެގޮތުން، ސ.ފޭދޫ ބަންދަރުގައި ހުންނަ ޕްޓެރޯލްޝެޑަށް ގޮސް 03 (ތިނެއް) ފުޅި ޕެޓްރޯލް ގަނެ ސ. ފޭދޫ ކަރަންފޫގެއަށް ގެންގޮސް ހެކި ނައްތާލުމަށް ހަމަލާގައި ބޭނުންކުރި ތަކެތި އެންދުމަށް އެހީތެރިވެދީ، ހަމަލާގެ ކަންކަމާއި ހަމާލާއަށްފަހު ކަންކަން ކުރިއަށް ގެންދާނެގޮތް ރޭވުމުގައި އޭނާ އެހީތެރިވިކަމަށް ބުނެއެވެ. އަހްމަދު އަބްދުﷲ އަކީ ޒަޔާންއަށް ހަމަލާދިނުމަށް ދެ ވަޅި ގަތް މީހާ ކަމަށް ދައުވާގައިވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މިހުންގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައިގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ގެ ފަސް ވަނަ މާއްދާގެ (ހ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި 18 އަހަރު ނުފުރޭ އިތުރު 03 ތިން ކުދިންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލައި މިދިޔަ މަހުގެ 6 ވަނަ ދުވަހު ވަނީ ޖުވެނައިލް ކޯޓަށް ހުށަހަޅައިފައެވެ.

ޕީޖީން ބުނި ގޮތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.

ޑައިވާޝަނަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުދިންނަށް ޝަރުއީ ނިޒާމުގެ ބޭރުން ފުރުސަތު ހޯދައިދިނުމަށް ދެވޭ ފުރުސަތެކެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ކުށަށް އިއުތިރާފުވެފައި ވަނީ 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެކެވެ. އެ ކުދިންނާމެދު ދައުލަތުން ހެދި ޑައިވާޝަން އެގްރީމަންޓުގައި އެ މައްސަލަ ހިނގާދިޔަ ގޮތް ކިޔައިދިނުމަށާއި އެ މައްސަލާގައި ދެން ހައްޔަރުކޮށްފައިވާ މީހުންނާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދިނުން ހިމެނެއެެވެ.

ޑައިވާޝަން އެގްރީމަންޓަށްފަހު، އެ ކުދިން މިހާރު ތިބީ ގޭ ބަންދުގައެވެ. އެކަން ކަށަވަރުކޮށްދެމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި ޑައިވާޝަންގެ ބޭނުމަށްޓަކައި އެކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުދިންނަށް ކުރި ދައުވާ ޕީޖީން އަނބުރާ ގެންދާނެ ކަމަށާއި ނަމަވެސް ޑައިވާޝަން އެގްރިމެންޓާ ހިލާފުވެއްޖެނަމަ އަލުން ދައުވާ ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޒަޔާންގެ މަރަކީ ބަދަލު ހިފުމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒަޔާންގެ މަރުގެ މައުލޫމާތު ދިނުމަށް ފުލުހުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ޒަޔާން މަރާލީ ދުރާލައި ރާވައިގެން ކަމަށާއި ޒަޔާން މަރާލީ އައްޑޫ ސިޓީ ފޭދޫގައި ގޭންގް ހަދައިގެން ތަފާތު ކުށްތައް ކުރަމުން އަންނަ ދެ ބައެއްގެ ދެމެދުގައި ހިންގަމުންދިޔަ ސިލްސިލާ މާރާމާރީތަކުގެ ސަބަބުން ކަމަށެވެ.

"އެގޮތުން 2022 މެއި 31 ވަަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ސ. ފޭދޫގައި ހިނގައިދިޔަ މާރާމާރީއެއްގެ ބަދަލު ހިފުމެއްގެ ގޮތުން ހިންގާފައިވާ މާރާމާރީއެއްކަން ފާހަގަކުރެވިފައިވޭ،" ސާމިހް ވިދާޅުވެފައިވެއެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ފުލުހުން ބުނެފައިވަނީ އެކުދިން ރެކްރޫޓްކޮށް ކުށުގެ ވެއްޓަށް އަހުލުވެރިކުރުވަނީ އޮންލައިން ގޭމިންއާއި އަގުބޮޑު ހަދިޔާތައް ދީގެން ކަމަށެވެ.