ޖަރުމަނުގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ، އަދި ކޯޗު ޖާގަން ކްލިންސްމަން ބީބީސީގެ އެނަލިސްޓެއްގެ ގޮތުގައި އިރާނަށް ބުނި ބަސްތަކެއްގެ ސަބަބުން ކޯޗު ކާލޯސް ގުއެރޭޒް ރުޅިގަދަވެއްޖެއެވެ.

ވޭލްސް އާއި އިރާން ކުޅުނު މެޗު އިރާނުން 2-0 އިން ކާމިޔާބު ކޮށްފައިވާ އިރު، އެމަޗަށްފަހު ބީބީސީގައި ވާހަކަ ދައްކަމުން ކްލިންސްމަން ބުނީ އިރާނަކީ ރެފްރީއާ ކުޅެ، މެޗު ހުތުރުކޮށްލާ ޓީމެއް ކަމަށާއި، އެއީ އިރާނުގެ އާދަކާދައިގައި ހިފާފައި ހުންނަ ކަންކަން ކަމަށެވެ.

"މެޗުތައް ހުތުރުކޮށްލުމަކީ އިރާނުގެ ސަގާފަތެއް. އެއީ އިރާނުން ކުޅޭ ގޮތް. އިރާނުން ރެފްރީންނާ ކުޅޭނެ. ލައިންސްމަން އަދި ހަތަރުވަނަ އޮފިޝާލާވެސް ކުޅޭނެ. ބަލާ ބަލަ! އެ މެޗުގައިވެސް އަބަދުވެސް ކޮންމެވެސް އެއްޗެއް ހަތަރުވަނަ އޮފިޝަލު ގާތު ކިޔާލަ ކިޔާލަ އިރާން ތިބީ. އަދި ނުފެނި އެތައް ކަމެއް ކޮށްފަ ހުންނާނެ. މެޗު ހުތުރުކޮށްލުން އެއީ ސަގާފަތެއް. ކޯޗު ކާލޯސްވެސް އެ ސަގާފަތަށް ފިޓްވާނެ. ދެކުނު އެމެރިކާގައި ކޮލަމްބިއާއާއެކު ފެއިލްވި، އަދި މިސްރާއެކުވެސް ފެއިލްވެ، އިރާނަށް ދިޔައީ ވޯލްޑް ކަޕަށް. ކުރިން އެގައުމުގައި މަސައްކަތްކޮށް އެކަންކަން ދަންނަ ކޯޗެއް އެއީ،" ކްލިންސްމަން ބުންޏެވެ.

އެކަމުގައި ރުޅިގަދެވެ، ގުއެރޯޒް ރައްދު ދިނީ ޓްވުޓާގައެވެ. އޭނާ ބުނީ ނޭނގި ގޮތް ނިންމައި ދެއްކި ވާހަކަތަކަކީ ފުޓުބޯޅައަށް ހުތުރެއް ކަމަށާއި، ފީފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުންވެސް ކްލިންސްމަން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.

"ދަނޑުމަތީގައި ކޮށްފައިވާ ކަންކަމަށް ކިތަންމެ އިހުތިރާމެއް ކުރި ނަމަވެސް، އަހަރެންގެ ކުޅުންތެރިންނާއި އިރާންގެ ސަގާފަތާއި، އިރާނަށް ބުނި ބަސްތަކަކީ ފުޓުބޯޅައަށް ލަދެއް. އިރާނުގެ ކޭމްޕަށް އަންނަން އަހަރެން ދައުވަތު ދެން، އެއީ އިރާނަކީ ފުޓުބޯޅައަށް ކިހާވަރަކަށް ލޯބިކުރާ ސަގާފަތެއް އޮތް ގައުމެއްތޯ ބަލާލައި، ކުޅުންތެރިން ފުޓުބޯޅައަށް ދޭ ލޯބި ދެކިލަން،" ގުއެރޯޒް ބުންޏެވެ.

އާސެން ވެންގާގެ ދަށުން ހިނގާ ޓެކްނިކަލް ގްރޫޕްގެ މެންބަރު ކްލިންމަންސްގެ އެ ވާހަކަތަކާއެކު އިރާން ކޯޗު ރުޅިގަދަވުމުން، ކްލިންސްމަން ފަހުން ބުނީ އިރާނާ ގުޅިގެން އޭނާ ދެއްކި ވާހަކަ ބޭނުންކުރަމުންދަނީ މާނަ އޮޅޭ ގޮތަށް ކަމަށާއި، ކޯޗު ގުއެރޯޒަށް ގުޅައި ކަންކަން ސުލްހަ ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެން ކާލޮސް އާއި އިރާނުގެ ބެންޗަކަށް ފާޑެއް ނުކިޔަން. ބައެއް މީހުން އެބަބުނޭ އަހަރެން ފާޑުކީ ރެފްރީއަށޭވެސް. އެކަމަކު އޭގެން އެއްވެސް ކަމަކަށް ނޫން އަހަރެންގެ ވާހަކަ އަމާޒުކުރީ. އަހަރެން ބުނި އެއްޗަކީ އިރާނުގެ ޖަޒުބާތުގެ ވާހަކަ. އެއީ ތައުރީފަކަށް ބުނި ވާހަކަތަކެއް. ބެންޗުންވެސް ފެންނަ ޖަޒުބާތުގެ ވާހަކަ ދެއްކީ، ކާލޯސްއަކީވެސް އެ ޖަޒުބާތާ ގުޅޭ ކޯޗެކޭ އަހަރެން ބުނީ،" 1990 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ކްލިންސްމަން ބުންޏެވެ.

އިރާނުން ވޯލްޑް ކަޕަށް ދިޔައީ ގައުމު ހަލަބޮލިކަމެއްގައި އޮއްވައެވެ. އެހެންކަމުން އެގައުމުން އެންމެފަހުން ހޯދި މޮޅުވީ ޖަޒުބާތީ މޮޅަކަށެވެ. އެ މޮޅާއެކު ވަރަށް ބޮޑަށް ކުޅުންތެރިން އުފާވެސް ކުރިއެވެ. ކޯޗު ގުއެރޯޒް ކުރިންވެސް ބުނެފައި ވަނީ އިރާން ޓީމާ އެގައުމުގެ ސިޔާސީ ކަންތަކާ ނުގުޅުވުމަށެވެ. ހާއްސަކޮށް ޓީމުގެ ކުޅުންތެރިންނާވެސް އެފަދަ ސުވާލުތައް ނުކުރަންވެސް ކޯޗު ކުރިން އެދިފައިވެއެވެ.