ވަކި ކުޅުންތެރިޔަކަށް ޓާގެޓްކޮށް ކުރާ ފައުލްތައް ހުއްޓަން ޖެހޭ ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ، ބުނެފިއެވެ.

ބްރެޒިލްގެ ތަރި ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ދެން ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްގެ ތަރި، ނޭމާއަށް އަނިޔާވީ އެޓީމުން ސާބިއާއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައެވެ. އެ މެޗުގައި ބްރެޒިލުން ފުރިހަމަ މޮޅެއް ހޯދީ 2-0 އިން ސާބިއާ ބަލިކޮށްގެންނެވެ.

އުމުރުން 30 އަހަރުގެ ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވެގެން ސާބިއާ މެޗުގައި ބާލަން ޖެހިފައިވާ އިރު، އޭނާގެ ކުޑަހުޅަށް އަނިޔާވީ ފަހު ހާފުގައެވެ. އާންމުކޮށްވެސް އަނިޔާގެ މައްސަލަތާ ދިމާވާ ނޭމާގެ އެންމެ އަނިޔާ ބޮޑީވެސް ކުޑަހުޅުގައެވެ. ބްރެޒިލްގެ ޑޮކްޓަރު ރޮޑްރީގޯ ލާސްމާ ބުނީ ނޭމާގެ ކުޑަހުޅުގެ ލިގަމެންޓަށް ގެއްލުން ވެފައިވާ ކަމަށެވެ.

އެ ހަބަރާއެކު ނޭމާ ވަނީ ސޯޝަލް މީޑިއާއަށް އަސަރުގަދަ މެސެޖެއް ދޫކޮށްލައިފައެވެ. އޭނާ ބުނީ ބްރެޒިލް ޖާޒީގައި އުންމީދާއެކު ނުކުތް ވޯލްޑް ކަޕްގައި އަނިޔާވުމަކީ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު ހިތްދަތިކަން ކަމަށެވެ.

ބްރެޒިލުން ނޭމާއާ ނުލައި ވޯލްޑް ކަޕްގެ ދެވަނަ މެޗަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު، ކޯޗު ޓީޓޭ ބުނީ ނޭމާއަށް ކުރާ ފައުލްތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

"ފުޓުބޯޅައިގެ ހިތްގައިމުކަން ދަމަހައްޓަން ބޭނުންވާނަމަ ފައުލްތަކަށް ސަމާލުކަން ދޭން އެބަޖެހޭ. ވަކި ކުޅުންތެރިޔަކަށް ބަލައިގެން ޓާގެޓްކޮށްގެން ފައުލްކުރަނީ. މިއީ އެކަމުގެ އަސަރުކުރާނެ ކަންކަން. އެކަން ހުއްޓާލަން ޖެހޭ،" ޓީޓޭ ބުންޏެވެ.

ނޭމާއަކީ އަނިޔާގެ މައްސަލަތަކާ ގިނަ ފަހަރެއްގެ މަތިން ކުރިމަތިލާން ޖެހިފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ބްރެޒިލުން ކާމިޔާބުކުރި 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައިވެސް އަނިޔާގެ ސަބަބުން ނޭމާ ކުޅެފައެއް ނުވެއެވެ. އޭގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ބޮޑުބައެއްގައިވެސް ނޭމާ ހުންނަން ޖެހުނީ އަނިޔާގައެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އަނިޔާގެ ކުރިންވެސް ނޭމާއަށް ކުރި 53 ފައުލެއް ފާހަގަވިއެވެ. އެއީ މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ފައުލް އަމާޒުވި ކުޅުންތެރިޔާއަށްވުރެ 11 ފައުލް އިތުރު އަދަދެކެވެ. ހަމައެކަނި ސާބިއާގެ މެޗުގައިވެސް ނޭމާއަށް އަމާޒުކޮށް ނުވަ ފައުލެއް ކޮށްފައިވެއެވެ. އެއީ ގަތަރު ވޯލްޑް ކަޕްގައިވެސް އެއް ކުޅުންތެރިޔަކަށް އަމާޒުކޮށް މިހާތަށް ކޮށްފައިވާ އެންމެ ގިނަ ފައުލެވެ.

ނޭމާގެ އެނބުރި އައުމާ ގުޅޭގޮތުން ޓީޓޭ ބުނީ މުބާރާތުގައި އޭނާ ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި، ޑެނީލޯވެސް އަދި ފެންނާނެ ކަމަށެވެ.

ބްރެޒިލާއި ސްވިޒަލޭންޑް ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.