ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގައި ޔޫރަޕުގެ ގަދަ ދެ ބާރު ސްޕެއިނާއި ޖަރުމަނު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު ސްޕެއިނަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ޖަރުމަނަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. އެ ގްރޫޕުގައި ކޮސްޓަ ރީކާއާއި ޖަޕާނަށްވެސް ތިން ޕޮއިންޓް ލިބިފައިވާ އިރު، ފަހު ދެމެޗުވެސް ފޯރި ގަދަވާނެއެވެ. އަދި ހަތަރު ޓީމަށްވެސް ގަދަ 16ގެ ފުރުސަތު އެބައޮތެވެ.

މިރޭގެ މެޗަށް ގަތަރުގެ އަލް ޙޯރްގެ އަލް ބައިތު ސްޓޭޑިއަމް ތައްޔާރުވެފައި އޮތީ ދުނިޔޭގެ ޗެމްޕިއަނުންގެ ކުރިމަތިލުމަކަށެވެ. ހަތަރު ތަރީގެ ޖަރުމަނާއި 2010ގެ ޗެމްޕިއަން ސްޕެއިންގެ ކުރިމަތިލުމަކަށެވެ. ތާރީހުގެ ބަދަލު ހިފުމުގެ ރޫހު ދެޓީމަށްވެސް އޮންނާނެ ކަން ޔަގީނެވެ. ޔޫރަޕުގެ ގަދަ ދެ ބާރުގެ ވާދަވެރި މެޗެކަށް ސްޓޭޑިއަމް ދިޔައީ ގުގުމަމުންނެވެ. މެޗަށް ނުކުތް އިރު، ދެޓީމުގެ ހާލަތު އޮތީ ތަފާތު ކޮށެވެ.

ވޯލްޑް ކަޕްގައި މިހާތަނަށް ނެރުނު ނަތީޖާއަށް ބަލާ އިރު، ދެޓީމު އޮތީ ތަފާތު ދެ ރޫހެއްގައެވެ. ސްޕެއިނުން މި ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 7-0 އިން ކޮސްޓަ ރީކާ ބަލިކުރި އިރު، އެޓީމު އޮތީ ހަމަޖެހިގެން ނަމަވެސް ސަމާލުވެގެންނެވެ. ފުރަތަމަ މެޗުގައި ޖަރުމުން ޖަޕާނު އަތްދަށުވީ 2-1ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ޖަރުމަނުން ނުކުތީ ލެޔަށް ފުރާނައަށެވެ. ސަލާމަތްވުމަށެވެ، ބަލިވެގެން ނުކެޓިޔަސް، ބައްޔަކާއެކު އިސް ޖަހާލަން ޖެހޭނެކަން އެނގި ތިބެގެންނެވެ.

މެޗު ފެށީވެސް ބެލުންތެރިން ހިތްހަމަ ޖެހޭނެ މަންޒަރުތަކުންނެވެ. ސްޕެއިންގެ މެދުތެރެއިން ކުޅެމުންދާ ޒުވާން ދެތަރިން ކަމަށްވާ ޕެޑްރީއާއި ގަވީގެ ހުއްޓުމެއް ނެތް ދުވެއްޔާއި މޮޅު ކޮންޓްރޯލުން މެދު ތެރޭގެ ކޮންޓްރޯލް ފުރަތަމަ ނެގީ ސްޕެއިނުންނެވެ. ވަކިން ހާއްސަކޮށް ޖަރުމަނަށް ބޯޅަ ލިބޭ ކޮންމެފަހަރަކު އަވަސްކޮށް ސްޕެއިނުން ދިޔައީ ބޯޅަ ހޯދަމުންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސްޕެއިން ނަމަވެސް ޖަރުމަނުން ދިޔައީ ނުރައްކަލަކަށް ފަހި ކުރަމުންނެވެ. ކުއްލިއަކަށް ޑިފެންސް އެޓޭކަށް ބަދަލު ކޮށްލަން ވަގުތަކަށް ބަލަމުންނެވެ.

މެޗުގެ ހަތްވަނަ މިނެޓުގައިވެސް ސްޕެއިނުން ލީޑު ނެގިގެން ހީވި ކަހަލައެވެ. ރީތި ކުޅުމަކާއެކު، ޕެނަލްޓީ އޭރިއާ ބޭރުން ޑެނީ އޮލްމޯ ފޮނުވާލި ބާރު ހަމަލާ، ޖަރުމަން ގޯލް ކީޕަރު މެނުއެލް ނޯޔާ އަތުގައި ޖެހިފައި އަމާޒުވީ ހުރަސް ދަނޑިއަށެވެ. ސްޕެއިންގެ އެތައް ސަޕޯޓަރުންނަކަށް ލީޑު ނެގުނުހެން ހީވެ ކޮޅަށްވެސް ތެދުވިއެވެ. އެ ހަމަލާއާއެކު ސްޕެއިންގެ އެޓޭކް ހުއްޓުނީކީ ނޫނެވެ. 22 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ދުރުން ޖެހި ބުލެޓް ޝޮޓްވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ޓެކްޓިކަލް މެޗެއްގެ ގޮތުގައި މެޗު ފާހަގަވެގެން ދިޔަ އިރު، 25 ވަނަ މިނެޓުގައި ޖަރުމަނުން ފެނިލިއެވެ. ސްޕެއިންގެ ކީޕަރު އުނައީ ސިމޮންގެ ކޮންސަންޓްރޭޝަން ގެއްލި އޭނާގެ ފަރާތުން ފެނުނު މިސް ޕާހަކުން، ޕެނަލްޓީ އޭރިއާ ބޭރުން ޖަރުމަނުގެ ސާޖް ނާބްރީ ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަނެއްކޮޅުން ނޯޔާގެ ގޯހަކުން ފެރަން ޓޮރެސްއަށްވެސް ފުރުސަތެއް ލިބި އޭނާއަށްވެސް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

ސްޕެއިން އަތުގައި ކޮންޓްރޯލް އޮތް ނަމަވެސް ޖަރުމަނުން ދިޔައީ މަޑުމަޑުން މެޗަށް ވަދެ، ސްޕެއިނަށް އުނދަގޫތައް ކުރިމަތި ކުރުވަމުންނެވެ. އެހެން ނަމަވެސް ސްޕެއިން އެޓޭކްގެ ނުރައްކާ ވަކި ކުޑައެއްވެސް ނުވެއެވެ. މެޗުގެ 33 ވަނަ މިނެޓުގައި ކައުންޓާ އެޓޭކް ފުރުސަތެއްގައި އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ސްޕެއިންގެ ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށެވެ. ހުސް ފުރުސަތެއް ބޭކާރުވިއެވެ.

ފޯރިގަދަ އޮއިވަރެއްގައި ކުޅެވެމުން ދިޔަ މެޗު އިތުރަށް ޝައުގުވެރިވީ ޖަރުމަނުން ބޯޅަ ގޯލަށް ވައްދާލުމުންނެވެ. ޖޯޝުއާ ކިމިޗް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އެރިއާ ތެރޭ ހުރެ، ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބޮލުން ފޮނުވާލި ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރުން ދެއްކީ ރުޑިގާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ. ގޯލެއް ނޫނެވެ. އޭގެ ފަހުން ރުޑިގާ ފޮނުވާލި ހަމަލާ އަމާޒުވީ ސްޕެއިން ކީޕަރު އަތަށެވެ.

ސްޕެއިނާއި ޖަރުމަނަށްވެސް ވޯލްޑް ކަޕް އުފުލާލަ ދީފައިވާ ލެޖެންޑުން ބަލަން ގޮސް ތިބި މެޗުގެ ފަހު ހާފުވެސް ވަކި ދެރައެއް ނޫނެވެ. ޖަރުމަނުން ވަރުގަދަކޮށް ފަށައި، ސްޕެއިން މަޑު ޖައްސާލިއެވެ. މެޗުގެ 56 ވަނަ މިނެޓުގައި ކިމިޗްގެ ބާރު ހަމަލާއެއްވެސް ފެނިގެން ދިޔައެވެ. އޭނާ ފޮނުވާލި ހަމަލާ ޕަންޗުކޮށް ބޭރުކޮށްލީ ސްޕެއިންގެ ގޯލްކީޕަރު ސިމޮންއެވެ. ސްޕެއިނުން ގޯލަކަށް ކުރި މަސައްކަތުގައި އިތުރު ގޮތެއް ހޯދުމަށް ސްޕެއިންގެ ކޯޗު އެންރީކޭ ހާފުގެ ކުރީކޮޅުގައި ބަދަލެއް ގެނައެވެ. ޓޮރޭސްގެ ބަދަލުގައި ކުޅެން ނެރުނީ އަލްވާރޯ މޮރާޓާއެވެ. ސީދާ ސެންޓަ ފޯވަޑެއް ދަނޑު މައްޗަށް ނެރުނީއެވެ.

އެ ބަދަލުގެ ނަތީޖާ ވަރަށްވެސް ސާފެވެ، 62 ވަނަ މިނެޓުގައި ސްޕެއިން ލީޑު ނެގިއެވެ. ޖޯޑީ އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އަލްވާރޯ މޮރާޓާއެވެ. ހިތްގައިމު ނިންމާލުމަކާއެކު ފްލިކާއި ޖަރުމަނު ފަހަތަށް ޖައްސާލިއެވެ. ޖަރުމަނަށް 2018 ގެ ތާރީހި އިޔާދަވާން ދާހެން ހީވިއެވެ. މި މެޗުން ނުކެޓިޔަސް އަމިއްލަ ބާރުގައި ދެން ގަދަ 16 އުނދަގޫވާނެކަމުގެ އިހުސާސް ކުރެވުނެވެ.

ބަދަލުތަކަކާއެކު ޖަރުމުންވެސް ކުޅުން ރަނގަޅުުރިއެވެ. ލެރޮއީ ސާނޭގެ ހަލުވިކަމާއެކު އެޓޭކް ކޮންމެވެސް ވަރަކަށް ވަރުގަދަވެސް ކުރިއެވެ. 73 ވަނަ މިނެޓުގައި މުޅިން ހުސް ފުރުސަތެއްވެސް ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ، މުސިއާލާ ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލްކީޕަރު ސިމޮން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ބަދަލުތަކުން ޖަރުމަނު ވަރުގަދަކޮށް ނަތީޖާ ހަމަހަމަވެސް ކުރިއެވެ. 83 ވަނަ މިނެޓުގައި ޖަރުމަނުގެ ގޯލު ޖަހައިދިނީ ނިކްލަސް ފުލްކްރުގެވެ. ބަދަލަކަށް ނުކުތް ފުލްކްރުގް، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

އެ ގޯލާއެކުވެސް މެޗު ފެނުނީ ޝައުގުވެރި މެޗެއްގެ ގޮތުގައެވެ. ދެޓީމުންވެސް ގޯލަކަށް ފަހު ސިކުންތަށްވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މެޗު ނިމުނީ އިތުރު ގޯލެއް ނުފެނިއެވެ.

15:00 ކެމަރޫން - ސާބިއާ (ގްރޫޕް ޖީ)

18:00 ދެކުނު ކޮރެއާ - ގާނާ (ގްރޫޕް އެޗް)

21:00 ބްރެޒިލް - ސްވިޒަލޭންޑް (ގްރޫޕް ޖީ)

00:00 ޕޯޗުގަލް - އުރުގުއާއީ (ގްރޫޕް އެޗް)