މިއަދު އާންމުކުރި ވިނަރެސް ފުލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓުގައި ސީލައިފާއި ގުޅިފަޅު އަދި ހިޔާއިން ފުލެޓް ދޫކުރި ފަރާތްތަކުގެ ނަންތައް ނުހިމެނޭނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.
ވިނަރެސް ހައުސިން މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް އެޗްޑީސީން މިއަދު ވަނީ އާއްމުކޮށްފައެވެ. އެއާއެކު ބައެއް ފަރާތްތަކުން ވަނީ އެ ލިސްޓްގައި ސީލައިފާއި ގުޅިފަޅު އަދި ހިޔާއިން ފުލެޓް ދޫކުރި ފަރާތްތަކުގެ ނަންތައް ހިމަނާފައިވާ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއަދު އާންމުކުރި ލިސްޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަކަށް ހައުސިން މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ.
"މި ލިސްޓުގައި ހިޔާ ފުލެޓްތަކުން ފުލެޓް ދޫކޮށްލި ފަރާތްތަކަށާއި ގުޅިފަޅުންނާއި އަދި ސީލައިފްއިން ފުލެޓް ގަނެފައިވާ ފަރާތްތަކަށް، ވިނަރެސް މަޝްރޫއިން ފުލެޓް ދޭން ނިންމި އެއްވެސް ފަރާތެއްގެ ނަމެއް މި ލިސްޓުގައި ނުހިމެނޭނެ،" އެޗްޑީސީން ބުންޏެވެ.
މީގެ ކުރިން ވަނީ ހިޔާ ފުލެޓް ލިބުނު މީހުންގެ ތެރެއިން އެތަން ދޫކޮށްލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށްފަހު، ވިނަރެސް ފުލެޓަށް ކުރިމަތިލާން ފުރުސަތު ދީފައެވެ. އަދި ގުޅިފަޅުންނާއި ސީލައިފުން ފުލެޓް ގަނެފައިވާ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ވިނަރެސް ހިޔާރުކުރަން ވެސް ވަނީ ފުރުސަތު ދީފައެވެ.
ނަމަވެސް މިއަދު އާންމުކުރި ވިނަރެސް ފުލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓުގައި އެ ފަރާތްތަކުގެ ނަންތައް ވެސް ނުހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، ސަރުކާރުން ވަނީ ވިނަރެސް މަޝްރޫއުގެ ބައެއް ފުލެޓުތައް މާލޭގައި ދިރިއުޅޭތާ ގިނަދުވަސް ވެފައިވާ މީހުންނަށާއި މާލޭ ރަށްވެހިންނަށް ހާއްސަކޮށްފައި ކަމަށެވެ. ހައުސިން މިނިސްޓްރީން ވަނީ ވިނަރެސް ފުލެޓުތަކަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދޭނެ ގޮތް ކަނޑައަޅާފައި ކަމަށާއި އެހެންކަމުން ވިނަރެސް ފުލެޓުތައް އެންމެ ހައްގުވާ ފަރާތްތަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފައި ކަމަށް އެޗްޑީސީން ބުންޏެވެ.
ވިނަރެސް ފްލެޓުތަކަށް ޝަރުތު ހަމަވި މީހުންގެ ވަގުތީ ލިސްޓު އެޗްޑީސީގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން ވިނަރެސް އެޕާޓްމަންޓް ގަތުމަށް ޖުމުލަ 1413 މީހުން ފޯމު ހުށަހެޅި އިރު، އޭގެ ތެރެއިން ޝަރުތު ހަމަވީ 723 މީހުންނެވެ.
އެ ލިސްޓަށް ބަލައި އިރު، މާލޭގެ ރައްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ކެޓަގަރީން 248 ފަރާތެއް ޝަރުތު ހަމަވެއެވެ. އެ ކެޓަގަރީން އެންމެ މަތިން 83 ޕޮއިންޓެވެ. އެންމެ ދަށުން ލިބިފައިވަނީ 25 ޕޮއިންޓެވެ. އަދި މާލޭގައި 15 އަހަރު ދިރުއުޅުނު މީހުންގެ ކެޓަގަރީން 475 ފަރާތަކަށް ޝަރުތު ހަމަވާއިރު އެ ކެޓަގަރީން އެންމެ މަތިން ލިބިފައިވަނީ 98 ޕޮއިންޓެވެ. އެންމެ ދަށުން ލިބިފައިވަނީ 25 ޕޮއިންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު