ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ހަތަރު ވަނަ މެޗުގައި ސްޕެއިނާއި ޖަރުމަނު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މި މެޗަކީ ދުނިޔޭގެ ޗެމްޕިއަނުންގެ ކުރިމަތިލުމެއް. ޔޫރަޕުގެ ގަދަ ދެ ބާރުގެ ވާދަވެރި މެޗެއް. ފުޓުބޯޅައިގެ ތާރީހެއް އޮތް ވާދަވެރި ދެ ގައުމެއްގެ ކުރިމަތިލުމެއްވެސްމެ. މިވަގުތު ވޯލްޑް ކަޕްގެ ނަތީޖާއަށް ބަލާ އިރު، ދެޓީމު އޮތީ ތަފާތު ދެ ހާލަތެއްގައި. ސްޕެއިނުން މި ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 7-0 އިން ކޮސްޓަ ރީކާ ބަލިކުރި. ފުރަތަމަ މެޗުގައި ޖަރުމުން ޖަޕާނު އަތްދަށުވީ 2-1ގެ ނަތީޖާއަކުން.

  • ހާންސީ ފްލިކް - ޖަރުމަނު

"އެންމެފަހުގެ ދެ މުބާރާތްވެސް ޖަރުމަނަށް ދިޔައީ ގޯސްކޮށް، އެކަން ތަކުރާރު ނުކޮށް ވާނެ ގޮތެއް ހޯދަން މި ނުކުންނަނީ. މިއީ ވޯލްޑް ކަޕްގައި ޖަރުމަނަށް މި ފަހަރު ކުރިމަތިވާ އެންމެ ފުރަތަމަ ފައިނަލް. މި ފައިނަލަށް ނުކުންނަން މި ޖެހެނީ ފަހުގެ ތާރީހުގެ ބަދު ނަސީބު ބަދަލުކުރަން،"

  • ލުއިސް އެންރީކޭ - ސްޕެއިން

"ކުޅުމުގެ ގޮތަށް، ބޯޅަ ގެންގުޅުމާއި ބޯޅަ ކޮންޓްރޯލުކުރުމުގެ ގޮތްތަކަށް ބަލައި އިރު، ޖަރުމަނާ އެންމެ ހަމަހަމަ، ވައްތަރު ޓީމަކީ ސްޕެއިން. އެހެންވީމަ މެޗު ވާނީ ސްޕެއިނަށް ވަރަށް ގަޔާވާ ޗެލެންޖަކަށް. މެޗު ވަރަށް ބޮޑަށް ހުޅުވިފައި އޮންނާނީ، މުބާރާތެއް ފަށައި އިރު، އުންމީދު ކުރާނީ ރަނގަޅު ފެށުމަކަށް. އެކަމަކު އެހާ ވަރުގަދަ ސްޕެއިނަކަށް އަހަރެންވެސް އުންމީދެއް ނުކުރަން. ބެލުންތެރިންވެސް ގަޔާވާނެ ސްޕެއިނެއް އެއީ. އެކަމަކު އަހަންނަށް އަބަދުވެސް ފެންނާނީ މައްސަލަ. އެ މައްސަލަ ނުފެންނަ ކަމަށްވާ ނަމަ، އަހަރެން ވާނީ މޮޔައަކަށް ދޯ،"

  • ސްޕެއިނާއި ޖަރުމަނު މީގެ ކުރިން 25 މެޗެއްގައި ވާދަކުރި
  • އެ މެޗުތަކުގެ ތާރީހު ދެވަނަ ބޮޑު ހަނގުރާމައަށްވުރެ ކުރިއަށްވެސް ޖެހިލައި
  • 1942 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއިންވެސް ޖަރުމަނާއި ސްޕެއިން މެޗެއް ކުޅުނު
  • ވޯލްޑް ކަޕްގައި ޖަރުމަނާއި ސްޕެއިން އެންމެ ފުރަތަމަ ވާދަކުރީ 1966 ވަނަ އަހަރު، އެމެޗުން މޮޅުވީ ޖަރުމަނު
  • އޭގެފަހުން ޖަރުމަނާއި ސްޕެއިން، ޔޫރޯއާއި ވޯލްޑް ކަޕްގައި އެތައް ފަހަރަކު ކުޅުނު
  • 1994 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު މެޗުގައި، ސްޕެއިން ކޯޗު އެންރީކޭވެސް ކުޅުނު
  • 2008 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައިވެސް ޖަރުމަނާއި ސްޕެއިން ވާދަކުރި
  • އެމެޗު ކާމިޔާބުކޮށް ސްޕެއިން ޔޫރޯ ނެގީ 1-0ގެ ނަތީޖާއަކުން
  • އޭގެ ފަހުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައިވެސް ސްޕެއިނުން ޖަރުމަނު ކަޓުވާލި
  • އެންމެފަހުން ދެޓީމު ކުޅުނީ 2020 ވަނަ އަހަރު، ނޭޝަންސް ލީގުގެ އެ މެޗު ސްޕެއިން ކާމިޔާބުކުރީ 6-0 އިން