ސައިބާސްޕޭސްގައި ހިންގާ ހުއްދަނޫން އަމަލުތައް ކުށުގެ ގޮތުގައި ކަނޑައަޅައި އެކަމާ ގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ފޮނުވައިފިއެވެ.
އޭޖީ އޮފީހުން މިއަދު ބުނީ ސައިބާސްޕޭސްގައި ހިންގާ ހުއްދަ ނޫން އަމަލުތަކަކީ ކުށް ކަމުގައި ކަނޑައެޅުމަށާއި އެ ކުށްތަކާ ގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް، ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ގާނޫނަށް ހުށަހަޅާ މައިގަނޑު އިސްލާހުތައް:
- ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން
- އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން
- ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓް ކުރުން
- ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާއަށް އިންޓަފިއާ ކުރުން
- ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އިންޓަފިއާ ކުރުން
- ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުން
އޭޖީ އޮފީހުން ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ވެސް އިސްލާހު ގެންނަން މަޖިލީހަށް ފޮނުވުމަށް ރައީސް އޮފީހަށް ފޮނުވައިފައެވެ. އެ އިސްލާހު ހުށަހަޅަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ޒާތީ މުއާމަލާތްތައް އިންޓަސެޕްޓްކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތަކުގެ ބައެއް ބަދަލުކޮށް، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ސައިބާސްޕޭސްގައި ހިންގާ ކުށްތައް ތަހުގީގު ކުރުމަށް ގާނޫނީ ގޮތުން އިތުރު ބާރުތަކެއް ދިނުމަށް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތައް:
- ސާވިސް ޕްރޮވައިޑަރުން ސަބްސްކްރައިބާ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑޭޓާ ރިޓެއިން ކުރުމާ ގުޅޭ އިޖުރާއަތު
- ރައްކާކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވް ކުރުމަށާއި ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖުރާއަތު
- ކޮމްޕިއުޓާ ޑޭޓާ އާއި ސަބްސްކްރައިބާ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތް
- ރައްކާކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާ ބަލައި ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތް
- ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެ އަމުރު ތަންފީޒުކުރުމުގެ އިޖުރާއަތް