ޚަބަރު

ގައްދޫ ބަނދަރުގެ މަސައްކަތް ފަށައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ޕްލޭނިން މިނިސްޓްރީން ގައްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 42.6 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

އެމްޓީސީސީން މިއަދު ބުނީ ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 26 ނޮވެމްބަރު 2022 ވަނަ ދުވަހު ފަށާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ މިހާރު ހުރި ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓްވެސް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އޭގެ އިތުރުން 232 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 320 މީޓަރުގެ ސޯކޯރިން އޭޕްރަންއެއް ހެދުމާއި 1,600 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި 26 މީޓަރު ދިގުމިނުގެ ދެ މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.