ޚަބަރު

ޖިނާއީ ބޮޑެތި ކުށްތަކުގައި ހުކުމް އަންނަ މީހުންގެ ވަކީލުކަމުގެ ހުއްދަ އުމުރަށް ބާތިލުކުރަނީ

އިބްރާހިމް ޒަކީ

ޖިނާއީ ބޮޑެތި ކުށްތަކުގައި ހުކުމް އަންނަ މީހުންގެ ވަކީލުކަމުގެ ހުއްދަ ދާއިމީކޮށް ބާތިލު ކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިސްލާހުކޮށްފިއެވެ.

ޖުޑީޝަރީ ކޮމިޓީން ގާނޫނު އެގޮތަށް އިސްލާހުކުރީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހުސައިން، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް ކޮމިޓީން ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ.

އިކުރާމް ހުށަހެޅުއްވި ބިލުގައި ވަނީ އެ ގާނޫނުގެ 35 ވަަނަ މާއްދާގެ (ށ)ގެ ފަހަތަށް ފަސް އަކުރު އިތުރު ކުރުމަށެވެ.

އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގުކުރުމަށްފަހު، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ފަނޑިޔާރުން، ވަކިކުރަން މަޖިލީހުން ފާސްކުރާ ހިސާބުން، އެ ފަނޑިޔާރު ކުރި އަމަލަކީ ގާނޫނީ ވަކީލުކަމުގެ ސުލޫކާ ހިލާފު އަމަލެއް ކަމަށް ބަލައި، އެ ފަނޑިޔާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށް ވަނީ ހުށަަހަޅައިފައެވެ.

އެގޮތަށް ވަކީލުކަމުގެ ހުއްދަ ބާތިލުވާ މީހުންނަށް ރާއްޖޭގައި ވަކީލުކަން ކުރުމަށް، ވަކީލުކަމުގެ ހުއްދަ އަލުން ހޯދޭނީ ފަސް އަހަރު ފަހުން ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެ މީހަކު ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމާފައި ވަނީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ބޮޑު އަމަލެއް ކުރި ކަމަށް ޖޭއެސްސީގެ ތަހުގީގަށް ސާބިތުވެގެން ކަމަށްވާ ނަމަ ދުވަހަކުވެސް އެ މީހަކަށް ވަކީލުކަމުގެ ހުއްދައެއް ނުލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ހާލަތުގައި ފަނޑިޔާރަކު އިސްތިއުފާ ދިނަސް އޭނާގެ މައްޗަށްވެސް އެގޮތަށް އަމަލު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ކޮމިޓީން ވަނީ އެ އިސްލާހުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ގާނޫނީ ވަކީލެއްގެ ވަކީލުކަން ދާއިމަށް ބާއިލު ކުރެވޭނީ، ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް، ވައްކަ ނުވަތަ ޓެކުން ނުވަތަ މަކަރާއި ހީލަތް ނުވަތަ ހިޔާނާތް ނުވަތަ އޮޅުވާލުމުގެ ކުށެއް ސާބިތުވާ ކަަމަށް ޝަރީއަތުން ނިހާއީ ހުކުމެއް ކަނޑައެޅުމުން ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ވަކީލަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ނުވަތަ ވަކިކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ނުދެވޭނެ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.

އެ މުއްދަތު ގައި ވަގުތީ ގޮތުން ހިފެހެއްޓިފައިވާ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެދޭ މީހުން އެކަން ބަޔާންކޮށް ބާ ކައުންސިލުން ކަނޑައަޅާ އުސޫލާ އެއްގޮތަށް އެ ކައުންސިލަށް ހުށަހެޅިދާނެ ކަމަށާއި އެކަމަށް ހުށަހަޅާއިރު ހިމަނަންޖެހޭ ތަފުސީލުތައްވެސް އެ ބިލަށް ކޮމިޓީން ގެނައި އިސްލާހުތަކުގައި ވަނީ ހިމަނައިފައެވެ.