ދުނިޔޭގެ ޗެމްޕިއަނުންގެ ކުރިމަތިލުމެކެވެ. ޔޫރަޕްގެ ގަދަ ދެ ބާރުގެ ވާދަވެރި މެޗެކެވެ. ފުޓުބޯޅައިގެ ތާރީހެއް އޮތް ވާދަވެރި ދެ ގައުމެއްގެ ކުރިމަތިލުމެކެވެ. ފެވަރިޓުންގެ ކުރިމަތިލުމެކެވެ. ނަމަވެސް ދެ ހާލަތެއްގައި އޮތް ދެ ޓީމެއްގެ ކުރިމަތިލުމެކެވެ. ސްޕެއިނުން މި ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 7-0 އިން ކޮސްޓަ ރީކާ ބަލިކުރިއެވެ. ޖަރުމުން ޖަޕާނު އަތްދަށުވީ 2-1ގެ ނަތީޖާއަކުންނެވެ.

ތަފާތު ވާނެ ކަމަށް ބުނެ ނުކުންނަ ޖަރުމަނަށް މި ފަހަރުވެސް ފުރަތަމަ ކުރަން މި ޖެހުނު ކަމަކީ ހަމަ ގަނޑަތެޅެމުން ގްރޫޕް ސްޓޭޖުން ސަލާމަތްވާން އުޅުމެވެ. އެއީ 2018 ގައިވެސް އެކަން ހިނގި ބީދައެވެ. އެހެން އުޅެނިކޮށް، ޗެމްޕިއަނުން ގޮތުގައި ނުކުތް ޖަރުމަނު ކެޓީއެވެ. އަދި އެންމެފަހުން ޔޫރޯގެ ގަދަ 16 އިންވެސް ޖަރުމަނު ކެޓީއެވެ. އެތައް ދުވަހަކަށްފަހު، އިންގްލެންޑްގެ އަތްދަށުވެގެންނެވެ. އެހެންކަމުން ޖަޕާނާއެކު ބައްޔަކުން ފެށި ޖަރުމަނަށް ތާރީހު އިޔާދަވިޔަ ނުދޭން ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރަން އެބަޖެހެއެވެ.

"އެންމެފަހުގެ ދެ މުބާރާތްވެސް ޖަރުމަނަށް ދިޔައީ ގޯސްކޮށް،" އެންމެފަހުގެ ވޯލްޑް ކަޕާއި ޔޫރޯގެ ވާހަކައަށް ރިއާޔަތްކޮށް ފްލިކް ބުންޏެވެ.

"އެކަން ތަކުރާރު ނުކޮށް ވާނެ ގޮތެއް ހޯދަން މި ނުކުންނަނީ. މިއީ ވޯލްޑް ކަޕްގައި ޖަރުމަނަށް މި ފަހަރު ކުރިމަތިވާ އެންމެ ފުރަތަމަ ފައިނަލް. މި ފައިނަލަށް ނުކުންނަން މި ޖެހެނީ ފަހުގެ ތާރީހުގެ ބަދު ނަސީބު ބަދަލުކުރަން،" ފްލިކް ބުންޏެވެ.

ޖަރުމަނުން ފުރަތަމަ މެޗުގައި ފީފާއާއި ގަތަރާ ދެކޮޅަށް އަޑުއުފުލުމަށް ކަމަށް ބުނެ "އަނގަމަތީގައި" އަތް އެޅުމުން އެކަމަށްވެސް ފާޑުކިޔުން އަމާޒުވެފައިވާ އިރު، ފްލިކް ބުނީ ފުޓުބޯޅައިން ފޯކަސް ގެއްލުވާނުލާ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ސްޕެއިނުން ކުޅުނު މެޗުގައި ކޯޗު ލުއިސް އެންރީކޭ ހިތްހަމަ ޖެހޭނެ ފަދަ މޮޅަކުން މޮޅުވެފައި އޮތް ނަމަވެސް، އޭނާ ބުނާ ގޮތުން ޗެލެންޖް އުނދަގޫވާނެއެވެ.

"ކުޅުމުގެ ގޮތަށް، ބޯޅަ ގެންގުޅުމާއި ބޯޅަ ކޮންޓްރޯލް ކުރުމުގެ ގޮތްތަކަށް ބަލައި އިރު، ޖަރުމަނާ އެންމެ ހަމަހަމަ، ވައްތަރު ޓީމަކީ ސްޕެއިން. އެހެންވީމަ މެޗު ވާނީ ސްޕެއިނަށް ވަރަށް ގަޔާވާ ޗެލެންޖަކަށް. މެޗު ވަރަށް ބޮޑަށް ހުޅުވިފައި އޮންނާނީ،" އެންރީކޭ ބުންޏެވެ.

"މުބާރާތެއް ފަށައި އިރު، އުންމީދު ކުރާނީ ރަނގަޅު ފެށުމަކަށް. އެކަމަކު އެހާ ވަރުގަދަ ސްޕެއިނަކަށް އަހަރެންވެސް އުންމީދެއް ނުކުރަން. ބެލުންތެރިންވެސް ގަޔާވާނެ ސްޕެއިނެއް އެއީ. އެކަމަކު އަހަންނަށް އަބަދުވެސް ފެންނާނީ މައްސަލަ. އެ މައްސަލަ ނުފެންނަ ކަމަށްވާ ނަމަ، އަހަރެން ވާނީ މޮޔައަކަށް ދޯ،" އެންރީކޭ ބުންޏެވެ.

  • ސްޕެއިން: ޖަޕާނުން ކޮސްޓަ ރީކާ ބަލިކޮށް، ނޫނީ އެ މެޗު އެއްވަރުވެއްޖެ ހާލަތެއްގައި ޖަރުމަނު ބަލިކޮށްފިނަމަ، ގަދަ 16 އަށް ދާނެ.
  • ޖަޕާން: ޖަޕާނުން ކޮސްޓަ ރީކާ ބަލިކޮށްފިނަމަ ގަދަ 16 ޔަގީން ކުރެވިދާނެ، އެކަމަކު އެއީ ސްޕެއިން ޖަރުމަނު ކައިރީ އެއްވަރުވެގެން، ނޫނީ އެމެޗުން ސްޕެއިން މޮޅުވެގެން
  • ޖަރުމަނު: ޖަޕާނު މެޗުން ޖަޕާނު މޮޅުވެ، ނުވަތަ އެމެޗު އެއްވަރު ވެއްޖެ ހާލަތެއްގައި، ސްޕެއިން އަތުން ބަލިވެއްޖެނަމަ ކަޓާނެ
  • ކޮސްޓަ ރީކާ: ސްޕެއިން މެޗުން ސްޕެއިން މޮޅުވެ، ނޫނީ އެމެޗު އެއްވަރުވާ ހާލަތެއްގައި ޖަޕާނު އަތުން ކޮސްޓަ ރީކާ ބަލިވެފައި އޮތް ނަމަ ކަޓާނެ

ސްޕެއިނާއި ޖަރުމަ މީގެ ކުރިން 25 މެޗެއްގައި ވާދަކުރިއެވެ. އެ މެޗުތަކުގެ ތާރީހު ދެވަނަ ބޮޑު ހަނގުރާމައަށްވުރެ ކުރިއަށްވެސް ޖެހިލައެވެ. 1942 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއިންވެސް ޖަރުމަނާއި ސްޕެއިން މެޗެއް ކުޅުނެވެ.

ވޯލްޑް ކަޕްގައި ޖަރުމަނާއި ސްޕެއިން އެންމެ ފުރަތަމަ ވާދަކުރީ 1966 ވަނަ އަހަރުއެވެ. އެ މެޗުން މޮޅުވީ ޖަރުމަނެވެ. އޭގެފަހުން ޖަރުމަނާއި ސްޕެއިން، ޔޫރޯއާއި ވޯލްޑް ކަޕްގައި އެތައް ފަހަރަކު ކުޅުނު އިރު، 1994 ވަނަ އަހަރު ވޯލްޑް ކަޕްގައި ޖަރުމަނާއި ސްޕެއިން ކުޅުނު މެޗުގައި، ސްޕެއިން ޓީމުގައި މިހާރުގެ ކޯޗު އެންރީކޭވެސް ހިމެނެއެވެ.

"އަހަރެން ހަނދާން އެބަހުރި 1994 ވަނަ އަހަރު ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު. އޭރު ދެން މިހާރާ ވަރަށް ތަފާތުވާނެތާ. ފުޓުބޯޅައިގެ ފިޒިކަލިޓީއާ ކަންކަން. އެކަމަކު ޖަރުމަނަކީ ޓަފް ޓީމެއް އަބަދުވެސް،" އެންރީކާ ބުންޏެވެ.

އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. 2008 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައިވެސް ޖަރުމަނާއި ސްޕެއިން ވާދަކުރި އިރު، އެ މެޗު ކާމިޔާބުކޮށް ސްޕެއިން ޔޫރޯ ނެގީ 1-0ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައިވެސް ސްޕެއިނުން ޖަރުމަނު ކަޓުވާލީ 1-0 އިން މޮޅުވެގެންނެވެ. އެންމެފަހުން ދެ ޓީމު ކުޅުނީ 2020 ވަނަ އަހަރުއެވެ. އެއީ ނޭޝަންސް ލީގު މެޗެއްގައެވެ. އެ މެޗު ސްޕެއިން ކާމިޔާބުކުރީ 6-0 އިންނެވެ.

މިރޭގެ މެޗަށް ދެ ޓީމު ނުކުންނާނީ މިރޭ މެންދަމު 12:00 ގައެވެ.