ގަތަރު ވޯލްޑް ކަޕް 2022

އާޖެންޓީނާ އެނބުރި އައިސްފި، މެސީގެ ވަދާއީ ވޯލްޑް ކަޕަށް ދިރުން

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގައި މިރޭ އާޖެންޓީނާއިން ކުޅުނު މެޗުގައި މެކްސިކޯ ބަލިކޮށް، ގަދަ 16 ގެ އުންމީދު ދަމަހައްޓައިފިއެވެ.

ލުސައިން އައިކަނިކް ސްޓޭޑިމްގައި މިރޭ ކުޅުނު މެޗުގައި އާޖެންޓީނާއިން މެކްސިކޯ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާޖެންޓީނާއަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބި، ގަދަ 16 ގެ އުންމީދު އާވެފައެވެ. މެކްސިކޯއަށް ދެ މެޗުން ޕޮއިންޓެއް ލިބުނު އިރު، އެޓީމަށް ދެން އޮންނާނީ ފަހު މެޗުގައި ސައުދީ އަރަބިއާ ކައިރިން ބޮޑު މޮޅެއް ހޯދުމެވެ. އާޖެންޓީނާއަށްވެސް ގަދަ 16 ހޯދަން އަދިވެސް ޕޮލެންޑް ކައިރިން ނަތީޖާ ނެރެން ޖެހޭނެއެވެ. އެއީ ޕޮލެންޑް ހަތަރު ޕޮއިންޓް ހޯދާފައިވާތީއެވެ.

އާޖެންޓީނާއިން މިރޭގެ މެޗަށް ނުކުތީ މޮޅުވުން ނޫން ގޮތެއް ނެތް ކަމަށް ބަލައިގެންނެވެ. ބައްޔަކާއެކު ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕް ކަރުނައިން ނިމިދިޔަ ނުދިނުމަށެވެ. އެޓީމަށް އޮތީ މޮޅުވުމެވެ. ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ ކައިރިން ވި 2-1 ގެ ބަލީގެ ހިތި ނަތީޖާއެވެ. މިރޭގެ ޕްރެޝަރާ ކުރިމަތިލާން ޖެހުނު ގޮތަކީ އެއީއެވެ. 36 މެޗުން ބަލިނުވެ ވޯލްޑް ކަޕަށް ނުކުމެ، ސައުދީ އަތްދަށުވުމުންނެވެ. އެ ދުވަހު މެސީއާއި އާޖެންޓީނާ ތިރިވީ ކަކޫ މައްޗަށެވެ. "ޓީމުގެ ރޫހު މަރުވި" ކަމަށް މެސީ ބުންޏެވެ. އެއާ ވިއްދައިގެން އޭނާ ބުނީ މެކްސިކޯ މެޗަށް ތެދުވާނެ ކަމަށެވެ.

މެކްސިކޯ އަތުގައި ތާރީހު ނެތަސް، އެޓީމަކީ ވޯލްޑް ކަޕްގެ ޓީމެކެވެ. 2018 ގެ ގްރޫޕް ސްޓޭޖުގައި 2014 ގެ ޗެމްޕިއަން ބަލިކުރި ޓީމެކެވެ. އެ މެޗުގައި ޖަރުމަނު ކޮޅަށް ޖެހި ގޯލާއެކު މެކްސިކޯ ގުގުމާލިއެވެ. އެ ހިިސާބަށް ބިންހެލުމެއްގެ އަސަރު ކުރިއެވެ. އެއީ މެކްސިކޯއިން ފުޓުބޯޅައަށް ދޭ ލޯތްބެވެ. މި މެޗަށް މެކްސިކޯ ނުކުތީ ޕޮލެންޑް އަތުން ހޯދި ޕޮއިންޓާ އެކުގައެވެ.

ދަނޑު މައްޗަށް ނުކުތް އިރުވެސް އާޖެންޓީނާއާއި މެސީގެ މޫނުމަތިން ފެނުނީ ޕްރެޝަރެވެ. ސީރިއަސްކަމެވެ. އެ މަންޒަރު ފެންނަން ޖެހޭނެތާއެވެ. ދެފަހަރުގެ ޗެމްޕިއަން އާޖެންޓީނާއަށް ގްރޫޕް ސްޓޭޖުން ކެޓުމަކީ އާންމުކަމެއް ނޫނެވެ. 2002ގެ ކޮރެއާ ޖަޕާނު މުބާރާތް ފިޔަވައި އެހެން އެއްވެސް އަހަރަކު އާޖެންޓީނާ އަދި ވޯލްޑް ކަޕެއްގެ ފުރަތަމަ ބުރުން ކަޓައިފައެއް ނެތެވެ. އެ ތާރީހަށް ދާން އެތައް ބަޔަކު ހިތެއް ނޭދެއެވެ.

މެކްސިކޯ ސަޕޯޓަރުންގެ ބާރު އަޑުފައްގަނޑު ލުސައިން އައިކަނިކް ސްޓޭޑިއަމުން ގުގުމަމުން ދިޔަ އިރު، ފަސް ބަދަލަކާއެކު ނުކުތް އާޖެންޓީނާއަށް ހަމަޖެހިލަންވެސް މެކްސިކޯއިން ވަގުތެއް ނުދެއެވެ. ފުރަތަމަ ކޮޅުގައި މެކްސިކޯ ޕްރެސްކޮށް އާޖެންޓީނާ ހާސްކޮށްލިއެވެ. އެހެން ނަމަވެސް ފުރަތަމަ 20 ވަރަކަށް މިނެޓް ނިމުނީ އެކަށޭނެ ހަމަލާއެއް ނުފެނިއެވެ. އާޖެންޓީނާގެ ތަރިންގެ ސްކޮޑަށްވެސް ޖާދުލެއް ނުދެއްކިއެވެ.

މެޗުގެ 30 ވަރަކަށް މިނެޓަށް އަޅައިގެން ދިޔަ އިރު، ކުޅުން ހަމަޖެހިލި ނަމަވެސް އާޖެންޓީނާގެ ފަރާތުން އަވަސްކަން ފެނުނެވެ. ހާއްސަކޮށް މެސީގެ ފަރާތުން އެ މަންޒަރު ފާހަގަވިއެވެ. ބޯޅަ ހޯދަން އޭނާ ދުވިލެއްވެސް ގިނައެވެ. މެދުތެރެއިން ބޯޅައެއް ހޯދައި ހަމަލާއެއް އުފެއްދޭތޯއެވެ. އެ އަވަސްކަމުގައި މެސީގެ ނުރައްކަލެއްވެސް ފެނިގެން ދިޔައެވެ. 34 ވަނަ މިނެޓުގައި އަރިމަތިން އޭނާ ޖެހި ހިލޭ ޖެހުން ޕަންޗުކޮށް ބޭރުކޮށްލީ މެކްސިކޯގެ ގޯލްކީޕަރު ގިލާމޯ އޮޗޮއާއެވެ.

އަނެއްކޮޅުން ހާފުގައި މެކްސިކޯގެ އެންމެ ނުރައްކާތެރި ހަމަލާއަކަށްވެސް ފެނުނީ ހިލޭ ޖެހުމެކެވެ. ހާފު ނިމެން ދަނިކޮށް، ވޭގާ ފޮނުވާލި ހިލޭ ޖެހުމުގައި، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ޑައިވްކޮށް ބޯޅަ ހިފައިފައެވެ. މެކްސިކޯ އިން އާޖެންޓީނާ އާއި މެސީ ހިފެހެއްޓި ހާފުގައި މާޔޫސްވީ ކެޕްޓަން އަންދްރޭސް ގުއަޑާޑޯއަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ.

ދެވަނަ ހާފުގައިވެސް އާޖެންޓީނާ ފެށީ ހާސްކަމުގައެވެ. މެކްސިކޯއިން ކުރިއަށް ނުކުމެ ޕްރެސް ކުރުމުން އާޖެންޓީނާގެ ފަހަތަށް އުނދަގޫތައް ކުރިމަތިވިއެވެ. އެހެން ނަމަވެސް ހަމަލާއެއް ނުފެނުންވީ މެކްސިކޯއަށްވެސް މާޔޫސްކަމަށެވެ. އަނެއްކޮޅުން 50 ވަނަ މިނެޓުގައި ރަނގަޅު ހިސާބަކުން ލިބުނު ހިލޭ ޖެހުން މެސީ ފޮނުވާލި ނަމަވެސް ދިޔައީ މާ މަތިންނެވެ. އާންމުކޮށް މެސީގެ ފަރާތުން ނުފެންނަވެސް މަންޒަރެކެވެ.

ދެވަނަ ހާފުގެ 20 ވަަރަކަށް މިނެޓް ނިމުނު ފަހުން، އާޖެންޓީނާއިން މެދުތެރެއިން ކޮންޓްރޯލު ހޯދިއެވެ. ކޮންމެވެސް ވަރަކަށް ހަމަޖެހިލައި ކުރިއަށް ބޯޅަތަކެއް ސަޕްލައި ކުރެވޭތޯ ބެލިއެވެ. އެހެން ނަމަވެސް މެކްސިކޯގެ ޑިފެންސްގެ އެތުރުމުން އާޖެންޓީނާއަށް އެކަން ވީ އުނދަގޫ ކަމަކަށެވެ. އެކަމަށް ޖަވާބު ދިނީ އެކަމަށް އެންމެ އެކަށޭނެ މީހާއެވެ. މެސީއެވެ. 64 ވަނަ މިނެޓުގައި ޖާދުވީ ވަގުތުކޮޅެއް ގެނެސްގެންނެވެ. ޑި މަރީއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް، މެސީ ލީޑު ނަގައިދިނެވެ. އުފާވެރިކަމުގެ ޖަޒުބާތުގައި އޭނާގެ ލޮލުން އައީ ކަރުނައެވެ. މުހިއްމު ގޯލެކެވެ. އާޖެންޓީނާ އެކުގައި ކެކިއަރާނެ ގޯލެކެވެ. ގައުމެއްގެ އުންމީދާ ގުޅިފައިވި ގޯލެކެވެ.

މެސީ މިރޭ ޖެހި ގޯލަކީ ގައުމީ ޓީމު ޖާޒީގައި ވޯލްޑް ކަޕްގައި ޖެހި އަށްވަނަ ގޯލެވެ. އޭނާ ވަނީ މިރޭގެ ގޯލާއެކު މަރަޑޯނާގެ އަދަދާ ހަމަކޮށްފައެވެ. މެސީއާއި މަރަޑޯނާއަށްވުރެ އިތުރަށް އާޖެންޓީނާ ޖާޒީގައި ވޯލްޑް ކަޕް ޖަހާފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ގެބްރިއަލް ބަޓިސްޓޫޓާއެވެ. އެއީ ދިހަ ގޯލު ޖަހައިގެންނެވެ.

އެ ގޯލަށްފަހު ދެން ފެނިގެން ދިޔައީ އަދި މާ ބޮޑަށްވެސް ޕްރެޝަރުވި ވަގުތުތަކެކެވެ. ކުޅުމަކަށްވާ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނުނީ މަދު ފަހަރެއްގައެވެ. އެހެން ނަމަވެސް އެ ޖަޒުބާތުގެ ތެރެއިންވެސް އާޖެންޓީނާ ޒުވާން ތަރި، އެންޒޯ ޕެރޭޒް ޖާދުވީ ވަގުތުކޮޅެއް ހޯދިއެވެ. އޭނާ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ރީތި ހަމަލާއަކުން އާޖެންޓީނާއަށް ދެވަނަ ގޯލު ޖަހައިދީ ތިން ޕޮއިންޓް ޔަގީންކުރިއެވެ.

މާދަމާ އާއި މާދަމާ ރޭގެ މެޗުތައް

15:00 ޖަޕާން - ކޮސްޓަ ރީކާ (ގްރޫޕް އީ)
18:00 ބެލްޖިއަމް - މޮރޮކޯ (ގްރޫޕް އެފް)
21:00 ކްރޮއޭޝިއާ - ކެނެޑާ (ގްރޫޕް އެފް)
00:00 ސްޕެއިން - ޖަރުމަން (ގްރޫޕް އީ)