ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕަކީ އާޖެންޓީނާއަށް ހާއްސަ މުބާރާތެއްކަމަށް މާ ކުރިންވެސް އޮތީ ލޭބަލް ކުރެވިފައެވެ. އެޓީމުގެ ތަރި ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕަށް ވީތީއެވެ. އާޖެންޓީނާގެ ސްކޮޑުގެ ފުރިހަމަކަމުން މެސީގެ ފަހު ވޯލްޑް ކަޕް ނިންމާލާނީ ތަށިން ކަމަށް ބެލެވިފައި އޮތްލެއް ބޮޑުކަމުންނެވެ. ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީގެ ރަނުން ޖަރީވެފައިވާ ކެރިއަރު ވޯލްޑް ކަޕް ތަށްޓަކުން ނިންމަން އެތައް ބަޔަކު އިންތިޒާރު ކުރާތީއެވެ،
އޭޝިއާގެ ސައުދީ އަރަބިއާއާ ދެކޮޅަށް ނުކުތް މެޗަކީ މެސީގެ "ފެއަރީޓޭލް"ގެ ފެށުން ކަމަށް އެތައް އުންމީދެއް ކޮށްގެން ތިއްބާ ކަންވެ ނިމުނީ ހަމަ ކޮސްކޮށްލި ނަތީޖާއަކުންނެވެ. ގްރޫޕް ސީގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ސައުދީން ފަހަތުން އަރައި މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާއެކު ދެން މެސީގެ އާޖެންޓީނާއަށް ގަދަ 16 ހޯދެން އޮތީ ގަދަ ހިފުމުގެ ދެމެޗެވެ.
އާޖެންޓީނާ އިން ސައުދީ އަތުން ބަލިވި ނަމަވެސް، ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. މީގެ ކުރިން ވެސް ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ރަނގަޅު ހިސާބަކަށް ދަތުރުކޮށްފައިވެއެވެ. ވޯލްޑް ކަޕް 1990 ގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައި ކެމަރޫން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، މުބާރާތް ނިންމާލީ ރަނަރަޕުންގެ ގޮތުގައެވެ. އެފަހަރު ފައިނަލުގައި ވެސްޓް ޖަރުމަން އަތުން އާޖެންޓީނާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
ވޯލްޑް ކަޕް 2014 ގެ ރަނަރަޕުންނަށް "ގްރޫޕު ސީ"ގައި އިތުރަށް ކުރިއަށްދިއުމަށް ޕޮލެންޑާއި މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ހޯދަން މަޖުބޫރުވާނެއެވެ. އާޖެންޓީނާއިން މިރޭ ނުކުންނަން ޖެހޭނީ ވަރުގަދަ މެކްސިކޯއާ ދެކޮޅަށެވެ. މެކްސިކޯގެ ފުރަތަމަ މެޗުގައި ޕޮލެންޑް އަތުން ވަނީ އެއްވަރުވެފައެވެ.
އެމެޗަށް ނުކުންނަ އިރު، އާޖެންޓީނާއަށް އޮތް އެންމެ ބޮޑު ބިރަކީ އެގައުމަށް އުފަން، އެގައުމުގެ ފުޓުބޯޅަ "ގިރައިގެން ބޮއެފައި" ހުރި ކޯޗު ގެރާޑޯ މާޓިނޯއާ ދެކޮޅަށް ނުކުންނަން ޖެހުމެވެ.
އުމުރުން 60 އަހަރުގެ މާޓިނޯއަކީ އާޖެންޓީނާގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅުމުގެ ތަޖުރިބާވެސް ބޮޑު ކޯޗެކެވެ. އޭނާވެސް ފެށީ މެސީގެ ފެށުމުންނެވެ. ނެވެލްސް އޯލް ބޯއީސްގެ އެކަޑެމީންނެވެ. ކެރިއަރުގައި އެ ކްލަބަށް 400 އާ ގާތްކުރާ އަދަދަކަށް ސީނިއާ މެޗު ކުޅެދީފައިވެއެވެ. އަދި އެ ކްލަބުގެ ކޯޗުކަންވެސް ކޮށްދީފައިވެއެވެ. ކްލަބާއެކު ލީގުވެސް ހޯދިއެވެ. އެއަށްފަހު މާޓިނޯގެ ޔޫރަޕް ދަތުރުގެވެސް އެންމެ ގާތް އެކުވެރިއަކީ ހަމަ މެސީއެވެ.
2013 ވަނަ އަހަރު މާޓިނޯ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވިއެވެ. އޭރު ޓީމުގެ ސުޕަސްޓާރަކީ މެސީއެވެ. ބާސާއާ ދެއަހަރު ދުވަހުގެ އެއްބަސްވުމަކަށް ހަވާލުވި ނަމަވެސް އެއް ސީޒަނަށްފަހު، ކާމިޔާބީއެއް ނުލިބި އޭނާ އަމިއްލައަށް ބާސާ ދޫކޮށްލިއެވެ. އެވަރުންވެސް މެސީއާ ދުރަށް ދިޔައީކީ ނޫނެވެ. އާޖެންޓީނާއާވެސް ދުރަށް ދިޔައީކީ ނޫނެވެ. ދެން ހަވާލުވީ އާޖެންޓީނާ ގައުމީ ޓީމާއެވެ.
އާޖެންޓީނާ ގައުމީ ޓީމާ 2014 ވަނަ އަހަރު މާޓިނޯ ހަވާލުވީ އެފަހަރު ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި ޓީމާއެވެ. އެ ޓީމާ ހަވާލުވެ، 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލަށް އާޖެންޓީނާއާއެކު ނުކުތް ކޯޗަކީ މާޓިނޯއެވެ. އޭރު މާޓިނޯ މަސައްކަތް ކުރީ މެސީއަށް ގައުމީ ޓީމުގެ ކާމިޔާބީއަކަށެވެ. އެކަން ހާސިލު ނުވީ ދެ ފައިނަލުގައިވެސް ޕެނަލްޓީ ޖަހައިގެން ބަލިވެގެންނެވެ.
މާޓިނޯ އެތައް ތައުރީފެއް އޮއްސާލާ މެސީއަށް އެފަހަރު ގައުމީ ޓީމާއެކު ކުރިމަތިލާން ޖެހުނު މާޔޫސްކަމުގައި ރިޓަޔާމަންޓްވެސް އިއުލާންކުރިއެވެ. އެއީ މެސީގެ ކެރިއަރުގެ އެންމެ ހިތްދަތި ދުވަސްތަކެވެ. އެ ފެއިލިއާއާއެކު މާޓިނޯވެސް އާޖެންޓީނާ ދޫކޮށްލިއެވެ.
އެ ޗެޕްޓަރު ހަނދާނުން ފޮހެލީ އެމެރިކާގެ މޭޖާ ލީގުގެ ތަށްޓާއެކުގައެވެ. މާޓިނޯ މެކްސިކޯއާ ހަވާލުވީ އެމެރިކާގެ ތަށްޓަކާއެކު 2019 ވަނަ އަހަރުއެވެ. މެސީ މާޓިނޯއާއެކު ރުއި ރުއިންތަކަށް ނިމުން ގެނައީ މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށް، އުފަލުގެ ކަރުނައާއެކުގައެވެ. އެއީ މެސީގެ ހުވަފެނަށް ނިމުން ނޫންކަން މި ވޯލްޑް ކަޕަށް ނުކުތް އިރުވެސް މެސީ ބުނަމުން ދިޔައެވެ. އޭނާ ބޭނުމީ ދުނިޔޭގެ ޗެމްޕިއަންކަމެވެ. އެ ތަށްޓަށް ވާސިލުވާން އޮތް މަގުގައި ހުރި އެންމެ ބޮޑު ހުރަހަކީ ކުރީގެ އެކުވެރިޔާ ކޯޗު މާޓިނޯއެވެ.
މެކްސިކޯއާއި އާޖެންޓީނާ ކުރިމަތިލާން އޮތް މިރޭގެ މެޗުގެ ކުރިން ޕްރެސްގައި ވާހަކަ ދައްކަމުން މާޓިނޯ ވަނީ އޭނާގެ ކުރީގެ ސުޕަ ސްޓާ މެސީއާ ގުޅޭ ވާހަކަތައް ދައްކާފައެވެ. މާޓިނޯ ބުނީ ފަސްގަނޑަކީ އާޖެންޓީނާ ނަމަވެސް، ނުކުންނާނީ މެކްސިކޯގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާ ގޮތަށް ކަމަށެވެ.
"އާޖެންޓީނާ ކަޓުވާލަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. އަހަރެން އުފަންވި ފަސްގަނޑު އެނގޭ. އަހަރާއި އުފަންވި ތަންވެސް ބުނެދީފާނަން. އެކަމަކު މެކްސިކޯ މޮޅުކޮށްދޭން ކުރަން ޖެހުނު ކޮންމެކަމެއް އަހަރެން ކުރާނަން. މެސީއަށްވެސް އޮތީ ހަމަ އެގޮތް. މެސީ ހުއްޓުވަން ކުރަން ޖެހުނު ހުރިހާ މަސައްކަތެއްވެސް ކުރާނަން. އެކަމަކު މެސީ ހުއްޓުވުން އެއީ ބަޔަކު ކުރާ ކަމަކަށްވުރެ ބޮޑަށް އޭނާގެ ދަށް ދުވަހެއްގައިއެކަނި ވާކަމެއް. މެސީއަކީ މިދިޔަ 15 އަހަރުވެސް އެންމެ މޮޅު ކުޅުންތެރިޔާ،" މާޓިނޯ ބުންޏެވެ.
އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ ކައިރިން ވި ބައްޔާ ގުޅިގެން މެސީ ވައުދުވީ އެކުގައި އެނބުރި އަންނާނެ ކަމަށެވެ. ސަޕޯޓަރުންގެ ހިތްވަރާއެކު ޓީމާއެކުގައި ތިބުމަށެވެ.
ޕްރެޝަރުގެ މެޗަކަށެވެ. ދަންނަ ކޯޗަކާ ދެކޮޅަށެވެ. އާޖެންޓީނާއަށް މުޅި ދުނިޔޭގެ އެތައް ބަޔަކު ލޯތައް އަމާޒުވެފައިވާ މެޗުގައި ނަތީޖާ ނެރެން މަޖުބޫރެވެ. އުނދަގޫ ހާލަތުގައި ކީއްކުރާނީތޯ ޖެހޭނީ ބަލަން ތިބޭށެވެ. މެޗު އޮތީ ގަތަރުގައި ބިނާކުރި ފުރަތަމަ ރޫޅައި ރާވާލެވޭ ސްޓޭޑިއަމް 974 ގައެވެ. މިރޭ މެންދަމު 12:00 ގައެވެ.