ޚަބަރު

ދަބަހުގައި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

ދަބަހުގައި ގޮވާ ޒާތުގެ އެއްޗެއް އޮތްކަމަށް ބުނި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، ހުޅުމާލޭ ބީޗް ކްލަބުގައި ހުރި މީހެއްގެ ދަބަހުގައި ގޮވާ ޒާތުގެ އެއްޗެއް އޮތްކަމަށް އެ މީހާ ބުނަމުންދާކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އެ މައުލޫމާތާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ދަބަހުގައި ގޮވާ ޒާތުގެ އެއްޗެއް އޮތްކަމަށް ބުނި މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 38 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހާގެ ދަބަހުން ގޮވާ ޒާތުގެ އެއްޗެއް ފެނުނުކަން ނުވަތަ ނޫންކަމެއް ފުލުހުން ނުބުނެއެވެ.