ބްރެޒިލްގެ ތަރި ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ދެން ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްގެ ތަރި، ނޭމާއަށް އަނިޔާވީ އިއްޔެރޭ އެޓީމުން ސާބިއާއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައެވެ. އެ މެޗުގައި ބްރެޒިލުން ފުރިހަމަ މޮޅެއް ހޯދީ 2-0 އިން ސާބިއާ ބަލިކޮށްގެންނެވެ.

އުމުރުން 30 އަހަރުގެ ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވެގެން ރޭ ބާލަން ޖެހިފައިވާ އިރު، އޭނާގެ ކުޑަހުޅަށް އަނިޔާވީ ފަހު ހާފުގައެވެ. އާންމުކޮށްވެސް އަނިޔާގެ މައްސަލަތާ ދިމާވާ ނޭމާގެ އެންމެ އަނިޔާ ބޮޑީވެސް ކުޑަހުޅުގައެވެ. ބްރެޒިލްގެ ޑޮކްޓަރު ރޮޑްރީގޯ ލާސްމާ ބުނީ ނޭމާގެ ކުޑަހުޅުގެ ލިގަމެންޓަށް ގެއްލުން ވެފައިވާ ކަމަށެވެ.

އެ ހަބަރާއެކު ނޭމާ ވަނީ ސޯޝަލް މީޑިއާއަށް އަސަރުގަދަ މެސެޖެއް ދޫކޮށްލައިފައެވެ. އޭނާ ބުނީ ބްރެޒިލް ޖާޒީގައި އުންމީދާއެކު ނުކުތް ވޯލްޑް ކަޕްގައި އަނިޔާވުމަކީ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު ހިތްދަތިކަން ކަމަށެވެ.

"ބްރެޒިލް ޖާޒީގައި މެޗުތަކަށް ނުކުތުމަކީ ނުހަނު ފަހުރުވެރިވާ ކަމެއް. އެއީ ބުނެދޭން ނޭނގޭ އިހުސާސެއް. އަހަރެންގެ ހަޔާތުގައި އެއްވެސް ހުވަފެނެއް ހާސިލްކުރުން އެއީ ފަސޭހަ ކަމަކަށް ނުވޭ. އަހަރެން އަބަދުވެސް ހުވަފެންތައް ހަގީގަތަކަށް ހަދަން ބުރަކޮށް މަސައްކަތް ކުރީ އެއްވެސް މީހަކަށް ހިތްބުރަ ނުކޮށް، އެންމެނަށް އެހީވެވޭވެ ގޮތްތައް ހޯދަމުން،" ނޭމާ ބުންޏެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި އެންމެ ހިތްދަތި ވަގުތުކޮޅު. އަނެއްކާވެސް ވޯލްޑް ކަޕްގައި އަހަންނަށް މިވަނީ އަނިޔާވެފައި. އެއީ މާޔޫސްވެ ހިތް ނުތަވަސްވާ ކަމެއް. މިއީ ދެރަވާ ކަމެއް ނަމަވެސް ބްރެޒިލަށްޓަކައި އެނބުރި އަންނަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެކަމަށް އަހަރެން ޔަގީންކަން ދެން،" ނޭމާގެ މެސެޖުގައި އިތުރަށް ބުންޏެވެ.

ސާބިއާ މެޗުގައި ނޭމާއަށް އަމާޒުކޮށް ގިނަ ފައުލްތަކެއް ކޮށްފައިވާ އިރު، އޭނާއަށް އެކަނިވެސް ނުވަ ފަހަރު ފައުލް ކޮށްފައިވެއެވެ.

ނޭމާއަކީ އަނިޔާގެ މައްސަލަތަކާ ގިނަ ފަހަރެއްގެ މަތިން ކުރިމަތިލާން ޖެހިފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ބްރެޒިލުން ކާމިޔާބުކުރި 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައިވެސް އަނިޔާގެ ސަބަބުން ނޭމާ ކުޅެފައެއް ނުވެއެވެ. އޭގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ބޮޑުބައެއްގައިވެސް ނޭމާ ހުންނަން ޖެހުނީ އަނިޔާގައެވެ. އަދި 2021 ވަނަ އަހަރު ސީޒަންގެ ބޮޑުބައެއްވެސް ނޭމާ ހޭދަކުރީ އަނިޔާގައެވެ.