ޚަބަރު

ސިޔާސީ ފަރާތްތަކުން އަންހެނުންނަށް ކުރާ ފުރައްސާރަ ވަނީ އިތުރުވެފައި: ރޮޒެއިނާ

މުހައްމަދު އިޝާން

ސިޔާސީ އެކިއެކި ފަރާތްތަކުން އަންހެނުންނަށް ކުރާ ފުރައްސާރަ ވަނީ އިތުރުވެފައިކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް، އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިއްޔެ ފާހަގަކުރި އަންހެނުންނަށް ކުރާ އަނިޔާ ނައްތައިލުމުގެ ދުވަހާ ގުޅިގެން އެމްޑީޕީގެ ވެބްސައިޓު މެދުވެރިކުރައްވައި ރޮޒެއިނާ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކަކީ އަންހެނުން މަޖިލީހަށާއި ސަރުކާރަށް ވަނުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭ ޕްލެޓްފޯމް ކަމަށެވެ. އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ސިޔާސީ މައިދާނަށް އަންހެނުންގެ ލީޑާޝިޕެއް ބޭނުންވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އެ މަސައްކަތަށް ހުރަސް އެޅިގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސިޔާސީ ފަރާތްތަކުން އަންހެނުންށްދޭ ނަފުސާނީ އަނިޔާތަކުގެ ސަބަބުން. ބަހުގެ ހަމަލާތައް އަދި އިންޒާރުތައް، އަންހެނުންނަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާގައި ކުރާ ޖިންސީ ކޮމެންޓުތައް، އަންހެނުންގެ ސިފަޔާ ބެހި ކުރާ ޖިންސީ ފުރައްސާރަ، ކުރެހުންތަކުން ކުރާ ޖިންސީ ފުރައްސާރަތައް. މީ އަންހެނުންގެ ދެމުންގެންދާ އަނިޔާތައް" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ފިރިހެނުންގެ އިތުރުން އަންހެނުން، އެހެން އަންހެނުން ނިކަމެތިކޮށް ދަށްކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތަށް ގިނަ އަންހެނުން މަސައްކަތް ކުރަނީ ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ފިރިހެނުން ވެސް މަސައްކަތް ކުރާކަމަށާއި އެކަން ބަލައިގަންނަކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އެމްޑީޕީއަށް ތާއިދުކުރާ އަންހެނުންނަށް ދެއްވަން ބޭނުންވެވަޑައިގަންނަވާ މެސެޖަކީ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ނުކުރާނަމަ އެ އަނިޔާވެރިން ދުވަހަކުވެސް ނުނިމޭނެ ކަން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ސިޔާސީ ފައިދާއަށް އަންހެނުން އަނިޔާއަށް އުކާލުމުގެ ބަދަލުގައި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރަން މަސައްކަތް ކުރަން ރޮޒެއިނާ ވަނީ ގޮވައިލައްވައިފައެވެ.