ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން މާލޭގައި ދެމުންގެންދާ މިނީ ބަހުގެ ހިދުމަތުގައި ހިމެނޭ ސޯސަން ރޫޓުގެ ހިދުމަތް މާދަމާ ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، ސޯސަން މަގު މާދަމާ ހެނދުނު 5:45 އިން ފެށިގެން މެންދުރު 1:00 އަށް ބަންދުކުރާނެކަން ފުލުހުން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެ ވަގުތުކޮޅަށް ބަހުގެ ހިދުމަތް ހުއްޓާލާނެ ކަމަށާއި ނަމަވެސް މަގު ހުޅުވުމާއެކު ބަހުގެ ހިދުމަތް އަލުން ފަށާނެ ކަމަށް ބުންޏެވެ.

މާލޭގައި މިނީ ބަސް ދަތުރުކުރަނީ އަމީނީ މަގު، މަޖީދީ މަގު، އޯކިޑު މަގު އަދި ސޯސަން މަގުންނެވެ. މި ހަތަރު މަގުގައި ދަތުރުކުރުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާ އިރު، ޖުމުލަ 42 ބަސް ސްޓޮޕެއް ހުރެއެވެ.