ގަތަރު ވޯލްޑް ކަޕް 2022

ހެނަސީއަށް ރަތެއް، އިރާނުން ޖަޒުބާތީ މޮޅެއް ހޯދީ ގައުމަށްޓަކައި

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގެ ތިންވަނަ މެޗުގެ ފަހު މިނެޓުގައި ދެ ގޯލު ޖަހައި ވޭލްސް ބަލިކޮށްފިއެވެ.

ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިމްގައި އިރާނުން ގައުމީ ރޫހުގެ މޮޅު ހޯދީ ފަހު މިނެޓުގައި ޖެހި ދެ ގޯލާއެކު 2-0 ގެ ނަތީޖާއަކުންނެވެ. މިއީ އިރާންގެ ވޯލްޑް ކަޕް ތާރިހުގައި އެގައުމުން ހޯދި ދެވަނަ މޮޅެވެ. ގްރޫޕް ބީގެ އެއްވަނައިގައި އިންގްލެންޑް އޮތް ނަމަވެސް، އިރާނަށް މިހާރު ވަނީ ގަދަ 16 ގެ ފުރުސަތު ބޮޑުވެފައެވެ. އިންގްލެންޑުން މިރޭ ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.

މިއަދުގެ މެޗަކީ ދެ ޓީމުންވެސް މި ވޯލްޑް ކަޕްގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވޭލްސް އޮތީ އެމެރިކާއާ އެއްވަރުކޮށްފައެވެ. އެއީ 1-1 ގެ ނަތީޖާއަކުންނެވެ. އިރާންގެ ފުރަތަމަ މެޗުގައި ކުރިމަތިލާން ޖެހުނީ 6-2 ބައްޔަކާއެވެ. އެއީ އިންގްލެންޑް ކައިރިންވި ބައްޔެކެވެ. ދެ ޓީމުންވެސް މޮޅަކަށް ބޭނުންވެފައިވާ އިރު، މިއަދުގެ މެޗު ދެ ޓީމަށްވެސް ވަރަށް މުހިއްމެވެ. އެ ޕްރެޝަރު މެޗުގެ ފުރަތަމަ ކޮޅުގައި ފެނިގެންވެސް ދިޔައެވެ.

އިރާނުގެ ދާހިލީ މައްސަލަ އޮތީ ގޯސްކޮށެވެ. ވޯލްޑް ކަޕަށް ދިޔަ ގައުމީ ޓީމަށްވެސް އެކަމުގެ ހިޔަނި އޮތީ އެޅިފައެވެ. އެންމެފަހުން އިންގްލެންޑާ ދެކޮޅަށް އިރާނުން ކުޅުނު މެޗުގައި ކުޅުންތެރިން ގައުމީ ސަލާމުގައި ބައިވެރި ނުވީވެސް ގައުމުގައި މުޒާހަރާ ކުރަން ތިބި މީހުންނަށް ހިތްވަރެއް ދިނުމަށެވެ. އިރާނުގައި މުޒާހަރާ ކުރަމުން ދަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓައި މަރުވި އަންހެނެއް ކަމަށްވާ، ކުރުދިސްތާނަށް ނިސްބަތްވާ މާޝާ އަމީނީގެ މަރާ ގުޅިގެންނެވެ. އެ މުޒާހަރާގައި ގިނަ ބަޔަކު މަރުވެސްވެފައިވާ އިރު، މި މެޗު ކުރިންވެސް ކޯޗު ކާލޯސް ގުއެރޯޒްއަށް އެ ސުވާލުތައް އަމާޒުވުމުން ހިތްހަމަ ނުޖެހުނެވެ.

ބޭލްގެ ރެކޯޑު 110 ވަނަ މެޗުގައި އޭނާވެސް ނުކުތީ މޮޅަކަށެވެ. 64 އަހަރަށްފަހު ވޭލްސްއިން އަލުން ވޯލްޑް ކަޕަށް އައިސް މޮޅަކަށް ކުރަމުންދާ އިންތިޒާރު ނިންމާށެވެ. އެހެންކަމުން މިއަދުގެ މެޗަކީ ދެގައުމަށްވެސް ގައުމީ މެޗެކެވެ. އިރާނަށް އޮތީ ހަލަބޮލި ގައުމަކަށް އުފާވެރިކަމުގެ އިހުސާސެއް ގެނެސްދިނުމަށެވެ. ވޭލްސްއަށް އޮތީ އަހަރުތަކަކަށްފަހު ވޯލްޑް ކަޕްގެ މޮޅެއް ރައްޔިތުންނަށް ހޯދައިދިނުމެވެ.

ފުރަތަމަ ކޮޅުގައި ޕްރެޝަރު ފެނުނެވެ. ގަތަރުގެ ހޫނު ސްޓޭޑިއަމްގެ ފިނިކުރާ ނިޒާމުން ކަނޑާލާފައިވާ ނަމަވެސް، އިރުގެ އަވީގައި ދެޓީމަށްވެސް އުނދަގޫތައް ކުރިމަތިވިއެވެ. މެޗުގެ އޮއިވަރު ހަމަޖެހިލަން ވަގުތު ނުލިބެނީސް ވޭލްސްގެ ކީފާ މޯ ގެ ހަމަލާއެއް ފެނުނު އިރު، އެ ހަމަލާ މަތަކުރީ އީރާންގެ ކީޕަރު ހޮސެއިން ހޮސެއިނީއެވެ. އިރާނުގެ ފުރަތަމަ 11 އިން އާންމުކޮށް ފެންނަ ގޯލްކީޕަރު އަލީރެޒާ ބެއިރަންވާންޑް މި މެޗުގައި ނުކުޅުނީ އެންމެފަހުން އިރާނުން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ. ބެއިރަންވާންޑް މި މެޗު ރެސްޓް ކުރަން ޖެހުނީ ފީފާގެ ޕްރޮޓޮކޯލްގެ ސަބަބުންނެވެ. އެއީ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

އިރާނުގެ ކުރިން ސަރުދާރު އަޒުމޫނާއި މެހްދީ ތެރާމީގެ ނުރައްކާ ފެނުނު އިރު، އެޓީމުން ގޯލަށް ވައްދާލި ބޯޅައެއް އޮފްސައިޑް ސިސްޓަމުގެ އެހީގައި ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. އިރާނުން މަޑުމަޑުން މެޗަށް ވަންނަމުން ދިޔަ އިރު، ސަޕޯޓަރުންގެ ހިތުގައި އޮތީ ގައުމެވެ. ދައްކަމުން ދިޔައީ އެ މަންޒަރެވެ. ހާފު ނިމުނީ ގޯލެއް ނުޖެހިއެވެ. ނުރައްކާތެރި ހަމަލާތައްވެސް މަދެވެ.

ދެވަނަ ހާފު ފެށީ އިރާނުން ހިތްވަރުލައިގެންނެވެ. އެޓީމުން ހަމަލާތައް އިތުރުކުރިއެވެ. ހާފުގެ ކުރީކޮޅުގައި ހަމަލާ ފުންޏެއް ފެނިގެން ދިޔައެވެ. ސަރްދާރް އަޒްމޫން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ އަމާޒުވީ ވޭލްސް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ވޭލްސްއަށް އެބޯޅަ ދިފާއުނުކުރެވި ލިބުނު ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން އަލީ ގޮލިޒަޑޭ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ރީބައުންސް ބޯޅައިން ސަރްދާރް އަޒްމޫން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާ، ވޭލްސް ކީޕަރު ވޭން ހެނެސީ ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ނުރައްކާ ބޮޑުކޮށް އިރާން ފެނުނު ނަމަވެސް، ވޭލްސް ދިޔައީ ހަމަލާއަކަށް ހަނި ފުރުސަތަކަށް މަސައްކަކުރަމުންނެވެ. އެގޮތުން ކީފާ މޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ބެން ޑޭވިސް ފޮނުވާލި ހަމަލާ އީރާންގެ ކީޕަރު ހޮސެއިން ހޮސެއިނީ ވަނީ މަތަކޮށްފައެވެ.

އެ ހަމަލާ ފެނުނަސް އިރާނުން މަޑު ޖެހިނުލައި، އަނެއްކާވެސް ގޯލަކަށް މަސައްކަތް ކުރިއެވެ. މެޗުގެ ފަހު ވަގުތުގައި ތަފާތު މަންޒަރުތަކެއް ފެނުނު އިރު، އިރާނަށް ގޯލަކަށް އިތުރު ހިތްވަރަކަށް ލިބުނީ ހެނަސީއަށް ދެއްކި ރަތްކާޑާއެކު ވޭލްސްއަށް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުންނެވެ. ކުރިއަށް ނުކުމެ އީރާންގެ ތަރޭމީއަށް ކުރި ފައުލަކާ ގުޅިގެން ވޭލްސް ކީޕަރު ހެނެސީއަށް ރެފްރީ ފުރަތަމަ ރީނދޫ ކާޑު ދެއްކި ނަމަވެސް، ވީއޭއާރް ބަލައި، ރަތް ކާޑަކަށް ބަދަލުކުރިއެވެ.

ކޯޗު އާރޮން ރެމްސީ ގުރުބާން ކޮށް، ގޯލަށް ނެރުނީ ލެސްޓާ ސިޓީގެ ގޯލްކީޕަރު ޑެނީ ވޯޑެވެ. އިރާނަށް ހިތްވަރެކެވެ. އިތުރު ވަގުތުގެ ތެރޭގައި ވޭލްސްއަށް ދިފާއީ މަސައްކަތަށް ނުކުންނަން ޖެހުނީ އިތުރު ހިތްވަރަކާއެކުގައެވެ. އިރާނަށް އޮތީ ދިހަ ކުޅުންތެރިންގެ ވޭލްސް ކައިރީ ގޯލަކަށް މަސައްކަތް ކުރުމެވެ.

އެ މަސައްކަތް އިރާނުން ކާމިޔާބުކުރީ މެޗުގެ ފަހު މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އީރާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރޫޒްބޭހް ޗެޝްމީއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ވޭލްސް ގޯލުގެ ތިރީ ކަނަކަށެވެ. އަދި މެޗުގެ ތިން ޕޮއިންޓް އިރާނުން ޔަގީންކުރީ އިތުރު ގޯލަކާވެސް އެކުގައެވެ. ވޭލްސްގެ ގިނަ ކުޅުންތެރިންތަކެއް ކުރީގައި އޮއްވައި، ކައުންޓާ އެޓޭކެއްގައި އީރާނުން ކުރިއަށް ޖެހި ގޯލު ޖެހީ، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ރަމިން ރެޒެއާނެވެ.