ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގެ ތިންވަނަ މެޗުގައި ވޭލްސްއާއި އިރާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ދެ ޓީމުންވެސް މި ވޯލްޑް ކަޕްގައި ކުޅޭ ދެވަނަ މެޗު. ފުރަތަމަ މެޗުގައި ވޭލްސް އޮތީ އެމެރިކާއާ އެއްވަރުކޮށްފައި. އެއީ 1-1 ގެ ނަތީޖާއަކުން. އިރާންގެ ފުރަތަމަ މެޗުގައި ކުރިމަތިލާން ޖެހުނީ 6-2 ބައްޔަކާ. އެއީ އިންގްލެންޑް ކައިރިންވި ބައްޔެއް. ދެ ޓީމުންވެސް މޮޅަކަށް ބޭނުންވެފައިވާ އިރު، މިއަދުގެ މެޗު ދެ ޓީމަށްވެސް ވަރަށް މުހިއްމު.

މިއަދުގެ މެޗަށް ނުކުންނަ އިރު، ވޭލްސްގެ ކެޕްޓަން ބޭލްއަށް ހާއްސަ ޝަރަފެއް އެބައޮތް. އެއީ ގައުމީ ޖާޒީގައި 110 ވަނަ މެޗު ކުޅެ، އެގައުމުގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށްވުމުގެ ރެކޯޑު ހޯދުމުގެ ޝަރަފު. ކުރިން އެ ރެކޯޑު އޮތީ 109 މެޗު ގައުމީ ޓީމަށް ކުޅެފައިވާ ކްރިސް ގަންތާ އަތުގައި.

އިރާނުގެ ދާހިލީ މައްސަލަ އޮތީ ގޯސްކޮށް. ވޯލްޑް ކަޕަށް ދިޔަ ގައުމީ ޓީމަށްވެސް އެކަމުގެ ހިޔަނި އޮތީ އެޅިފައި. އެންމެފަހުން އިންގްލެންޑާ ދެކޮޅަށް އެގައުމުން ކުޅުނު މެޗުގެ ކުރިން ކެޕްޓަން އެހުސާން ހަޖްސާފީ ނޫސްވެރިންނާ ވާހަކަ ދައްކަމުންވެސް ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވޭ. އިރާނުގައި މުޒާހަރާ ކުރަމުން ދަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓައި މަރުވި އަންހެނެއް ކަމަށްވާ، ކުރުދިސްތާނަށް ނިސްބަތްވާ މާޝާ އަމީނީގެ މަރާ ގުޅިގެން. ގައުމުގައި މުޒާހަރާ ކުރަމުންދާ އެތައްހާސް ރައްޔިތުންނަކާ އެކު ގައުމީ ޓީމު ތިބިކަން ދެއްކުމަށް، ސަރުކާރުގެ ސަމާލުކަމަށްވެސް އެކަން ގެނައުމަށް އިރާން ޓީމުން، އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގައުމީ ސަލާމް ކިޔަން އިންކާރު ކުރި. މި މެޗު ކުރިންވެސް ކޯޗަށް އެ ސުވާލުތައް އަމާޒުވުމުން ހިތްހަމަ ނުޖެހުނު.