ދިވެހިރާއްޖޭގެ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 22

އަބްދުﷲ ފާރޫގް ހަސަން

(18 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ކުރީންވެސް ދަންނަވައިފައިވާ ފަދައިން أمـيـــــرتــيـــمــــــور، سلطـــان بــايـــزيــد خــــان ޔިލްދިރިމާ ހުރަހޮޅިވަޑައިގެންނެވީ މުޅި ޔޫރަޕު بــايـــزيــد ދެކެ ބިރުން ރޫރޫއަޅައަޅައި އޮއްވައެވެ. އޭރުގެ މަސްރަޙަށް ބަލާއިރު ދާދިމަދު އަހަރުތަކެއްގެ ތެރޭގައި ޔޫރަޕުގެ ވަރަށްބޮޑު ސަރަޙައްދެއް بــايـــزيــد ގެ ފައިތިލަފުޅުގެ ދަށުގައި ޗިސްވާނެކަމުގައި ބެލެވުނެވެ. ޚާއްޞަކޮށް އިޓަލީ ފަތަޙަވާނެކަން ޔަޤީންކުރެވުނެވެ. ނަމަވެސް أمـيـــــرتــيـــمــــــور ގެ ނުބާއްޖަވެރި ފާޅުވުން ހިމެނުނީ މުސްލިމުންނަށް ނުހަނުބޮޑު ގެއްލުމެއްކަމުގައެވެ. އަންގޯރާ ހަނގުރާމައިގެ ހާދިސާއަކީ އިސްލާމީ ތާރީޚުގެ އިންތިހާދަރަޖައިގެ ހިތާމަވެރި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެކެވެ. އެހަނގުރާމައާ ބެހޭގޮތުން މުސަންނިފަކު ލިޔުއްވައިފައިވެއެވެ.

"އަންގޯރާ ހަނގުރާމައިގެ އެންމެފުރަތަމަ ނަތީޖާއަކީ ތުރުކިއޭއިންގެ ޙަމަލަތަކުން ޔޫރަޕަށް އަމާންކަން ލިބުމެވެ. ޤުސްޠަންޠީނިއްޔާ ފަތަޙަވުން އަންނާންއޮތް ފަންސާސްއަހަރުގެ ނިޔަލަށް ފަސްވުމެވެ. ޤަރީނާތަކުން ސާފުކޮށް އެނގޭގޮތުގައި އެހަނގުރާމަ ނުހިނގިނަމަ ކުރިޔަށްއޮތް ފަންސާސްއަހަރުގެ ތެރޭގައި ތުރުކިއޭއިންގެ ފައިތިލަތައް އިނގިރޭސި ދަރުބާރާއި ފަރަންސޭސިވިލާތުގެ އައްސޭރިޔާ ހަމަޔަށް ފޯރީހެވެ. بــايـــزيــد ހައްޔަރުވެވަޑައިގެންނެވި ޚަބަރު ލިބުމުން ޖަރުމަނާއި، އިޓަލީއާއި ހަންގޭރީއަށް ހިތްހަމަޖެހުމުގެ ނޭވާލެވޭން ފަށައިފިއެވެ. بــايـــزيــد ޔޫރަޕު ފަތަޙަކުރައްވަމުން ގެންދެވި ބާރުމިނުގެ ސަބަބުން އެޤައުމުތަކުން ތިބީ ދެކަޅިއަރައިފައެވެ. ނޭވާކުރުވެފައެވެ. بــايـــزيــد ގެ ކުރިފުޅުމަތީގައި މާގިނަދުވަހަކު ހިފަހައްޓައިނުލެވޭނެކަން ޔަޤީންކޮށްގެންނެވެ. أمـيـــــرتــيـــمــــــور ވަނީ ޔޫރަޕުގައި އިސްލާމްދީން ކުރިއަރައި ތަރައްޤީވަމުން ދިޔަދިޔުމަށް ފޫނުބެއްދޭފަދަ ބޮޑުގެއްލުމެއް ދެއްވައިފައެވެ. بــايـــزيــد ހަލާކުކޮށްލެއްވުމުގެ ޒަރީޢާއިންނެވެ." (ޖަންގެ އަންގޯރާ)

އަންގޯރާ ހަނގުރާމަޔަށްފަހު ޢުޘްމާނީ ރަސްކަންވަނީ ބޭރުފުށުން ފެންނަފެނުމުގައި ނިމުމަކަށް އައިސްފައެވެ. އެހެން ޢިބާރަތަކުން ދަންނަވާނަމަ أمـيـــــرتــيـــمــــــور ވަނީ މުސްލިމުންގެ އެވަރުގަދަ އަންބަރާތޫރިއްޔަތު އޭނާގެ ފައިތިލަފުޅުން އަރުއްވައި ޗިސްކޮށްލައްވައިފައެވެ. ޢުޘްމާނީން އޭޝިޔާކޫޗަކުން (އޭޝިޔާމައިނާ އިން) ބޭރުކޮށްލައްވައިފައެވެ. ޔޫރަޕުގެ ޢީސާއީ ދައުލަތްތަކުން ގެންދިޔައީ ޢުޘްމާނީން ޔޫރަޕުން ނެރެލުމުގެ މަޝްރޫޢުތައް ރާވަމުންނެވެ. ލޭންޕޫލް ލިޔުއްވާގޮތުގައި "ހަންގޭރީއާއި ޕޮލެންޑާއި ބަލްގޭރިޔާއާއި، އަލްބޭނިޔާއާއި ވަލާޗިޔާއާއި އަދި އެނޫންވެސް ތުރުކިޔޭއިންގެ އެތައް ޕްރޮވިންސުތަކެއްގެ މަތީގައި ނުރައްކައުތެރިކަންވަނީ ހޯރައަޅަން ފަށައިފައެވެ. ކޮންމެބަޔަކުވެސް ގެންދިޔައީ އެބައެއްގެ ސަރަޙައްދުގައި ބަޣާވަތްކުރާން ތައްޔާރުވަމުންނެވެ. އެބައިމީހުންނަށްހީވީ އެބައިމީހުންގެ ދުޝްމިނާ އަބަދަށްޓަކައި ފަނާވީކަމުގައެވެ. (ޞަފުޙާ: 56) އާދެ، މިއީ بــايـــزيــد އަވަހާރަވީއިރު ޢުޘްމާނީ ތުރުކިޔޭއިންނަށް ކުރިމަތިލާންޖެހިފައިވާ މާޔޫސްކުރުވައި ހިތްވަރު އެލުވައިލާފަދަ ޙާލަތެވެ.

ދާޚިލީ ހަނގުރާމައާއި سلطـــان محـمّــد ގެ ފަތަޙަ

أمـيـــــرتــيـــمــــــور އެނބުރިވަޑައިގެންނެވުމުން ޢުޘްމާނީ ރަސްކަމުގެ ބާކީއޮތް ތަންކޮޅު ހޯއްދެވުމަށްޓަކައި سلطـــان بــايـــزيــد ޔިލްދިރިމުގެ ބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ހަނގުރާމަ ފައްޓަވައިފިއެވެ. سلطـــان بــايـــزيــد ގެ ހަތްބޭފުޅުން ނުވަތަ އަށްބޭފުޅުން ތިއްބެވިއެވެ. އޭގެތެރެއިން އަންގޯރާ ހަނގުރާމަޔަށްފަހު ދުނިޔޭގައި ތިއްބެވީ ފަސްބޭފުޅުންނެވެ. އެފަސްބޭފުޅުންނަކީ:

1. سـليمـان خــــان އޭނާއަކީ އެޑްރިޔާނޯޕަލްގައި ހުންނެވި ބައްޕާފުޅުގެ ޤާއިމްމަޤާމެވެ.
2. مـــوســى އޭނާވަނީ ބައްޕާފުޅާއެކު އަންގޯރާ ހަނގުރާމައިގައި ހައްޔަރުވެވަޑައިގެންފައެވެ.
3. عـيســـى އޭނާވަނީ އަންގޯރާ ހަނގުރާމައިގައި بــايـــزيــد ގެ ލަޝްކަރު ބަލިވުމުން ފިލައިވަޑައިގެން ބުރުސާއަށް ވަޑައިގެން ބުރުސާގެ ޙާކިމަކަށް ވެވަޑައިގެންފައެވެ.
4. قــاســـــم އޭނާއަކީ އެއްވެސް އުރައްޕެއްހުރި ބޭފުޅެއް ނޫނެވެ. އޭނާ އުޅުއްވަމުންގެންދެވީ محـمّــد ނުވަތަ عـيســـى ގެ އަރިހުގައެވެ.
5. محـمّــد އޭނާއަކީ بــايـــزيــد ގެ އެންމެ ތުއްޕުޅު ދަރިކަލުންނެވެ. އަދި އެންމެ ލާއިޤު އަދި އެންމެ ޤާބިލު ދަރިކަލުންނެވެ. އޭނާވެސް އޭޝިޔާކޫޗަކުގެ ސަރަޙައްދެއްގައި ވެރިކަން ޤާއިމުކުރެއްވިއެވެ.

މިދެންނެވި ދާޚިލީ ހަނގުރާމަ ޢާންމުގޮތެއްގައި ހިނގީ ހަތަރު ބޭފުޅެއްގެ މެދުގައެވެ. سـليمـان އާއި مـــوســى އާއި عـيســـى އާއި محـمّــد އާ ހަތަރު ބޭފުޅުންގެ މެދުގައެވެ. އެންމެފުރަތަމަ ހަނގުރާމަފެށުނީ محـمّــد އާއި عـيســـى އާ ދެމެދުގައެވެ. ދާދިއަވަހަށް سـليمـان ވެސް އެހަނގުރާމައިގައި ބައިވެރިވެވަޑައިގެންފިއެވެ. އެންމެފަހުން ބައިވެރިވެވަޑައިގެންނެވީ مـــوســى އެވެ. އެހަނގުރާމަ އެގާރަ އަހަރު ނުވަތަ ބާރަ އަހަރު ވަންދެން ދެމިއޮތެވެ. އެ ހަނގުރާމަތަކުން ކާމިޔާބު ހޯއްދެވީ سلطـــان محـمّــد أوّل އެވެ. ކުރީންވެސް ދެންނެވިފަދައިން އޭނާއަކީ بــايـــزيــد ގެ އެންމެ ތުއްޕުޅު ދަރިކަލުންނެވެ. އެންމެ ޤާބިލު ދަރިކަލުންނެވެ. އޭނާއަކީ އެތައް ރޮނގުތަކަކުން ވަރަށް ކުރިޔަށް ނުކުމެވަޑައިގެން ހުންނެވި ބޭފުޅެކެވެ. ވަރަށްބޮޑު ބަހާދަރެކެވެ. ވަރަށްބޮޑު މުދައްބިރެކެވެ. އެންމެމަތީދަރަޖައިގެ ރޭއްވެވުންތެރިއެކެވެ. އިންތިޒާމީ ހިންގެވުންތެރިޔެކެވެ. އޭނާގެ ރައްޔިތުންވަނީ އޭނާއަށް ޗަލްޕީ (މިހާރު ޢާންމުވެފައިވާގޮތުން ޝަލަބީ) ގެ ޚިޠާބު އަރުވައިފައެވެ. (އާދެ، ހިތްވަރުފުޅުގަދަ، ވިސްނުންފުޅުތޫނު، ހަރުދަނާ ވެރިޔާ)

سلطـــان محـمّــد ވަނީ އޭނާގެ ބައްޕަގެ ވެރިކަމުގެ ދަށުގައިހުރި ރިޔާސަތުތަކުގެ ތެރެއިން އަންގޯރާ ހަނގުރާމައަށްފަހު އަމިއްލަ މުސްތަޤިއްލުކަން އިޢުލާންކުރި ހުރިހައި ރިޔާސަތުތަކެއް އަލުން ފަތަޙަކުރައްވައި އޭނާގެ ވެރިކަމުގެދަށަށް ގެންނަވައިފައެވެ. އޭނާގެ ބައްޕާފުޅުގެ ވެރިކަމުގެ ދަށުގައިއޮތް މުޅި ސަރަޙައްދުއެކުގައި ކަހަލަގޮތަކަށް އޭނާގެ ވެރިކަމުގެދަށަށް ގެންނަވައިފައެވެ. (މުސްތަޤިއްލު ރަސްކަލެއްގެ ގޮތުގައި އޭނާގެ ރަސްކަން ޤާއިމުވީ 815ހ./1413މ. ގައެވެ.)

ފުތޫޙާތު

ޢާންމުގޮތެއްގައި މުއައްރިޚުން ލިޔުއްވާގޮތުގައި ޢުޘްމާނީ ދައުލަތުގެ އެންމެކުރީގެ ދިހަ ރަސްކަލުންގެ ތެރެއިން ބޭރުގެ ފުތޫޙާތެއް ނުހޯއްދަވާ ރަސްކަލަކީ محـمّــد ޗަލްޕީއެވެ. އެކަމަކު އެއީ މުޅީން ރަނގަޅު ވާހަކަފުޅެއް ނޫނެވެ. އޭނާ ވަކިވަރަކަށް ބޭރުގެ ފުތޫޙާތު ހޯއްދެވިއެވެ. ޝައްކެއްނެތެވެ. އޭނާ އެންމެބޮޑު ސަމާލުކަމެއްދެއްވީ ދާޚިލީގޮތުން ދައުލަތް ހަރުދަނާކުރައްވައި ވަރުގަދަކުރެއްވުމަށެވެ. سلطـــان محـمّــد ޗަލްޕީ (ޝަލަބީ) އޭނާގެ ކާބަފައިކަލުން ބިނާކުރެއްވި ޢުޘްމާނީ ދައުލަތް އަލުން އާރާސްތުކުރެއްވުމަށްފަހު ސަމާލުކަންދެއްވީ ހަންގޭރީއާއި ބޮސްނިޔާގެ ވެރީންނާ ދެކޮޅަށް ޖިހާދުކުރައްވާށެވެ. ކުރީންވެސް ދެންނެވި ފަދައިން ޢުޘްމާނީ ދައުލަތް ރޫޅުނު ވަގުތާ ދިމާކުރައްވައި މަސީޙީ ރަސްރަސްކަލުން ގެންދެވީ ޔޫރަޕުގައިހުރި ޢުޘްމާނީ ޕްރޮވިންސުތައް ފިރުއްކަވައިގަންނަވަން މަސައްކަތްޕުޅު ކުރައްވަމުންނެވެ. سلطـــان محـمّــد އަށް އޭނާގެ ރަސްކަން ސަމާލުކުރެއްވުނުއިރު މަސީޙީންގެ ވަރަށްބޮޑު ލަޝްކަރެއް ޢުޘްމާނީ ރަސްކަމާ ދިމާޔަށް ފިރުކެމުން އާދެއެވެ. ހަންގޭރީގެ ރަސްގެފާނު ސިގަސްމަންޑުގެ ވެރިކަމުގެ ދަށުގައެވެ. އެދުވަސްވަރު ސިގަސްމަންޑުވަނީ ޖަރުމަނީގެ ރަސްކަމަށްވެސް އިންތިޚާބުވެވަޑައިގެންފައެވެ. سلطـــان محـمّــد އެދިމާޔަށް ފޮނުއްވީ އޭނާގެ ޤާބިލު ޖަނަރަލެއްކަމުގައިވާ إسحـــاق ބޭގެވެ. إسحـــاق ބޭގު މަސީޙީ ލަޝްކަރާ ބައްދަލުކުރެއްވީ ކްރޮއޭޝިޔާގެ ސަރަޙައްދުގެ ތެރެއިންނެވެ. ނުހަނު ބިރުވެރި އަދި ލޭއޮހޮރިގެންދިޔަ ހަނގުރާމަޔަކަށްފަހު ޢުޘްމާނީންނަށް ނުހަނު ޝަރަފުވެރި ކާމިޔާބީއެއް ލިބުނެވެ. އެފަތަޙައަށްފަހު އަނެއްކާވެސް ބަލްޤާނުގެ ރަސްރަސްކަލުންގެ ހިތްޕުޅުތަކުގައި ތުރުކިޔޭއިންގެ ކީރިތި މޫރިތިކަމުގެ ހައިބަތާއި ފުރަމާނަކަން ބިންވަޅު ނެގިއްޖެއެވެ. އެހެންކަމުން ހެޒްގޮވީނާގެ ޑިއުކު އޭނާގެ ކިޔަމަންތެރިކަން އިޢުލާންކުރެއްވިއެވެ. ހެޒްގޮވީނާގެ ބައެއް ރަށްރަށުގެ މީހުން މުސްލިމުންނަށްޓަކައި އެރަށްރަށުގެ ދޮރޯށިތައް ހުޅުވައިލިއެވެ. إسحـــاق ބޭގު 818ހ./1415މ. ގައި ސަރާއޭބޮސްނާ (ސަރައޭވޯ) ފަތަޙަކުރެއްވިއެވެ. އަނެއްކޮޅުން އޭނާގެ ލަޝްކަރު މަސީޙީންގެ ޙަމަލަތައް ޗިސްޗިސްކޮށް ފައިދަށުލަމުން ސެލްވީނިޔާއާ ހަމަޔަށް ހިނގައްޖެއެވެ. إسحـــاق ބޭގު އެހައިތަނަށް ވަޑައިގެންނެވުމަށްފަހު އެނބުރިވަޑައިގެންނެވީ އަނާޠޫލިއްޔާއަށެވެ. އޭނާ ވަޑައިގެން އިޒްމީރު ފަތަޙަކުރައްވައި ޢުޘްމާނީ ދައުލަތުގެ ބައެއްކަމުގައި ހަމަޖެއްސެވިއެވެ.

819ހ./1416މ. ގައި سلطـــان محـمّــد ޗަލްޕީ ރޫމޭނިޔާއަށް ޙަމަލަދެއްވިއެވެ. ޑައިނޫބު ކޯރުގެ އުތުރުގައިހުރި މުހިންމު ދެކިއްލާއެއް ފަތަޙަކުރެއްވިއެވެ. ހަމައެދުވަސްވަރު إسحـــاق ބޭގުވެސް ޔޫރަޕަށް ވަޑައިގެން ބަސްތީރިޔާއަށް ޙަމަލަދެއްވިއެވެ. އޭރު ހަންގޭރީއާއި ޖަރުމަންވިލާތުގެ ސިފައިންގެ ބޮޑު ފައުޖެއް އެތާނގައި ބަނޑަހަޖަހައިގެން ތިއްބެވެ. ވަރަށް ވަރުގަދަ ހަނގުރާމައަކަށްފަހު إسحـــاق ބޭގު ބަސްތީރިޔާ ފަތަޙަކުރައްވައިފިއެވެ. އެހަނގުރާމައިގައި މަސީޙީންގެ ނަވާރަހާހަށްވުރެ ގިނަ ސިފައިން ކަތިވިއެވެ. (އެޓްލަސް ފުތޫޙާތެ އިސްލާމިއްޔާ: 328، 330)

ދާޚިލީގޮތުން ދައުލަތް ހަރުދަނާކުރެއްވުން

سلطـــان محـمّــد ޗަލްޕީ (ޝަލަބީ) އެންމެބޮޑު ސަމާލުކަމެއްދެއްވީ ދާޚިލީގޮތުން ދައުލަތް ވަރުގަދަކުރައްވައި ކުރީގެ އައުދާނަކަން އަނބުރައި ހޯއްދެވުމުގެ މައްޗަށެވެ. އޭނާގެ މަސައްކަތްޕުޅުން ޢުޘްމާނީ ދައުލަތަކީ ކުރިޔަށްވުރެވެސް ބާރުހުރި، ކުރިޔަށްވުރެވެސް ބަދަހި އަދި ކީރިތި މޫރިތިކަންހުރި ދައުލަތަކަށް ހެއްދެވިއެވެ. މުއައްރިޚަކު ލިޔުއްވައިފައިވެއެވެ.

"محـمّــد أوّل އަކީ ޙަޤީޤަތުގައި عـثمــان أوّل ގެ ޙައިސިއްޔަތު އަރުވާންޖެހޭ ބޭފުޅެކެވެ. ޢުޘްމާނީ ދައުލަތް މުޅީން ސުންނާފަތިވުމަށްފަހު އެދައުލަތް އަލުން އާރާސްތުކުރެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވީ އޭނާއެވެ. އޭނާގެ ބައްޕާފުޅު بــايـــزيــد، أمـيـــــرتــيـــمــــــور ގެ އަތްޕުޅުން ބަލިވުމާއި އޭނާގެ ބޭބޭފުޅުންގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޢުޘްމާނީ ދައުލަތްވަނީ ބިންގަލާ ހަމައިން ރޫޅި ވީރާނާވެފައެވެ. سلطـــان محـمّــد އެތަރާގަނޑުގެ މަތީގައި މުޅީން އައު ޢިމާރާތެއް ބިނާކުރެއްވިއެވެ. سلطـــان محـمّــد ނެތްނަމަ عـثمــان خــــان ގެ ވާރިޘުންނަށް އަނާޠޫލިއްޔާވެސް ދޫކޮށްލައްވައި ހިޖުރަކުރައްވާން މަޖުބޫރުވެވަޑައިގެންނެވުމަކީ ވަރަށް ކައިރިކަމެކެވެ."

މިދެންނެވި މުއައްރިޚު އަދިވެސް ލިޔުއްވައިފައިވެއެވެ. "އަރަހުށި މާތް اللّـــه، محـمّــد އަށްވަނީ ވަރަށް އާދަޔާޚިލާފު މަތިވެރި ޤާބިލިއްޔަތެއް ދެއްވައިފައެވެ. އޭނާއަކީ އިންތިހާދަރަޖައިގެ ކެތްތެރި ބޭފުޅެކެވެ. ހިފެހެއްޓެވުންތެރި ބޭފުޅެކެވެ. އޭނާގެ އަޚުންގެ އަރައިރުންގަނޑުން ސަލާމަތްވެވަޑައިގެންނެވުނުހިނދު އޭނާގެ ޝިޢާރަކަށް ހައްދަވައިފައިވަނީ އަމަންއަމާންކަމާއި އިޞްލާޙުކުރެއްވުމެވެ. ޞުލްޙައެވެ. އެގޮތުން އަވަށްޓެރި ދައުލަތްތަކާ ގުޅުން އުފެއްދެވިއެވެ. ޔޫނާނުގެ ޝަހެންޝާހާވެސް ގުޅުން ބަދަހިކުރެއްވިއެވެ. އޭނާގެ ބައެއް ރަށްރަށް އަނބުރައި އޭނާއާ ޙަވާލުކުރެއްވިއެވެ. އޭނާ ދުނިޔޭގައި ހުންނެވިހައިދުވަހު އޭނާއާ ހަނގުރާމައެއް ނުކުރައްވައެވެ. ހަމައެފަދައިން ސާވިޔާއާއި، ޢަލްބޭނިޔާއާއި، ހަންގޭރީއާއި ވަލާޗިޔާއާވެސް ޞުލްޙަވެވަޑައިގެންނެވުން މުނާސަބުކަމުގައި ބެއްލެވިއެވެ. އެގޮތުން مــــــراد أوّل އަށް އޭނާގެ ވެރިކަމުގެ މެދުތެރޭގައި ލިބިވަޑައިގެންފައިއޮތްވަރަށް އާރާއި ބާރު ހޯއްދެވިއެވެ." (މުސަލްމާން ޙުކުމްރާން، ޞަފުޙާ: 647)

سلطـــان محـمّــد أوّل ޔޫރަޕުގެ ޢީސާއީ ދައުލަތްތަކާމެދު ގެންގުޅުއްވީ އަމަންއަމާންކަމާއި، ޞުލްޙައާއި އެކުވެރިކަމާއި ގުޅުންބަދަހިކުރެއްވުމުގެ ޙިކުމަތުޢަމަލީއެކެވެ. އެކަމާބެހޭގޮތުން مــــولانــا أكــبــــــر خــــان نجــيب آبــادى ލިޔުއްވައިފައިވެއެވެ. "سلطـــان محـمّــد خــــان ގެންގުޅުއްވި ރަވައްޔާގެ ސަބަބުން ޔޫރަޕުގައި ޞުލްޙަ ޤާއިމުވިއެވެ. ޙަޤީޤަތުގައި ޢުޘްމާނީ ދައުލަތަކީ ވަރަށް ނުރައްކައުތެރި އަދި ބިރުވެރި ބަލިމަޑުކަމަކުން ދާދި ދެންމެއަކު ޝިފާލިބުނު ދައުލަތެކެވެ. އެހެންކަމުން މާބޮޑަށް ހެލިފެލިވެއުޅުމާއި ޖިސްމާނީ ކަސްރަތުކުރުމަކީ އެވަގުތު އެދައުލަތަށް ވަރަށްބޮޑު ނުރައްކަލެކެވެ. ދުވަސްކޮޅަކު އަރާމުކޮށްލަން އެދައުލަތަށް ބޭނުމެވެ. ފައިދާހުރި ޞިއްޙީކާނާ ދުވަސްކޮޅަކު ކާންޖެހެއެވެ. މާތް اللّـــه ގެ ފަޟުލުވަންތަކަމެވެ. އެކަލާނގެ ޢުޘްމާނީ ތަޚުތު މިންވަރުކުރެއްވީ سلطـــان محـمّــد خــــان ފަދަ ނުހަނު ކަމާއެކަށޭނަ ބޭފުޅަކަށެވެ. އޭނާ ޢަމަލުކުރެއްވި ގޮތްކޮޅުން ހުރިހައިގޮތަކުންވެސް ޢުޘްމާނީ ދައުލަތުގައި ދިޔައީ ވަރުޖެހެމުންނެވެ. ހަކަތަލިބި ދުޅަހެޔޮވަމުންނެވެ. سلطـــان محـمّــد خــــان ގެ ޢަމަލުފުޅުތައް ހިމެނުނީ މުސްތަޤްބަލުގައި ޢުޘްމާނީ ދައުލަތް ތަރައްޤީވެ ކުރިއަރައިދިޔުމުގެ ސަބަބެއްކަމުގައެވެ." (ޞަފުޙާ: 361)

(މިތާނގައި ފާހަގަކޮށްލުން އެކަށޭނަކަމެކެވެ. سلطـــان محـمّــد خــــان ގެ އަމާންކަމަށް ލޯބިކުރެއްވުމާއި ޞުލްޙަމަސަލަސްކަން ޤަބޫލުކުރެއްވުމުގެ ސިޔާސަތުގެ ސަބަބުން އެހެނިހެން ޤައުމުތަކުގައި އޭނާވަނީ "ޞުލްޙައިގެ ރަސްގެފާނުގެ" ނަންފުޅުން މަޝްހޫރުވެވަޑައިގެންފައެވެ.)
ކުރިޔަށްވުރެ ބާރާހުރި ދައުލަތެއް

މުއައްރިޚު ލޭންޕޫލް ލިޔުއްވައިފައިވެއެވެ. "سلطـــان محـمّــد أوّل އަށް ބައިބައިނުވެ އެއްގާނިކަމުގައިއޮތް ތުރުކިޔޭއެއްގެ ހަމައެކަނި ވެރިޔާކަމުގައި ވެވަޑައިގެންނެވުނީ 1413މ. ގައެވެ. އޭނާ އެޙައިސިއްޔަތުން ރަސްކަމުގައި އިންނެވީ ގާތްގަނޑަކަށް އަށެއްކަ އަހަރުއެވެ. އެކަމަކު އެކުރުކުރު މުއްދަތުގެ ތެރޭގައި އޭނާވަނީ ޙައިރާންވާފަދަ ބޮޑެތި މަސައްކަތްޕުޅުތަކެއް ނިންމަވައިލައްވައިފައެވެ. އަފޫރުއްބަ ކާމިޔާބީތަކެއް ހޯއްދަވައިފައެވެ." ލޭންޕޫލުވަނީ سلطـــان محـمّــد أوّل ގެ ބުއްދިފުޅު ތަނަވަސްކަމާއި، ދުރުވިސްނިވަޑައިގަންނަވާކަމަށްވެސް ތާރީފުކުރައްވައިފައެވެ. އޭނާ މިމޭރުމުން ލިޔުއްވައިފައިވެއެވެ.

(ނުނިމޭ)