ގަތަރު ވޯލްޑް ކަޕް 2022

ގާނާ ކޯޗު ރުޅިގަދަވެފައި: ރޮނާލްޑޯ ގޯލު ޖެހީ "ރެފްރީ ދިން ހަދިޔާއަކުން"

މުޙައްމަދު ޝަމްޢޫން

ގަތަރު ވޯލްޑް ކަޕް 2022ގައި ޕޯޗުގަލާއި ގާނާ ރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ގޯލަށް ރެފްރީ އެލްފާތު ދިން ޕެނަލްޓީއަކީ ހަދިޔާއެއް ކަމަށް ގާނާގެ ކުރީގެ ކުޅުންތެރިޔާ، އަދި ކޯޗު އޮޓޯ އަޑޯ ބުނެފިއެވެ.

ގަތަރުގެ 974 ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ގާނާއަށް ފުރަތަމަ މެޗުގައި ބައްޔަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ދެޓީމު ވާދަވެރިކޮށް ފެނިގެން ދިޔަ މެޗުގައި، ގޯލެއް ފެނި މެޗު ހުޅުވިގެން ދިޔައީ ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއަށްފަހުއެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯއަށް ގާނާގެ މުހައްމަދު ސަލިސޫ ކުރި ފައުލަކާ ގުޅިގެން ރެފްރީ ޕެނަލްޓީ ދިން އިރު، އެ ޕެނަލްޓީ ދީފައި ވަނީ ވަރަށް ފަސޭހަ ފައުލަކަށް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. މެޗަށްފަހު ރެފްރީ ދެކެ ރުޅި އައިސްފައި ހުރި އަޑޯވެސް ބުނީ އެހެންނެވެ.

"ރެފްރީ ޕެނަލްޓީ ދިނީ ޕެނަލްޓީ ދޭން ނުޖެހޭ އެއްޗަކަށް. އެންމެނަށްވެސް އެތަން ފެންނާނެ. އެ ޕެނަލްޓީ ދިން ސަބަބެއް ނޭނގެ. އެއީ ރޮނާލްޑޯ ވެގެން ކަމެއް ނޫނީ ނޫން ކަމެއްވެސް. ކުޅުންތެރިއަކު ގޯލެއް ކާމިޔާބު ކުރުމުން އެކަމަށް މަރުހަބާ ކިޔަން، އެކަމަކު އެއީ ހަދިޔާއަކުން ޖެހި ގޯލެއް. އެއީ ރެފްރީ ދިން ހާއްސަ ހަދިޔާއެއް." އަޑޯ މެޗަށްފަހު ބުންޏެވެ.

ރޮނާލްޑޯ ރޭ ގާނާ ކޮޅަށް ގޯލު ޖެހުމާއެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ފަސް މުބާރާތެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މިހާތަނަށް ހަތަރު ވޯލްޑް ކަޕެއްގައި ގޯލު ޖެހި ކުޅުންތެރިންނަކީ ރޮނާލްޑޯގެ އިތުރުން ލިއޮނަލް މެސީ އާއި ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ޕެލޭގެ އިތުރުން މިރްސްލާވް ކްލޯސާ އަދި ޖަރުމަނުގެ އައިކަން އޫވޭ ސީލާއެވެ.