ގަތަރު ވޯލްޑް ކަޕް 2022

ހާސް ނުވޭ! ނޭމާއަށް ވޯލްޑް ކަޕެއް ނުނިމޭ

މުޙައްމަދު ޝަމްޢޫން

ބްރެޒިލުން ރޭ ކުޅުނު މެޗުގައި ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ވޯލްޑް ކަޕްގައި އަދި ފެންނާނެ ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފިއެވެ.

މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލްގެ ތަރި، ނޭމާއަށް އަނިޔާވީ ރޭ އެޓީމުން ސާބިއާއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައެވެ. އެ މެޗުގައި ބްރެޒިލުން ފުރިހަމަ މޮޅެއް ހޯދީ 2-0 އިން ސާބިއާ ބަލިކޮށްގެންނެވެ. މެޗުގައި ދެ ގޯލުވެސް ޖެހީ ރިޗާލްސަންއެވެ.

ބްރެޒިލަށް އުފާވެރިކޮށް ނިމިގެން ދިޔަ ރޭގައި ހަމައެކަނި މާޔޫސް ކަމަށްވީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، އުމުރުން 30 އަހަރުގެ ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވެގެން ބާލަން ޖެހުމެވެ. ރޭގެ މެޗުގައި ސާބިއާގެ ޑިފެންޑަރުން ނޭމާއަށް ގިނަ ޓެކުލްތަކެއް ކުރިތަން ފެނިގެން ދިޔަ އިރު، އޭނާގެ ކުޑަހުޅަށް އަނިޔާވީ ފަހު ހާފުގައެވެ. އާންމުކޮށްވެސް އަނިޔާގެ މައްސަލަތާ ދިމާވާ ނޭމާގެ އެންމެ އަނިޔާ ބޮޑީވެސް ކުޑަހުޅުގައެވެ. އެކަމުގައި ސަޕޯޓަރުންގެ މާޔޫސްކަން އިންތިހާއަށް އޮތް އިރު، ރޭގެ މެޗަށްފަހު ޓީޓޭ ބުނީ ހާސް ނުވުމަށެވެ.

"ހާސް ނުވޭ! ނޭމާއަށް ވޯލްޑް ކަޕެއް ނުނިމޭނެ. އޭނާ ކުރިއަށް ހުރި މެޗުތަކުގައިވެސް ކުޅޭނެކަމުގެ ޔަގީންކަން ދެން. ނޭމާ ކުޅޭނެކަމަށް އަހަންނަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް،" ޓީޓޭ ބުންޏެވެ.

ރޭގެ މެޗަށްފަހު އަނިޔާއާ ގުޅިގެން އެއްވެސް ބަހެއް ބުނަން ނޭމާ އިންކާރު ކޮށްފައިވާ އިރު، ބްރެޒިލްގެ ޑޮކްޓަރު ރޮޑްރީގޯ ލަސްމާ ބުނީ 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ ވަގުތެއް ދިނުމަށްފަހު ނޭމާގެ އަނިޔާ އިތުރަށް އެސެސް ކުރާނެ ކަމަށެވެ. އޭނާ ޔަގީންކަންދިނީ މާދަމާއަށް އެއްވެސް ސްކޭނެއް ހަދަން ނޫނީ އެމްއާރްއައިއެއްވެސް ހަދަން ތާވަލު ކޮށްފައި ނުވާނެ ކަމަށެވެ.

ރަނގަޅު ފެށުމަކަށް ޓީޓޭ ހިތްހަމަ ޖެހިފައި

ބްރެޒިލުން ރޭ ރަނގަޅު ފެށުމަކުން ވޯލްޑް ކަޕް ފެށިއިރު، ޓީޓޭ ބުނީ މުހިއްމު މޮޅެއް ހޯދުމުގެ ތެރެއިން އިތުރު އެތައް މޮޅެއް ޓީމުގެ އެތެރެއިންވެސް ރޭ ހޯދުނު ކަމަށެވެ.

"ރޭގެ މެޗުން ހޯދުނީ ވަރަށް މުހިއްމު މޮޅެއް. އެ މޮޅާއެކު ޓީމުގެ ތެރެއިންވެސް އެތައް މޮޅެއް ހޯދިއްޖެ. ފުރަތަމަ ހާފުގައި ފެނުނީ ބްރެޒިލްގެ ފެންވަރެއް ނޫން. އެކަމަކު ދެވަނަ ހާފަށް ނުކުމެ، ޓީމު އޮގަނައިޒް ކޮށްލައި ޓީމުން ތަފާތު ދެއްކި. އެތައް ނަމެއް ކިޔާލެވިދާނެ، އެކަމަކު މިއީ ވަރަށް ކުޅަދާނަ ޓީމެއް. ރޭގެ މޮޅުގައި ރިޗާލިސަން ހާއްސަ. ދެވަނަ ގޯލުގައި ކޮންޓްރޯލް ކޮށްލި ގޮތަށް، އެ ޖަހަން އުޅުނު ގޮތް ބަދަލުކޮށް ތަފާތު ގޯލެއް ޖެހި،" ޓީޓޭ ބުންޏެވެ.

ބްރެޒިލުން ދެން ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗަށް ނުކުންނަން ޖެހޭނީ މިމަހުގެ 28 ވާ ހޯމަ ދުވަހުގެ ރޭ ސްވިޒަލޭންޑާ ދެކޮޅަށެވެ.