ގަތަރު ވޯލްޑް ކަޕް 2022

ރޮނާލްޑޯ ރެކޯޑު ހަދައި ޕޯޗުގަލް ފެށީ މޮޅަކުން

ގަތަރު ވޯލްޑް ކަޕް ގްރޫޕް އެޗްގެ ދެވަނަ މެޗުގައި ޕޯޗުގަލުން ގާނާ ބަލިކޮށްފިއެވެ.

ގަތަރުގެ 974 ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ތަރިންގެ ޓީމު ޕޯޗުގަލް މިރޭގެ މެޗަށް ނުކުތް އިރު، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި ވަނީ ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ރޮނާލްޑޯ މިފަހަރު އޭނާގެ ފަސްވަނަ ވޯލްޑް ކަޕަށް ނުކުތް އިރު، އޭނާ ހުރީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައެވެ. އެކަމުގެ ޖަޒުބާތުގައި ނުޖެހޭނެ ކަމަށް ރޮނާލްޑޯއާއި ޕޯޗުގަލުން ބުނަމުން ދިޔަ ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑާއި ރޮނާލްޑޯގެ "ޑްރާމާ" އޮތީ ބޮޑު ވާހަކައަކަށްވެފައެވެ.

މައްސަލަގަނޑުގެ ތެރެއިން ޔުނައިޓެޑާއެކު ރޮނާލްޑޯ ވެފައިވާ އެއްބަސްވުން އުވާލުމުން ވޯލްޑް ކަޕަށް ރޮނާލްޑޯ ނުކުތީވެސް ފްރީ އެޖެންޓެއްގެ ގޮތުގައެވެ. މިދިޔަ ހަތަރު ވޯލްޑް ކަޕްގައިވެސް ގޯލު ޖަހާފައި އޮތް ރޮނާލްޑޯއަށް މިރޭ އޮތީ ތާރީހު ލިޔުމެވެ. އެއީ ވޯލްޑް ކަޕްގެ ތިގު މާޒީގައިވެސް ފަސް ވޯލްޑް ކަޕެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށްވުމަށް އޮތް ފުރުސަތެވެ. މެޗުގައި ގޯލު ޖަހައި ރޮނާލްޑޯ އެ ގޯލު ޖަހަންވެސް ޖެހިއެވެ.

މެޗުގައި ލިބުނު ޕެނަލްޓީގައި ގޯލު ޖަހައި، މިހާތަނަށް ވޯލްޑް ކަޕްގައި އަށް ގޯލު ހަމަކޮށް ރޮނާލްޑޯ މިރޭ ރެކޯޑު ހެދިއެވެ. މިރޭގެ މެޗަށް ނުކުތް އިރުވެސް ރޮނާލްޑޯ ވަނީ މީގެ ކުރިން 2006، 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި ގޯލު ޖަހައިފައެވެ.

މިރޭގެ މެޗު ރަނގަޅަށް ފެށީވެސް ޕޯޗުގަލްއިންނެވެ. މެޗުގެ ކުރީކޮޅުގައިވެސް ކުރިއަށް ޖެހި އެޓީމުން ކުޅުނީ ކުދި ޕާސްތަކެއް ޖަހައި ރަނގަޅު ފުޓުބޯޅައެއް ކުޅުނި އިރު، ގާނާއިން ބޮޑަށް ވިސްނީ ޑިފެންސުން ޖާގަ ނުދީ ޕޯޗުގަލް މައިތިރި ކުރުމަށެވެ. އެހެން ނަމަވެސް އެކަން ކުރުންވީ އުނދަގޫ ކަމަށެވެ. ފުރަތަމަ ކޮޅުގައި މެދުތެރެއިން ދުއްވާލި ޕާހަކަށް ރޮނާލްޑޯ ކުރިއަށް ޖެހި ފޮނުވާލި ބޯޅަ މަތަކުރީ ގާނާގެ ގޯލްކީޕަރު އަޓީ ޒިގީއެވެ.

އެއީ ރޮނާލްޑޯއަށް ލިބުނު ފުރުސަތު ނިމުނީކީ ނޫނެވެ. އޭގެ އިތުރުން ފުރަތަމަ ހާފުގައި ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާވެސް ނުރައްކާކޮށް ފެނުނު އިރު، އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އޭގެ އިތުރުން ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ޖާއޯ ފީލިކްސް ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ގާނާއަށް ހަމަލާއަކަށް ފުރުސަތު ނުދީ ޕޯޗުގަލްއިން ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެވެސް ރަނގަޅަށް ފެށީ ޕޯޗުގަލްއިންނެވެ. އެ ޕްރެޝަރު ގާނާއަށް ހެންޑަލް ކުރަން އުނދަގޫވެ ފައުލްތައް ގިނައިން ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން 62 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ޕެނަލްޓީ ލިބުނެވެ. އޭރިއާ ތެރެއިން ރޮނާލްޑޯއަށް ގާނާގެ ސަލިސޫ ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލަށް ޕެނަލްޓީ ލިބުނު އިރު، އެ ޕެނަލްޓީގައި ގޯލު ޖަހައި ރޮނާލްޑޯ ރެކޯޑު ހެދިއެވެ.

އެ ގޯލަށް ފަހު ޕޯޗުގަލްއަށް ހަމަޖެހިލަން މާ ގިނަ ވަގުތެއް ނުލިބުނެވެ. އޭގެ 10 މިނެޓް ފަހުން ގާނާ އިން ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރިއެވެ. މުހައްމަދު ކުޑުސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ގާނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން އަންދްރޭ އަޔޫއެވެ.

އެ ގޯލާއެކު މެޗު ހުޅުވިގެން ދިޔައެވެ. މެޗަށް ދިރުން ލިބުނެވެ. ދެޓީމުންވެސް ގޯލަކަށް ބުރަކޮަށް މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް ޕޯޗުގަލްއިން ފުލުފުލުގައި ދެ ގޯލު ޖެހިއެވެ. އޭގެ ތެރެއިން ފުރަތަމަ ގޯލު ޕޯޗުގަލަށް ކާމިޔާބުކޮށްދިނީ ޖޮއާއޯ ފީލިކްސްއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭގެ މިނެޓެއް ފަހުން ފެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ރަފައެލް ލޭއޯއެވެ.

އެއީ މެޗުގެ ނިމުން ކަމަށް ބަލައިގެން އިރުކޮޅު މަޑު ޖެހިލިތަނާ އަނެއްކާވެސް ދެން ފެނުނީ ގާނާގެ ގޯލެކެވެ. އެ ގޯލު ޖެހީ ގާނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަންދްރޭ އަޔޫގެ ބަދަލުގައި ކުޅެން ނުކުތް އޭނާގެ ކޮއްކޮ ޖޯޑަން އަޔޫއެވެ. އެ ގޯލާއެކު މެޗުގެ ނިމުން ފޯރިގަދަކޮށް ދިޔަ އިރު، އިތުރު ގޯލެއް ފެނިފައެއް ނުވެއެވެ.