ކްރިސްޓިއާނޯ ރޮނާލްޑޯ

ފަސް ވޯލްޑް ކަޕެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔަކަށް ރޮނާލްޑޯ

ވޯލްޑް ކަޕްގެ ތަފާތު ފަސް މުބާރާތެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

ރޮނާލްޑޯ މިރޭ ގާނާ ކޮޅަށް ގޯލު ޖެހުމާއެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ފަސް މުބާރާތެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މިހާތަނަށް ހަތަރު ވޯލްޑް ކަޕެއްގައި ގޯލު ޖެހި ކުޅުންތެރިންނަކީ ރޮނާލްޑޯގެ އިތުރުން ލިއޮނަލް މެސީއާއި ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ޕެލޭގެ އިތުރުން މިރްސްލާވް ކްލޯސާ އަދި ޖަރުމަނުގެ އައިކަން އޫވޭ ސީލާއެވެ.

ވޯލްޑް ކަޕްގައި މިހާތަނަށް ރޮނާލްޑޯ ވަނީ އަށް ގޯލު ޖަހައިފައެވެ. މިރޭގެ މެޗަށް ނުކުތް އިރުވެސް ރޮނާލްޑޯ ވަނީ މީގެ ކުރިން 2006، 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން ފުރަތަމަ 2006 ގައި ރޮނާލްޑޯ ކުޅުނު ވޯލްޑް ކަޕްގައި އޭނާ ގޯލު ޖެހީ އިރާނު ކޮޅަށެވެ. އެ ގޯލަކީ 80 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީއެކެވެ.

އެ ގޯލާއެކު ރޮނާލްޑޯ ވެފައި ވަނީވެސް ވޯލްޑް ކަޕެއްގައި ގޯލު ޖެހި އެންމެ ޒުވާން ޕޯޗުގީޒް ކުޅުންތެރިޔާއަށެވެ. އޭރު ރޮނާލްޑޯގެ އުމުރަކީ 21 އަހަރާއި 132 ދުވަހެވެ. ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ ރޮނާލްޑޯ، 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި ގޯލު ޖެހީ އުތުރު ކޮރެއާ ކޮޅަށެވެ. އެ މެޗުން ޕޯޗުގަލް މޮޅުވީ 7-0 ގެ ނަތީޖާއަކުންނެވެ.

ދެހާސް ސާދަވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރެ ނުކުތް ރޮނާލްޑޯ، އެ މުބާރާތުގައިވެސް ރޮނާލްޑޯ ޖެހީ އެންމެ ގޯލެކެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޕޯޗުގަލް ކަޓައިގެން ދިޔަ އިރު، ރޮނާލްޑޯގެ ގޯލަކީ ގާނާ ކައިރިން ފަހުވަގުތު ޕޯޗުގަލް މޮޅުކޮށްދިން ގޯލެކެވެ.

ރޮނާލްޑޯއަށް އެންމެ ކާމިޔާބު ވޯލްޑް ކަޕަކަށްވީ އެންމެފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕްގައި ރޮނާލްޑޯ ވަނީ ސްޕެއިން ކޮޅަށް ހެޓްރިކް ހަދައިފައެވެ. އެ މެޗު 3-3 އިން އެއްވަރު ވެގެން ނިމުނު އިރު، މޮރޮކޯ ކައިރިން ޕޯޗުގަލް މޮޅުވި މެޗުގައިވެސް ގޯލު ޖެހީ ރޮނާލްޑޯއެވެ. އެ މެޗުން ޕޯޗުގަލް މޮޅުވީވެސް 1-0 ގެ ނަތީޖާއަކުންނެވެ.

ޕޯޗުގަލަށް 117 ގޯލު ރޮނާލްޑޯ ޖަހައިދީފައިވާ އިރު، އެއީ ދުނިޔޭގެ ރެކޯޑެކެވެ. 2003 ވަނަ އަހަރު ޕޯޗުގަލް ގައުމީ ޓީމަށް ނުކުތް ރޮނާލްޑޯ، އަލީ ދާއީ އަތުގައި އޮތް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު މުގުރާލީ މިދިޔަ އަހަރުގެ ތެރޭގައެވެ. އިރާނުގެ އަލީ ދާއީ ރެކޯޑު ހަދާފައި އޮތީ 109 ގޯލު ޖަހައިގެންނެވެ.