އިންގްލެންޑް ކެޕްޓަން ހެރީ ކޭން، އެމެރިކާއާ ދެކޮޅަށް ކުޅޭނެ ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.
އިންގްލެންޑުން ގަތަރު ވޯލްޑް ކަޕް 2022 ފެށީ އިރާން ކައިރިން 6-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އެ މެޗުގެ ފަހު ހާފުގައި ކެޕްޓަން ކޭން ބާލާފައިވާ އިރު، މެޗަށްފަހު ކޯޗު ސައުތުގޭޓް ބުނީ ކޭން ބޭލީ އަނިޔާއަކުން ރައްކާތެރިކުރުމުގެ ވިސްނުމެއްގައި ކަމަށެވެ. އެގޮތުން ކޭންގެ ކުޑަހުޅަށް އެ މެޗުގައި ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނު ކަމަށްވެސް ސައުތުގޭޓް ފާހަގަކުރިއެވެ.
ކޭންގެ އަނިޔާގެ ތަފްސީލު ދެނެގަންނަން އިންގްލެންޑުން އިއްޔެ ވަނީ ހާއްސަ ސްކޭންތަކެއް ހަދައިފައެވެ. އަދި ކޭން ތަމްރީނުތަކުގައި ޓީމާ ވަކިން ބައެއް ކަސްރަތުތައް ކުރިތަންވެސް ފެނިފައިވެއެވެ. ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެމެރިކާއާ ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗުގައި ކޭން ކުޅުމާ މެދު ސުވާލުތަކެއް އޮތް ކަމަށެވެ. އެހެން ނަމަވެސް ސައުތުގޭޓް ވަނީ ކޭން ކުޅޭނެކަމުގެ ޔަގީންކަން ދީފައެވެ.
"ކޭން ބުދަ ދުވަހު ސްކޭންތަކެއް ހެދި. އެއީ ހުރިހާ ކަމެއް ރަނގަޅުތޯ ޔަގީންކުރަން. ހެރީ ހުރީ ފިޓްކޮށް. ބައެއް ވަގުތުތަކުގައި ޓީމާ ވަކިން ތަމްރީނުތައް ކުރި ނަމަވެސް މިހާރު ތަމްރީނުވެސް ކުރަނީ ހަމަ އެއްކޮށް،"
މިދިޔަ 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އިންގްލެންޑް، މިފަހަރު ނުކުތީ 1966 ވަނަ އަހަރު ފުރަތަމަ ވޯލްޑް ކަޕެއް ހޯދުމަށެވެ. ގައުމީ ޓީމަށް ކުޅުނު 76 މެޗުން 51 ގޯލު ކޭން ޖަހާފައިވާ އިރު، ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައިގައި އޮތް ވޭން ރޫނީއާ އަރާ ހަމަކުރަން ކޭން ބޭނުންވަނީ ދެ ގޯލެވެ.