ޚަބަރު

ޝައްފާން މަރާލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

ށ. ފޭދޫ، ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އުމުރަށް ޖަލަަށް ލާން ހުކުމްކޮށްފައިވާ ހަތަރު މީހުންގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

އަމީރު އަހުމަދު ސްކޫލު ކައިރީގައި ހުންނަ އޮޓޯގަރާޖު ކުރިމަތީގައި ހުއްޓައި އުމުރުން 14 އަހަރުގެ ޝައްފާނަށް ވަޅިން ހަމަލާދީ މަރާލީ 2018 ވަނަ އަހަރެވެ. އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ވަޅިން ހަމަލާދިން އިރު، އޭނާ އޭރު ދިޔައީ ޖަމާލުއްދީން ސްކޫލް، ގުރޭޑް ހަތެއްގައި ކިޔަވަމުންނެވެ.

ޝައްފާނު މަރާލިކަމުގެ ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށްލާން ހުކުމްކުރީ ސ. ހިތަދޫ/ މަލަ، މުހައްމަދު އައިމަން ހަބީބާއި ސ. މަރަދޫ/ މޫންލައިޓް ގްލޯރީ، ހަސަން ނަބާހު އާއި ސ. ހިތަދޫ/ ޗަމަން، ހުސައިން ނިހާދު އަހުމަދާއި ކ. މާލެ، ޓޮމާޓޯފްލާވާ ހުސެއިން ޖައިލަމެވެ.

ނަބާހުއާއި އައިމަންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ނިހާދުއާއި ޖައިލަމާއި މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި 28 ނޮވެމްބަރު 2021ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މައްސަލައިގެ މުހިންމު ހެއްކެއް ދޮގު ހެކިބަސް ދީފައިވާތީ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ފޮރެންސިކް ތަހުލީލުތަކާއި ބައެއް ޝަފަހީ ހެކިންގެ ހެކިބަހަށް ބަލައި އިރު، އެ މީހުންގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ. އެ ހަތަރު މީހުންގެ މައްޗަށް ކުރި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަންޖެހޭ ކަމަށް ހުކުމުގައި ކަނޑައަޅާފައި ވަނީ 21 އަހަރާއި 10 މަހާއި 25 ދުވަހެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތަށްވުރެ ފަހުގެ ތާރީހެކެވެ. އެހެންވެ ހައިކޯޓުން ފުރަތަމަ އެ މައްސަލަ ބޭރުކޮށްލި އެވެ. ނަމަވެސް އެ ކޯޓުގެ ނިންމުން ބަދަލުކޮށް، އެ އިސްތިއުނާފު ބަލައިގަންނަން، ސުޕްރީމް ކޯޓުން އަމުރުކުރުމުން ހައިކޯޓުން އެ މައްސަލަ ބަލައިގަތެވެ.

ހަތަރު މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެ މައްސަލައިގެ ޝަރީއަތް އިއްޔެ ފަށާފައިވާއިރު، ކުޑަކުއްޖަކު ހިމެނޭ މައްސަލައެއް ކަމުން މައްސަލަ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެނެވެ. އެ މައްސަލައިގައި އަޑުއެހުންތައް އިއްޔެ ނިންމާލާފައިވާއިރު، ހުކުމުގެ ކުރިން ކްރިމިނަލް ކޯޓުން ސާފުކުރަންޖެހޭ ކަމެއް އޮތް ކަމަށް މައްސަލަ ބެއްލެވި

ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ. އެއަށްފަހު އިތުރަށް ސާފުކުރަންޖެހޭ ކަމެއް ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ.