ޚަބަރު

ވިލިމާލޭގައި ހުންނަ ސިނަމާލެ ފުލެޓު 4ގެ ޖޫރިމަނާ ސަރުކާރުން މާފުކޮށްދީފި

ރިފާ ހަލީލު

ވިލިމާލޭގައި ހުންނަ ސިނަމާލެ 4ގެ ފުލެޓު އަމިއްލަ ކުރަން ބޭނުންވާ ފަރާތްތަކަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ސަރުކާރުން މާފުކޮށްދީފިއެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ 20 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސިނަމާލެ 4 އިން ފުލެޓު އަމިއްލަ ކުރަން ހުށަހަޅާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއިން 540،945 ރުފިޔާ މާފުކޮށްފައިވާ ކަމަށެވެ. އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނޫން ކަމަށް ކަނޑައަޅައި އެ ފައިސާ މާފުކޮށްދިނުމަށް އެދި ރައީސް އޮފީހުން ހުށަހަޅާފައިވާ ކަމަށެވެ.

ފިނޭންސްގެ ސިޓީގައި ބުނެފައިވަނީ ރައީސް އޮފީހުން މިމަހުގެ 10 ވަނަ ދުވަހު އެ ފައިސާ މާފުކޮށްދިނުމުގެ ހުއްދަ ދީފައިވާތީ އެ ފައިސާ މާފުކޮށްދިނުމުގެ ގޮތުން، ދައުލަތަށް ލިބެން ޖެހޭ ފައިސާ އާއި މުދާ ނުލިބޭނެކަން ކަނޑައަޅައި ދޫކޮށްލުމުގެ އުސޫލުގައިވާ ގޮތުގެ މަތިން އެއީ ދައުލަތަށް ލިބެން ނުޖެހޭ ފައިސާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މި ސިޓީއާ ގުޅިގެން މާލެ ސިޓި ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ ކައުންސިލްގެ އިއްޔެގެ ޖަލްސާގައި ވިދާޅުވީ، ސިޓި ކައުންސިލްގެ އެދުމަކަށް ފުލެޓުތަކުގެ ޖޫރިމަނާ މާފުކުރުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

ޖޫރިމަނާ މާފުކުރީ ކިތައް މީހުންގެ ކަމެއް އަދި މިލްކު ކުރަން ބޭނުންވެގެން ހުށަހަޅާފައިވަނީ ކިތައް މީހުންކަމެއް ސިޓީ ކައުންސިލުން އަދި ހާމައެއް ނުކުރެއެވެ. މިލްކު ކުރަން ބޭނުންވާ ފަރާތްތަކުން ކުލީގެ ގޮތުގައި ދެން ދައްކަން ޖެހެނީ ކިހާވަރެއްކަންވެސް ހާމައެއްނުކުރެއެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިސަރަށް "ވަން" އިން ގުޅާލުމުން ވިދާޅުވީ ބަލާލާފައި މެސެޖުކޮށްލާނެ ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.