ޚަބަރު

މީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ހާބަރު ޕޭވްމަންޓުގެ 77 ޕަސެންޓް ނިމިއްޖެ

ދ. މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހާބަރު ޕޭވްމެންޓް މަސައްކަތުގެ 77 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

މީދޫ ބަނދަރު މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 74 ޕަސެންޓްވެސް މިހާރު ނިމިފައިވާ ކަމަށެވެ.

މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 373 މީޓަރުގެ ބޭރުތޮށިލުމާއި 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 294 މީޓަރުގެ އެއްގަމުތޮށިލުން ހިމެނެއެވެ. އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 1,470 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން މީދޫ ބަނދަރުގެ ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 408 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 38.7 މިލިއަން ރުފިޔާއަށެވެ.