"ވަންލަވް" ކެޕްޓަން ބޭންޑް ނޭޅުމަށް ފީފާއަށް ނުބެނެވޭނެ ކަމަށް ބުނެ، ޖަރުމަނުން ގާނޫނީ މައްސަލައަކަށް ތައްޔާރުވަމުންދާ އިރު، އެކަމުގައި ފީފާއިން ޓީމުތަކަށް ބިރު ދައްކާ ކަމަށްބުނެ، ޖަރުމަނުން ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޓީމު ފޮޓޯއަށް ހުއްޓި، އަނގަމަތީގައި އަތް އެޅިއެވެ. ގަތަރުގެ އުސޫލުތަކާއި އިސްލާމީ ސަގާފަތަކުގެ ސަބަބުން "ވަން ލަވް" ކެޕްޓަން ބޭންޑާއެކު އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން ފީފާއިން ވަނީ ގަތަރު ވޯލްޑް ކަޕްގައި ހަރުކަށިކޮށް މަނާކޮށްފައެވެ. އެހެން ނަމަވެސް އެ ނިންމުމަށް ތަބާނުވާން ހުޅަނގުންދަނީ ކުރެވުނު ކޮންމެ ކަމެއް ކުރަން ފުރުސަތު ހޯދަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގުމަށް ތަރުހީބުދިނުމުގެ ބޭންޑު އަޅަން ނިންމި 8 ޓީމުގެ ތެރޭގައި ހިމެނެނީ އިންގްލެންޑާއި ޖަރުމަނާއި ފްރާންސާއި ބެލްޖިއަމާއި ޑެންމާކާއި ހޮލެންޑާއި ސުވިޒަލެންޑް އަދި ވޭލްސް އެވެ. ފީފާގެ އުސޫލުތަކާއި ވޯލްޑް ކަޕް ބާއްވާ ގައުމުކަމަށްވާ ގަތަރުގެ ގާނޫނުތަކާއި އާދަކާދަތައް މުގުރާލައި ޔޫރަޕުގެ 8 ޓީމެއްގެ ކެޕްޓަނުން އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމަށް "ވަންލަވް" ކެޕްޓަން ބޭންޑު އަޅަން ފުރަތަމަ ނިންމާފައިވީ ނަމަވެސް، އެ ބޭންޑް އަޅާ ކެޕްޓަނުންނަށް ކާޑު ދެއްކުން ފަދަ މެޗުތެރޭގެ އަދަބުތައް ދޭނެ ކަމަށް ބުނުމުން، އެކަން ނުކުރަން އެ ހުރިހާ ގައުމަކުންވެސް މިހާރު ވަނީ ނިންމައިފައެވެ.

ޖަރުމަނުގެ ފަހަތުން އެކިކަހަލަ ގޮތްގޮތަށް ފީފާއާ ދެކޮޅަށް ހުޅަނގުގެ ޓީމުތަކުން އަޑުއުފުލާފާނެ ކަމަށް ބެލެވިފައި އޮއްވައި، މިއަދު ހަވީރު ސްވިޒަލޭންޑުން ކެމަރޫނާ ދެކޮޅަށް ނުކުންނާނެއެވެ. ސްވިޒަލޭންޑަކީ "ވަން ލަވް" ބޭންޑް އަޅަން ކުރިން ބޭނުންވި ގައުމެއް ނަމަވެސް، ކެޕްޓަން ގްރެނިޓް ޖަކާގެ ވިސްނުމުގައި އެކަމުގައި އިތުރު "ހައިޖާން"ތަކެއް ހެދުމެއް ނެތެވެ.

"ސްވިސް ޓީމުން އެކަމުގައި އެއްވެސްކަމެއް ކުރާކަން އަހަންނަކަށް ނުފެނޭ. ގަވާއިދުތަކާއި އުސޫލުތަކަށް އިހުތިރާމުކޮށް ކުރިއަށް ދާން ފެންނަނީ. ފޯކަސްކުރަންވީ ފުޓުބޯޅައަށް. ގަތަރަށް އައިސް މިތިބީ ފުޓުބޯޅަ ކުޅެން. ބަޔަކަށް މެސެޖުދިނުމުގެ މަސައްކަތްތަކެއް ކުރާކަށް ނޫން،" ޖަކާ ބުންޏެވެ.

ޖަރުމަނުގެ "އަނގަމަތީ އަތް އެޅުމަށް" ބައެއް ކެޕްޓަނުން ތާއީދު ނަމަވެސް ޖަކާ ވަނީ ނަމޫނާ ދައްކައި، ފުޓުބޯޅައަށް ފޯކަސް ކުރަން ގޮވާލައިފައެވެ. "ވަންލަވް" ކެޕްޓަން ބޭންޑް އަޅަން ފޫގަޅައިގެން މަސައްކަތް ކުރަމުންދަނީ ހުޅަނގުގެ އެފްއޭތަކުންނެވެ. ގަތަރުގެ ސަގާފަތާއި އިސްލާމީ އާދަކާދައަށް ފުށުއަރާ ކަމަކަށް ހުޅަނގުން މަސައްކަތް ކުރަމުންދާތީ ފީފާއިން ވަނީ އެތައް ފަހަރަކު އެކަންކަން ނުކުރަން އެދިފައެވެ. ހާއްސަކޮށް ވޯލްޑް ކަޕް ފެށުމުގެ ކުރިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ހުޅަނގު ގައުމުތަކުގެ މުނާފިގުކަން ފާހަގަކޮށްފައެވެ. އެއާއެކު ފީފާ ރައީސް ވިދާޅުވީ ހައްގުތަކަށް ވަކާލާތުކުރަން ހުޅަނގުން ލަދުގަންނަން ޖެހޭނެ ކަމަށާއި ހުޅަނގުން އުޅެނީ އަމިއްލަ އެދުމައިގެން ކަމަށެވެ.

ސްވިޒަލޭންޑުން ކެމަރޫނާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ މިއަދު މެންދުރުފަހު 3:00 ގައެވެ.