ބްރެޒިލުގެ ފުޓުބޯޅަ ތާރީހުގެ ސަބަބުން އޮންނަ ޕްރެޝަރު އަބަދުވެސް އޮންނާނެ ކަމަށާއި، އެ ޕްރެޝަރުން ސަލާމަތްވާން މިހާރު ކުޅުންތެރިންނަށް އެނގޭނެ ކަމަށް ކޯޗު ޓީޓޭ ބުނެފިއެވެ.
މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލަކީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. ތާރީހުގެ ތެރެއިން ޕެލޭ ފަދަ ކުޅުންތެރިންނާއެކު ތިން ތަށި އެގައުމުން ހޯދި އިރު، އެންމެފަހުން ވޯލްޑް ކަޕް ހޯދާފައި ވަނީ 2002 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ ވޯލްޑް ކަޕަކަށްވެސް ގިނަ ތަރިންތަކަކާއެކު ނުކުންނަ ބްރެޒިލަކީ އަބަދުވެސް ފެވަރިޓަކަށްވެފައި އޮންނަ އިރު، އެ ޕްރެޝަރަކީ އެޓީމަށް ތަށި ލިބުމަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކޯޗު ޓީޓޭއާއެކު ބްރެޒިލުން ރަނގަޅު ފޯމެއްގައި މިފަހަރު ވޯލްޑް ކަޕަށް ނުކުންނަ އިރު، ޓީޓޭ ބްރެޒިލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ޕްރެޝަރު ހެންޑްލް ކުރުން ކަމަށް ބެލެވެއެވެ. އެކަން މި ވޯލްޑް ކަޕްގައި ކުރެވޭނެ ކަމަށްވެސް ކޯޗު ބުނެއެވެ.
"ބްރެޒިލަކީ ފުޓުބޯޅައިގެ އެންމެ ބޮޑު ތާރީހު އޮތް، އެންމެ ބޮޑު ލެގަސީއެއް އޮތް ގައުމު. އެ ޕްރެޝަރު އަބަދުވެސް އޮންނާނެ. މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭނެ ކުޅުންތެރިން ބްރެޒިލުގައި އަބަދުވެސް ތިބޭނެ. އެކަން މިހާރު ނަގަނީ އާންމުކަމެއްގެ ގޮތުގައި. ވޯލްޑް ކަޕް ނަގަން ނުކުންނަ ޓީމަކަށް ޕްރެޝަރު އޮންނާނެ ކަމަށް ބަލައިގެން މި ނުކުތީވެސް،" ޓީޓޭ ޕްރި މެޗް ޕްރެސްގައި ބުންޏެވެ.
ބްރެޒިލުން ގްރޫޕް ޖީގައި ކުޅޭ ފުރަތަމަ މެޗަށް މިރޭ ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ.
ޓީޓޭ އިތުރަށް ބުނީ މިދިޔަ 20 އަހަރު ތަށި ނުނެގުމުގެ ޒިންމާ އޭނާ ނުނަގާނެ ކަމަށާއި، ދެ ވޯލްޑް ކަޕެއްގެ ދޭތެރޭ ލިބުނު ފުރިހަމަ ހަތަރު އަހަރެއް އޭނާއަށް ލިބުނީ މިފަހަރުގެ ވޯލްޑް ކަޕްގެ ކުރިން އެކަނި ކަމަށެވެ.
"ރަޝިއާ ވޯލްޑް ކަޕަށް ޓީމު ހަމައަކަށް އަޅުވަން އަހަންނަށް ލިބުނީ އެންމެ ދެއަހަރު. އެފަހަރު ޕްރެޝަރާ ކުރިމަތިލާން އަހަރެން ނުކުތީ. މިހާރު ހާލަތު ތަފާތު. އަހަރެން ބޭނުން ގޮތަށް ޓީމު ހާނުވަން ވަގުތު ލިބިފަ މިހާރު މިއޮތީ. އެހެންވެ އަހަރެން ހާސްވެފައެއް ނޫން މިހުރީވެސް. ޓީމާމެދު އުންމީދާއެކު ފަށާނީވެސް،" ޓީޓޭ އިތުބާރާއެކު ދެއްކި ވާހަކައިގައި ބުންޏެވެ.
ޓީޓޭއަކީ ކުރިން ބްރެޒިލް ގައުމީ ޓީމަށް، ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ކުޅުންތެރިއެކެވެ. އެކަމުގެ ސަބަބުން ބްރެޒިލްގެ މީޑިއާތަކުން އޭނާގެ ޓެކްޓިކްސްއަށް މިހާރުވެސް އަންނަނީ ސުވާލުތަކެއް އުފައްދަމުންނެވެ. އެގޮތުން އެޓޭކިން މެޗަކަށް ޓީޓޭގެ ވިސްނުން ގެންގުޅޭނެތޯ މީޑިއާއިން ސުވާލުތައް ކުރިމަތިކުރުވަމުން އަންނައިރު، އެންމެ ބޮޑަށް ޕްރެޝަރު ކުރަނީ ވިނީޝިއަސް ޖޫނިއާ ފަދަ އެޓޭކިން ކުޅުންތެރިންގެ ބޭނުން ޓީޓޭއަށް އެކަށީގެންވާ ގޮތެއްގައި ހިފޭނެތޯ ބުނެއެވެ.
ފުރަތަމަ 11ގެ އެއްވެސް ސުވާލަކަށް ޓީޓޭ ސީދާ ޖަވާބު ދީފައި ނުވާ އިރު، އޭނާ ބުނީ ބްރެޒިލަކީ މިހާރު "ތިން މޮޑެލް"އެއް ގެންގުޅޭ ޓީމެއް ކަމަށާއި، އިދިކޮޅު ޓީމަށް ބަލައި ޓެކްޓިކްސް ރާވާނީ އެންމެ އެކަށޭނެ ގޮތަކަށް ކަމަށެވެ. އެ ނިންމުން ނިންމުމުގެ ގާބިލުކަން އެބަހުރި ކަމަށްބުނެ ޓީޓޭ ވަނީ ނޫސްވެރިންނަށް ޖަވާބުވެސް ދީފައެވެ.
ބްރެޒިލުން ސާބިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނާނީ މިރޭ މެންދަމު 12:00 ގައެވެ.